ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އެ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތް ނިންމުމަށްޓަކައި ޕެންޝަން ފައިސާ ބޭނުން ކުރެވޭނެގޮތް ހައްދަވައި ދެއްވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވާފިއެވެ.
މުޢިއްޒު މިހެން ގޮވާލައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައި ޕެންޝަން އޮފީހަށާއި، ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ޓެގް ކުރައްވާފައެވެ. ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކުގެ ޚަރަދުތަކަށް ލުޔެއްދިނުމަށްޓަކައި އެ މީހެއްގެ ޕެންޝަން ފަންޑުގައި ހުރިފައިސާ އެކަމަށް ބޭނުންކުރުމުގެ އިޚުތިޔާރު އެ ރައްޔިތަކަށް ލިބޭނޭ ގޮތަކަށް ހަމަޖައްސަވައި ދެއްވުމަށެވެ.
ހިޔާ ފްލެޓްތައް އޭގެ ހައްޤުވެރިންނަށް ކަށަވަރުވެފައި ވީނަމަވެސް އެ ފްލެޓްތަކުގައި ބޮކިތަކާއި ފަންކާ އެއްވެސް ނުހުރެއެވެ. އަދި ތަށިމުށި ޖަހާފައި ނުވާއިރު ފާޚާނަތަކުގަ އާއި ކޮޓަރިތަކުގައިވެސް އެއްވެސް ދޮރެއްވެސް ހަރުކުރެވިފައި ނުވާކަން އެނގެއެވެ. މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި އެންމެ ކުރިންވެސް ފިނިޝިންގ ގެ މަސައްކަތް ނުހިމަނާކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުންވެސް އެ ކޮންޓްރެކްޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށްވެސް ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވެއެވެ. ހިޔާ ފްލެޓް މަޝްރޫޢުއަކީ ރައީސް ޔާމީންގެ ދައުރުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުއެކެވެ. ނަމަވެސް މި ސަރުކާރުގައި ފްލެޓްތަކުގެ ހައްޤުވެރިން ދެނެގަތުމަށްޓަކައި ގިނަ ދުވަސްތަކެއް ހޭދަވިކަން ވެސް ފާހަގަވެއެވެ. އަދި މި ކަމުގެ ޕްރެޝަރ ސަރުކާރަށް ބޮޑުވެ މިހާރު މިވަނީ އޭގެ ހައްޤުވެރިންނަށް ފްލެޓްތައްދީ ނިންމާފައެވެ. ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލުކުރުމަށް ވެސް ސަރުކާރުން މިހާރުދަނީ ހަލުވިކަމާއެކީ މަސައްކަތް ކުރަމުންނެވެ.