މޭ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ފެނަކަ އިން ނިންމައިފިއެވެ.
ފެނަކަ އިން މިއަދު ބުނީ ޔޫޓިލިޓީ ބިލުތަކުން ޑިސްކައުންޓް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން މި މަހުގެ ކަރަންޓު ބިލުތަކުން 40 ޕަސެންޓް އަދި ފެން ބިލުތަކުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ފެނަކައިގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި ވިޔަފާރިތަކުގެ ކަރަންޓާއި ފެން ބިލުތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.
ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ކަރަންޓު ބިލުން 40 ޕަސެންޓު ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަަށެވެ. އަދި ވިޔަފާރިތަކުގެ ކަރަންޓު ބިލުތަކަށް 20 ޕަސެންޓު ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހުވެސް ސަރުކާރުން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ ފެނާއި ކަރަންޓުގެ ޑިސްކައުންޓެވެ. އެފަހަރު ފެން ބިލްތަކުން ވެސް 40 ޕަސެންޓު ކަނޑައިދީފަ ވެއެވެ.