ޓެކްނޮލޮޖީގެ ވަސީލަތްތައް ގިނަވެފައިވާ މި ޒަމާނުގައި އެންމެންވެސް އާއިލާއެކު ހޭދަކުރާ ވަގުތުތައް މަދުކަން ފާހަގަ ކުރެވެއެވެ. ގޭގައި އާއިލާއާ އެކު ދިރި އުޅުނަސް ގިނަފަހަރަށް އާއިލާ އާއެކު ވަގުތު ހޭދަ ނުކުރެވެއެވެ. ސަބަބަކީ ސްކްރީންނަށް ދެވޭ ވަގުތު ގިނަވުމެވެ. ފޯނާއި ޓީވީ، ކޮމްޕިއުޓަރ، ޓެބްލެޓްގެ ދުނިޔެއަށް އަހުލުވެރި ވެފައިވުމާއެކު އާއިލާ އަށް ދެވޭ ސަމާލުކަން ކުޑަ ވެއެވެ. މިކަން ހަމަ އެކަނި ފެންނަނީ ކުޑަކުދިންގެ ކިބައަކުން ނޫނެވެ. ބޮޑެތި މީހުންގެ ގައިގައި ވެސް މިއާދަ ވަނީ ހަރުލާފައެވެ. އެހެންނަމަވެސް މިއީ ތަފާތު ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެކެވެ. އަޅުގަނޑުމެންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުފޯރާ ކަމެކެވެ.
އެމެރިކާގެ ހެލްތު ޖާނަލް އަކުން ހެދި ދިރާސާ އެއް ދައްކާ ގޮތުގައި ސޯޝަލް މީޑިއާ ގައި ގިނަވަގުތު ހޭދަކުރާ މީހާ މާ ބޮޑަށް އެކަނިވެރިވެ އެ އެ އެކަނިވެރިކަން ތަހައްމަލު ކުރަން ޖެހެއެވެ. މިގޮތުން އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރާ މީހުންނަށް ވުރެ ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުންގެ އެކަނިވެރިކަން މާބޮޑު ކަމަށް ހާމަ ވެފައި ވެއެވެ.
މީގެ އިތުރަށް ގިނަ ދިރާސާ ތަކުން ދައްކާ ގޮތުގައި ގިނަ ވަގުތު ބެލެނިވެރިން ނާ އެކު ހޭދަ ކުރާ ކުދިން ޢިލްމީ ގޮތުން ކުރިއެރުން ހޯދައެވެ. އެކުދިންނަށް ވާހަކަ ދެއްކުމުގެ ހުނަރާއި ޤާބިލިއްޔަތުކަން މާ ފުރިހަމައަށް ލިބިފައި ވެއެވެ. އަދި ވިސްނުން ތޫނުވެފައި ކަންކަމާމެދު ދުރު ވިސްނުން ހުރެއެވެ. ހަމަ އެއާއެކު ތަޢުލީމުގެ މުހިއްމުކަން ވިސްނެއެވެ. މީގެ އިތުރަށް ބެލެނިވެރިންނާއި އެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ނުރަނގަޅު އާދަތަކުން ވެސް ދުރުވެއެވެ. ރުޅިގަދަ ވުމާއި އެހެންކުދިންނަށް އިޙުތިރާމު ނުކުރުންފަދަ ކަންތައް ދިމާވުން ކުޑައެވެ. ޚާއްޞަކޮށް ގިނަވަގުތު ސްކްރީންގައި ހޭދަކުރާ ކުދިން ސަމާލުކަން ދިނުން ކުޑަ އެވެ. އަދި އެއްކަމެއްގައި ގިނަވަގުތު ދެމި ނުހުރެވޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.
މި ދުވަސްކޮޅަކީ އެންމެންވެސް ގިނަ ވަގުތު ގޭގައި އާއިލާ އާއި އެކު ހޭދަ ކުރަން ޖެހިފައިވާ ދުވަސް ވަރެކެވެ. އެހެންކަމުން ކުދިންނާއި އެކު ވަގުތު ހޭދަކުރުމަށްޓަކައި ކުރާނެ ކަންތައްތަކެއް ރާވާލުން ރަނގަޅެވެ. މިގޮތުން ކާ ގަޑި ތަކަކީ އާއިލާގެ ހުރިހާ މެންބަރުން އެކީ އެއްމޭޒު ދޮށުގައި ތިބޭ ވަގުތު ކަމުގައި ހެދިދާނެއެވެ. އަދި ގޭގައި އާއިލާ އާއެކު ކަސްރަތު ކޮށް ހަދާލުމަކީވެސް ކުދިން ވަރަށް އުފާ ވާނެ ކަމެކެވެ. މީގެ އިތުރަށް ތަފާތު ކުޅިވަރުތައް ކުޅުމުގައިވެސް އާއިލާ އާއި އެކު ވަގުތު ހޭދަކުރެވިދާނެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ ކުރީގައިވެސް ގޭގައި ތިބެ ނުލާހިކު ގިނަ ކުޅިވަރުތައް ކުޅެ އުޅުނު ބައެކެވެ.
ވާހަކަ ކިޔައި ދިނުމާއި ވާހަކަ ކިޔުއްވުންވެސް މިއީ އާއިލާ އާއެކު ކުރެވިދާނެ ކަންކަމެވެ. ބައްޕަމެން މަންމަމެންގެ ކުޑައިރުގެ ވާހަކަތައް ކުދިން އަޑުއަހާހިތް ވާނެއެވެ. މީގެ އިތުރަށް އެކުދިން ޝައުގުވެރި ވާކަހަލަ ވާހަކަތައްވެސް ކިޔައި ދެވިދާނެއެވެ. އަދި ތަފާތު ބާވަތް ތަކުގެ ފޮތްތައް ހޯދައި ކުދިންނާއި އާއެކު ފޮތް ކިޔުމުގައި މައިންބަފައިންވެސް ބައިވެރިވެ ކުރިއަށް ދާނަމަ އާއިލާއާ އެކު ހޭދަ ކުރާ ވަގުތު އިތުރު ވާނެއެވެ. އެކަމުން ޖިސްމާނީ އަދި ނަފުސާނީ ދުޅަ ހެޔޮކަން ލިބިގެން ދާނެއެވެ. އަދި އާއިލާގެ ގުޅުން ބަދަހިވެ އެކަކު އަނެކަކަށް އިހުތިރާމް ކުރުން އިތުރުވެގެން ދާނެއެވެ.