ތެޅުން ގަނޑަކާއި ބޮޑު ލޮޅުން ގަނޑަކަށްފަހު އިންޓަނެޓް ގެ އަގުތައް މިވަނީ ހެޔޮކޮށްދީފައެވެ. ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު މި ފެންނަނީ، މިކަން ފިޔަވަޅު އެޅިގެން މިދިޔައީ، އިންޓަނެޓް ގެ ޚިދުމަތް ދޭ ކުންފުނިތަކުގެ އޯގާތެރި ކަމުންނެވެ. ދައުލަތުގެ ޒިންމާއެއް ނުވަތަ އިރާދާއެއްގެ ގާނޫނީ ވާޖިބެއް ފުރިހަމަ ކުރުމުގެ ޒިންމާއެއްގެ ތެރޭގައި ހިމެނިގެންނެއް ނޫނެވެ.
ކުރީގެ މީހުންނަށް ނުވީ ކަމެއް އަހަރެން މިއޮތީ ކޮށްފަ ނޫންހޭ ބުނާފަދަ ފަލްސަފާއެއްގެ ދަށުން ކޮށްފައިވާ ކަމެކެވެ. މި ގައުމުގައި އިސްލާހު ކުރަން ބޭނުންވާ ކަންކަން އިސްލާޙު ކުރުމަށް ނިކަން އަވަހަށް ގާނޫނެއް އެކުލަވާ ލުމާއި ގާނޫނު އިސްލާޙު ކުރުމުގެ ވާހަކަ ދެކެވެއެވެ. ނަމަވެސް އިންޓަރނެޓާ ގުޅޭ ގޮތުން މިފަދަ ވާހަކައެއް ނު ދެކެވެވެ.
ދެކުނު އޭޝިއާގައި އިންޓަނެޓް އެންމެ ގިނައިން ބޭނުން ކުރާގައުމަކީ، ދިވެހި ރާއްޖެއެވެ. މަޢްލޫމާތުގެ ރަސްމަގުގައި އުޅޭ މީހުންގެ ގައުމުތަކާއި އާބާދީގެ ނިސްބަތަށް ބަލާއިރު ބުނަނީ ހޭލުންތެރިކަމާއި ލިޔަންކިޔަން ދަތުމަކީ އިންޓަނެޓް ބޭނުން ކުރުން އިތުރުވާ ކަމެއް ކަމުގައެވެ. މި އުސޫލުން ބަލާއިރު، އަހަރަމެން، ދިވެހިން އިންޓަނެޓް ބޭނުން ކުރަނީ، ލޯސާފުކުރަން ނޫންކަން ކަށަވަރެވެ!
ގައުމުތަކުގައި އިންޓަނެޓް ބޭނުން ކުރާ އާބާދީ އަންދާސާ ކުރެވެނީ، އެގައުމުތަކުގެ އާބާދީގެ ހޭލުންތެރިކަމާއި ލިޔަންކިޔަން ދަތުމުގެ ނިސްބަތަށެވެ. އަދި އިންޓަރނެޓަކީ އަސާސީ ހައްގެއް ކަމަށް ދެކޭ ގައުމުތަކުގައި ލިޔަން ދަތުމުގެ ނިސްބަޔާއި ހޭލުންތެރިކަން ބޮޑު ކަމަށް ބެލެވެއެވެ. ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން އިންޓަނެޓް ބޭނުން ކުރާ ގިނަ މީހުން އިންޓަނެޓް ބޭނުން ކުރަނީ މަޢްލޫމާތު ލިބިގަތުމަށާއި އަމިއްލަ ތަރައްގީ އަށެވެ. ކްރިސްޓިއަން ސައިންސް މޮނީޓަރގެ ރިޕޯޓެއްގައި ބުނެފައި ވަނީ އިންޑިއާއާއި ޕާކިސްތާންގައި މީހުން އިންޓަރނެޓަށް ވަންނަނީ ބިޓެއް ހޯދުމުގެ އުންމީދުގައެވެ. އިންޑިއާއާއި ޕާކިސްތާންގެ ކޮންމެ ފަސް މީހަކުން އެކަކު ބުނެފައި ވަނީ އިންޓަރނެޓަކީ ބިޓެއް ހޯދުމަށް ފަސޭހަތަނެއް ކަމަށެވެ. ބީބީސީގެ މި ޚިޔާލު ހޯދުމުގައި ބައިވެރިވި، ކޮރެއާއި ޗައިނާގެ މީހުންގެ ތެރޭން ކޮންމެ ފަސް މީހަކުން އެކަކު ބުނެފައިވަނީ އިންޓަރނެޓަކީ ބިޓެއް ހޯދަން ފަސޭހަ ތަނެއް ކަމަށެވެ.
ކޮވިޑް19އާ ގުޅިގެން އެޅިގެން ދިޔަ ހުރަސްތަކުގެ ސަބަބުން ހުރަސްތައް ގިރާކުރުމަށް އެންމެ މުހިންމު ވަސީލަތަކަށް ވެގެން ދިޔައީ އިންތަރނެޓެވެ. މީހުން ދިޔައީ މަޢްލޫމާތުގެ ރަސްމަގުގައި ވިޔަފާރިކޮށް ކޮންފަރެންސާއި ބައްދަލުވުންތައް ބާއްވަމުންނެވެ. މިއިން އެނގިގެން ދިޔައީ، އިންޓަނެޓްގެ މުހުހިންމު ކަމެކެވެ.
މި ރިޕޯޓް ލިޔުނު ވަގުތު ދުނިޔޭގައި އެ މިނެޓްގެ ތެރޭގައި އިންޓަނެޓް ބޭނުން ކުރަމުންދާ މީހުނގެ އަދަދކީ 4,931,160,901 އެވެ.
ދިވެހިރާއްޖޭގައި އިންޓަނެޓް ބޭނުން ކުރާ މީހުންގެ ނިސްބަތަކީ އާބާދީއަށް ބަލާއިރު، 53.6 އިންސައްތައެވެ. މި އަދަދު ކޮވިފދްގެ ހާލަތުގައި މިއަށް ވުރެން ބޮޑަށް އިތުރު ވާނެކަން ޔަގީނެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު، އިންޑިއާ 34 ޕަސެންޓް މީހުން، ސްރީލަންކާ 29.3 ޕަސެންޓް، ޕާކިސްތާން 17.8 ޕަސެންޓް
ނޭޕާލް 17.2 ޕަސެންޓް، ބަންގްލަދޭޝް 13.2 ޕަސެންޓް، އަފްޣާނިސްތާން 6.8 ޕަސެންޓެވެ.
ދިވެހިން ވަރުގެ، ހޭލުންތެރި އާބާދީއަކަށް ހިމަ ހޮޅިއަކުން ތިއްކަކުން ތިއްކަކުން ބޮޑު އަގުގައި އިންޓަނެޓް ދިނުމަކީ ދެވޭނެ ވޭންދެނިވި އަނިޔާއެއްކަން ޔަގީނެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ސެބްމެރިން އޮޕްޓިކް ފައިބަރ ކޭބަލްގެ ބޭންޑްވިތު ބޮލަކަށް އެންމެ ގިނައިން ޖެހޭ ގައުމެވެ. އެކަމަކުވެސް ރާއްޖޭގައި ބޭންޑްވިތު ބޮޑެއް ނުކުރެވެއެވެ. އަދި ޚިދުމަތުގެ އަގުވެސް ދަށެއް ނުކުރެވެއެވެ.
އައިސްލެންޑަކީ އާބާދީގެ އެންމެނަށް އިންޓަނެޓް ދޭ ހަމައެކަނި ގައުމެވެ. ދެކުނު އޭޝިއާގައި ކެރިގެން ދިވެހިރާއްޖެއިން ރިކޯޑެއް މުގުރާލާ ލުމަށް، ދިވެހި ދައުލަތުން އެހީވާނެނަމަ، ދުނިޔޭގެ ފަށްފުށްތަކުގައި ބޮޑު ކާމިޔާބީއެއް ލިޔެވިގެންދާނެއެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި މިވަރުގެ ހަކަތައެއް ހުރިނަމަ، އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެކަމަށް އުންމީދުކޮށްގެން ތިބެމާ ހެއްޔެވެ!
ދުނިޔޭގެ ރައްޔިތުންގެ ބޮޑު ބައެއް ދެކެނީ، އިންޓަނެޓަކީ އަސާސީ ހައްގެއްކަމަށް ބީބީސީން ދެ އަހަރު ވަންދެން އެއްކުރި ޑޭޓާއިން ދައްކައެވެ. އިންޓަރނެޓަކީ، އަސާސީ އިންސާނީ ހައްގެއް ކަމަށް ކަނޑައަޅާފައިވާ ގައުމުތަކަކީ، ފިންލެންޑް، އެސްޓޯނިއާ، ސްޕެއިން، ގްރީސް އަދި ކޮސްޓާރިކާއެވެ.
މިއީ ގައުމުތަކުގެ މެދުގައިވެސް ބަހުސަށް ހުޅުވާލެވިފައިވާ މައްސަލައެކެވެ. އދން ގަބޫލުކުރާ ގޮތުގައި އިންޓަނެޓަކީ އަސާސީ ހައްގެކެވެ.
2016 ވަނަ އަހަރު، އދން ޔުނިވަރސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސްގެ މާއްދާ 19އަށް ބަދަލު ގެނަސްފައި ވެއެވެ. މި މާއްދާގައި ބުނެފައިވަނީ، ކޮންމެ ވަސީލަތެއް މެދުވެރިކޮށްގެން ވިއަސް މަޢްލޫމާތު ލިބުމާއި ޚިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމުގައެވެ. މި މައްދާގެ 32 ވަނަ ނުކުތާގައި އިންޓަނެޓް ގައި އިންސާނީ ހައްގުތައް ހިމާޔަތް ކޮށް ޕްރޮމޯޓް ކުރުމަށްވެސް ބާރުއަޅާފައި ވެއެވެ. އަދި ޑިޖިޓަލް ޕްރައިވެސީއަށް ވެސް ބާރުއަޅާފައި ވެއެވެ.
މި އިސްލާހަށް ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ޗައިނާ އިންޑިއާ ސައޫދީ އަރަބިއްޔާ ހިމެނެއެވެ.
މިމާއްދާގެ ދަށުން ގައުމުތަކުގެ ސަރުކާރުތަކަށް މުޒާހަރާތަކާއި ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އިންޓަނެޓް ބްލޮކެއް ނުކުރެވޭނެއެވެ. މި މާއްދާ ފާސްކުރި ފަހުންވެސް މިފަދަ އަމަލެއް ހިންގާފައި ވަނީ މަދު ޚުދު މުޚުތާރުވެރިކަން ކުރާ ގައުމެއްގައެވެ. އެވެސް 35 މައްސަލައަށް ވުރެން އިތުރު ކަމަކަށް ނުދައްކައެވެ.
ދިވެހިރާއްޖޭގެ ހާލަތުގައި އިންޓަނެޓްގެ އަގު ހެޔޮ ކުރަން ސަރުކާރަށް ރައްޔިތުން ގޮވާލާ ސަބަބަކީ މި ދާއިރާ ރެގިއުލޭޓް ނުކުރެވި އޮތުމުންނެވެ. ކޮންސިއުމަރ ރައިޓްސް ޕްރޮޓެކް ކުރުމުގެ އުސޫލުތައް ލިޔެފައި ވީނަމަވެސް އެކަން އަމަލީ މަސައްކަތަށް ތަރުޖަމާ ކުރެވިފައެއް ނުވެއެވެ. ރާއްޖޭގައި އިންޓަނެޓްގެ އަގު ކޮންޓްރޯލް ކުރަނީ ޚިދުމަތް ދޭ ކުންފުނިންނެވެ. ހަގީގަތުގައި މިއިން އެއް ކުންފުންޏަކީ އަނެއް ކުންފުނީގެ ހިއްސާގަނެފައިވާ ފަރާތެއްކަމުން ބާޒާރުގެ ހަމަތައް ކޮންޓްރޯލް ކުރަނީ އެއް ޕާޓީނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ރާއްޖޭގެ އަގުތައް ބޮޑުވެގެން ދިއުމުގެ ސަބަބުން މަޢްލޫމާތުގެ ރަސްމަގުން ރައްޔިތުންނަށް ލިބެންވާ ފައިދާތައް ނުލިބެއެވެ. ރައްޔިތުންގެ ޑިވެލޮޕްމަންޓަށް ހުރަސް އެޅެއެވެ. ޒުވާން ޖީލުގެ އުފެއްދުންތެރިކަމަށާއި އެމީހުންގެ އީޖާދީ ފިކުރަށް ހުރަސް އެޅެއެވެ.
މިވާހަކަ އެންމެ ރަނގަޅަށް ސާބިތުވާނީ، އދން ފާސްކޮށްފައިވާ "އެޖެންޑާ 2030 ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް" ހާސިލުކުރުމަށް އެކުލަވާލާފައިވާ Agenda 2030 Sustainable Development Goals (SDGs), ދިމާވާ ހުރަސްތައް ވަޒަން ކުރުމުންނެވެ.
އެސްޑީޖީގައި ބައިވެރިވުމަށް ސޮއިކުރި 193 ގައުމުގެ ތތެރޭގައި ރާއްޖެވެސް ހިމެނެއެވެ. އދން ބުނެފައި ވަނީ އެސްޑީޖީ ހާސިލުކުރުމަށް އިންޓަރނެޓަކީ މުހިންމު ވަސީލަތެއް ކަމުގައެވެ.
އެސްޑީޖީގައި ހިމެނޭ 17 ދާއިރާއިން ކާމިޔާބީ ހޯދުމަށްޓަކައި ރައްޔިތުންގެ އަތް ފޯރާފަށަށް އިންޓަނެޓް ލިބުމަކީ ޕޮލިސީތައް ކަނޑައަޅާ ފަރާތުން ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އެންވެ، މިކަމަކީ، ރައްޔިތުންނަށް ވެދޭ ޚައިރާތެއްގެ ގޮތުގައި ކުންފުންފުންޏަކުން ކޮށްދޭ ކަމަކަށް ވުރެން ބޮޑު ކަމެކެވެ.
އެސްޑީޖީގައި ހިމެނޭ އިންޓަނެޓާ ގުޅުން ހުރި ލަނޑުދަނޑިތަކަށް ބަލާލަމާ ހެއްޔެވެ!
އެސްޑީޖީގައި ހިމެނޭ 8 ވަނަ ލަނޑުދަނޑިން 11 ވަނަ ލަނޑުދަނޑިއާ ހަމައަށް ހިމެނޭ، ލަނޑުދަނޑިތަކަކީ އިންޓަރނެޓާ ގުޅުން ހުރި ލަނޑު ދަނޑިތަކެވެ.
8 ވަނަ ލަނޑު ދަނޑިއަކީ؛ އަބުރުވެރިކަމާއެކު އާމްދަނީ ހޯދުމަށް މަސައްކަތެއް ލިބުމާއި ދެމެހެއްޓެނިވި ގޮތަކަށް އިގްތިސާދީ ތަރައްގީއަށް ފުރުސަތު ހޯދައި ދިނުމެވެ. އިންޓަނެޓް ފަސޭހަކަމާއެކު ލިބުމަކީ އިގްތިސާދީ ތަރައްގީއަށް ލިބިގެންދާ މުހިންމު ހިތްވަރެކެވެ. ކޮވިޑް19ގެ ތަޖުރިބާއިން ވެސް އެނގިގެން ދިޔައީ އިންޓަނެޓް ބޭނުންކޮށްގެން މީސްމީޑިއާގެ ޒަރީއާއިން ރައްޔިތުން، އެމީހުންގެ އުފެއްދުންތަކާއި ސާމާނު ވިއްކައިގެން އެދެވޭ އާމްދަނީއެއް ހޯދައި ކާމިޔާބުވި ކަމެވެ. ފުރަބަންދާއެކު ގެއިން މީހުން މަސައްކަތް ކުރުމުން ރައްޔިތުންގެ ބިލްތައް ބޮޑުވެ އައިސްއެސްޕީގެ އާމްދަނީ އިތުރު ވެގެން ދިޔައެވެ. އައިއެސްޕީތަކުން ބޭންޑްވިތުވެސް ހަނިކޮށް ފެލާލުމުގެ އުސޫލުން ޚިދުމަތް ދިނެވެ.
9 ވަނަ ލަނޑުދަނޑިއަކީ، ސިނާއަތްތެރިކަން ތަރައްގީ ކުރުމާއި އީޖާދުކުރުމަށް ހިތްވަރު ދިނުމާއި އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމެވެ. ޒުވާނުންގެ ފުދުންތެރިކަން އިތުރުކުރުމާއި އެމީހުންގެ އީޖާދީ ބިނާކުރުމުގެ ހުނަރު، ތަރައްގީ ކުރުމަށް އިންޓަނެޓް ފަސޭހަކަމާއެކު ލިއްބައި ދިނުމަކީ މި ލަނޑު ދަނޑީގެ ދަށުން ކުރަން ޖެހޭ ކަމެކެވެ. ކުދި ސޮފްޓްވެއަރ ޑިވެލޮޕަރުން ހިމެނޭނީ އެސްއެމްއީގެ ދަށުންނެވެ. ކުދި ވިޔަފާރިތައްވެސް މީގައި ހިމެނެއެވެ. ކޮންމެ އާބާދީއެއްގައި (ރަށެއްގައި) އިންޓަނެޓް ގެ އިންފްރާސްޓްރަކްޗަރ ގާއިމް ކޮށްފައި ހުންނަން ޖެހެއެވެ. ކޮންމެ ރަށެއްގައި ދިރާގާއި އުރީދޫއަށް މާސިންގާ ދިގު އެންޓެނާއެއް ޖެހުމަށް ބިޔަ ބިމެއް ދީފައި ވެއެވެ. މިތަންތަނުން ރަށުގެ އިންޖީނުގެއަށް ލިބޭ މަދު ރުފިޔާއަށް ވުރެން އިތުރު ފައިދާއެއް ރަށު މީހުންނަކަށް ނުލިބެއެވެ.
10 ވަނަ ލަނޑިދަނޑިއަކީ، ތަފާތުތައް ކުޑަ ކުރުމެވެ. ދުރު ރަށްރަށުގެ މީހުންނަށްވެސް ވެރިރަށާއި ސިޓީތަކުގެ މީހުންނަށް ލިބޭފަދައިން އިންޓަނެޓް ލިބުމަކީ، މި ލަނޑުދަނޑީގެ ދަށުން ލާޒިމު ވެގެންވާ ކަމެކެވެ.
11 ވަނަ ލަނޑު ދަނޑިއަކީ، ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމް ކުރެވިފައިވާ ސިޓީތަކާއި އާބާދީތައް ބިނާ ކުރުމެވެ. އާބާދީގައި ސަރުކާރުން ހިންގާ ޚިދުމަތްތަކުގެ މަޢްލޫމާތު ފަސޭހައިން ލިބޭ ގޮތް ހަދައި، ކިއު ނުޖެހި އިންޓަނެޓް މެދުވެރިކޮށް ޚިދުމަތް ދިނުމަކީ މި ލަނޑު ދަނޑީގެ ދަށުން ސަރުކާރުން ކޮށްދޭން ޖެހޭ ކަމެކެވެ.
އިންޓަނެޓް ގެ ޚިދުމަތް ދިނުމާއި ބްރޯޑްބޭންޑް ގެ ޚިދުމަތް ވެސް އަދި މިނިވަންކަމާއެކު އިންޓަނެޓްގެ ކަނެކްޝަން ލިބުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި އަސާސީ އިންސާނީ ހައްގުތައް، ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށްޓަކައި ދައުލަތަށް އޮތް ޒިންމާއެކެވެ.
އދގެ ބެލުމުގެ ދަށުން، 2003 ގެ ޑިސެމްބަރު މަހު ބާއްވާފައިވާ ވަރލްޑް ސަމިޓް އޮން ދަ އިންފޮމޭޝަން ސޮސައިޓީ އިން ޖެނީވާގައި ވަނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މަޢްލޫމާތު ލިބުމުގެ މުހިންމު ކަމުގެ މައްޗަށް ގަރާރު ފާސްކޮށްފައެވެ.
ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތި ބަޔެއްގެ މޮނޮޕޮލީއަށް ނުވަތަ ޑުއޯޕޮލީއަށް ރައްޔިތުންގެ ތަރައްގީއަށް މުހިންމު ވަސީލަތެއް ދޫކޮށްފައި ބޭވުމަކީ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ މަޢްލޫމާތި ހޯދައި ލިބަގުތުމާއި ޚިޔާލުފާޅު ކުރުމާއި އަދި "އެޖެންޑާ 2030 ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް" ހާސިލުކުރުމަށް އެޅޭ ހުރަހެއްކަން ޔަގީނެވެ.