ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އޭނާގެ ކުރީގެ ކްލަބު ޗެލްސީއަށް ސަޕްރައިޒް ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލް ކުރާ ކަމަށް ކުރީގެ މަޝްހޫރު ފޯވާޑް ސްމެއުލް އެޓޫ ބުނެފިއެވެ.
"ބައެއް މީހުންގެ ނަޒަރުގައި މިފަހަރު ޗެމްޕިއަންސް ލީގް ތަށި އުފުލާލާނެ ފެވަރީޓުންނަކީ މެންޗެސްޓަރ ސިޓީ. އެކަމަކު އަހަރެންގެ ނަޒަރުގައި ފައިނަލެއްގައި ފެވަރީޓުންނެއް ނޯންނާނެ. މިއީ އެންމެ މެޗެއް. މިކަހަލަ މެޗެއްގައި ކޮންމެފަދަ ނަތީޖާއެއްވެސް ނުކުތުމުގެ ފުރުސަތު އޮންނާނެ" ބާސެލޯނާއާއެކު ދެފަހަރު އަދި އިންޓަމިލާނާއެކު އެއްފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި އެޓޫ ބުންޏެވެ.
"ތާރިހުން ފެންނަން އެބައޮތް ޗެމްޕިއަންކަން ހޯދި ދާނެ ކަމަށް ގަބޫލް ނުކުރެވި އޮތް ޓީމުން، ތަށި ހިފައިގެންދާ މަންޒަރު" ޗެލްސީން މިފަހަރު ސަޕްރައިޒް ނަތީޖާއެއް ނެރެދާނެކަމަށް އިޝާރާތް ކުރަމުން އެޓޫ ބުންޏެވެ.
މީގެ އިތުރުން އެޓޫ ބުނީ މިފަހަރުގެ ފައިނަލުގައި އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ޒުވާން ދެކުޅުތެރިން ކަމުގައިވާ ފިލް ފޯޑެން އަށާއި މޭސަން މައުންޓަށެވެ. ސިޓީގެ މެދުތެރޭގައި ފޯޑެން މުހިއްމު ދައުރެއް އަދާކުރާއިރު މައުންޓަކީ ޗެލްސީގެ މެދު ތެރޭގެ މުހިއްމު ތަނބެކެވެ. "މިއީ މިކަހަލަ ބޮޑު ފައިނަލަކަށް އެދެކުޅުންތެރިން ނުކުންނަ ފުރަތަމަ ފަހަރު. ނިމިދިޔަ ސީޒަނުގައި ފޯޑެން އާއި މައުންޓް އެވަނީ ނަތީޖާ ނެރުމުގައި މުހިއްމު ދައުރެއް އަދާކޮށް ފައިނަލުގައިވެސް މުހިއްމު ދައުރެއް އަދާކުރެވިދާނެކަން ސާބިތު ކޮށްދީފައި" އެޓޫ ބުންޏެވެ.
ޗެމްޕިއަންސް ލީގް ޗެލްސީއަށް މިފަހަރު ކާމިޔާބު ވުމަށް އެޓޫ އެދޭއިރު ޗެލްސީއާ ދެކޮޅަށް ނުކުންނަ ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާއަކީ ބާސެލޯނާއާއެކު 2009 ވަނަ އަހަރު އެޓޫ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އެޓީމުގެ ކޯޗެވެ. އެކަމަކު އެސީޒަނަށްފަހު ގާޑިއޯލާ، އެޓޫ އިޓަލީގެ އިންޓަމިލާނަށް ވިއްކާލުމުގެ ސަބަބުން އެޓޫގެ ހިތްހަމަ ނުޖެހުން ގާޑިއޯލާއާމެދު މިހާރުވެސް އޮވެއެވެ.
މިފަހަރުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހުއެވެ. މެން.ސިޓީ ފައިނަލުން ޖާގަަ ހޯދީ އެންމެފަހުގެ ރަނައަޕް ޕީއެސްޖީ ކަޓުވާލުމަށްފަހުއެވެ. މީގެ ކުރިން ޗެލްސީ އެއްފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާއިރު މެން.ސިޓީން މީގެ ކުރިން ފައިނަލުގައި ކުޅެފައް ނުވެއެވެ.
ޗެލްސީ އާއި މެން.ސިޓީ ބައްދަލު ކުރާ ފައިނަލް މެޗް ފަށާނީ މާދަމާ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.