ޕެނަލްޓީގައި އިނގިރޭސި ވިލާތުގެ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް 11-10 އިން ކުރި ހޯދައި ސްޕެއިނުގެ ވިޔަރެއާލްއިން ފުރަތަމަ ފަހަރަށް ޔުއެފާ ޔުރޮޕާ ލީގުގެ ތަށި މިރޭ ކާމިޔާބު ކޮށްފިއެވެ.
ޕޮލެންޑުގައި ކުޅުނު މިރޭގެ ފައިނަލުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ވިޔަރެއާލްއިންނެވެ. ޔުނައިޓެޑުގެ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް އޭރިޔާގެ ތެރެއަށް ހުރަސްކުރި ވަގުތު ވެއްޓިފައި ކަހަލަ ގޮތަކަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް ޖެރާޑް މޮރޭނޯއެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ޔުނައިޓެޑުން ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފުގައި އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް އެޑިސަން ކަވާނީއެވެ.
މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ނިމުނުއިރު ދެޓީމު 1-1 އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ޕެނަލްޓީ ޝޫޓް އައުޓުގައި ވިޔަރެއާލްގެ 11 ވަނަ ޕެނަލްޓީ އެޓީމު ކީޕަރު އާޖެންޓީނާގެ ރުއްލީ ކާމިޔާބު ކުރުމަށްފަހު ދެން ކުރިމަތިލީ ޔުނައިޓެޑުގެ ކީޕަރު ސްޕެއިނުގެ ޑޭވިޑް ޑެހެއާގެ ޕެނަލްޓީ މަތަ ކުރުމަށެވެ. ޑެހެއާ ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލި ޕެނަލްޓީ ރުއްލީ މަތަކޮށް ފުރަތަމަ ފަހަރަށް ވިޔަރެއާލްއިން ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ކަށަވަރު ކުރިއެވެ.
މި ކާމިޔާބީގައި އެންމެ ބޮޑަށް ފާހަގަ ވެގެންދަނީ ވިޔަރެއާލްގެ ކޯޗް އުނައި އެމެރީއެވެ. މިއީ އޭނާގެ ކޯޗިން ކެރިޔަރުގައި މިތަށި ކާމިޔާބު ކުރި 4 ވަނަ ފަހަރެވެ. ސެވިއްޔާއާއެކު ތިންފަހަރު އެމެރީ މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު 2019 ވަނަ އަހަރު އާސެނަލް ގޮވައިގެންވެސް ޔުރޮޕާ ލީގް ފައިނަލަށް އެމެރީ ދަތުރު ކުރިއެވެ. އެކަމަކު ފައިނަލުގައި އެފަހަރު ބަލިވީއެވެ. މިސީޒަނުގައި ލަލީގާގެ 7 ވަނައިގައި އޮވެ ސީޒަން ނިންމާލަން ޖެހުނު ވިޔަރެއާލްއިން ޔުރޮޕާ ލީގް ކާމިޔާބު ކުރުމުން ކުރިއަށް އޮތް ސީޒަނުގައި އެޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ.
ވިޔަރެއާލްއާ ދެކޮޅަށް ޔުނައިޓެޑުން މިރޭ ނިކުތީ ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ތައްޓެއް ހޯދުމަށެވެ. އެކަމަކު މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ކުޅުނުނަމަވެސް ވިޔަރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ދެހަމަލާއެވެ.
ޔުނައިޓެޑަށް ސަޕޯޓް ކުރުމަށް ކުރީގެ ކާމިޔާބު ކޯޗް ސަރ އަލެކްސް ފާގަސަން މިރޭ ދަނޑުގައި ހުއްޓެވެ. މެޗަށްފަހު ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ގެރީ ނެވީލް ވަނީ ޔުނައިޓެޑުގެ ކޯޗް އަދި އޭނާއާއެކު ކުރިން ޔުނައިޓެޑަށް ކުޅުނު އޮލެގުނަ ސޯލްޝެއާ އާއި ކުޅުންތެރިންނަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. "ލަލީގާގެ ހަތްވަނައިގައި އޮވެ ސީޒަން ނިންމާލި ޓީމެއް ވިޔަރެއާލްއަކީ. ލަލީގާގެ ހަތްވަނައިގައި އޮވެ ސީޒަން ނިންމާލަން ޖެހުނު ޓީމެއް އަތުން ފަސޭހަކަމާއެކު މޮޅުވެވޭނެ ފެންވަރު ހުރި ޓީމެއް ޔުނައިޓެޑަކީ" ނެވީލް ބުންޏެވެ.
މިރޭގެ ފައިނަލަކީ ފާއިތުވެދިިޔަ 15 އަހަރު ތެރޭގައި ސްޕެއިނާއި އިންގްލެންޑުގެ ދެޓީމު ވާދަކުރި ޔޫރަޕުގެ 10 ވަނަ ފައިނަލެވެ. މިދިހަ ފައިނަލުންވެސް އިންގްލެންޑުގެ ޓީމުތައް ވަނީ ބަލިވެފައެވެ.