ފައިޒަރ-ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން، އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަނުން ދީފިއެވެ.

މިއީ، ކުޑަކުދިންނަށް ދިނުމަށް އީޔޫއިން ހުއްދަދިން ފުރަތަމަ ވެކްސިނެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ހުކުރު ދުވަހު ބުނީ، ފައިޒަރ ވެކްސިން ކުޑަކުދިންނަށް ދީގެން އެ ކުންފުނިން ހެދި ޓެސްޓުތަކުން، އެ ވެކްސިން ކުޑަކުދިންނަށް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ސައިޑް އިފެކްޓްއާ މެދުވެސް ކަންބޮޑުވާންޖެހޭ މާ ބޮޑެތި ކަންތައްތަކެއް ނެތް ކަމަށެވެ.

މި ވެކްސިންއަކީ ރައްކާތެރި އަދި ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމަށާއި، އެ އުމުރުގެ ކުދިންނަށް ޖަހާނެ ވެކްސިނެއް ލިބުމަކީ، ކޮވިޑް ބައްޔާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ވެރިޔާ މާކޯ ކަވަލޭރީ ވިދާޅުވެފައި ވެއެވެ.

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށްވެސް ފައިޒަރ ވެކްސިންގެ 2 ޑޯޒް ޖަހަން ޖެހެއެވެ.

އަދި ބޮޑެތި މީހުންނަށްވެސް މިހާރު ޖަހާގޮތަށް، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ ތިން ހަފްތާވަރު ފަހުން ކަމަށްވެސް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނެފައި ވެއެވެ.

ޔޫރަޕްގައި އުފައްދާ ފައިޒަރ ވެކްސިންގެ ބްރޭންޑް ނަމަކީ "ކޮމިރްނެޓީ" އެވެ.

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ދިނުމާ ގުޅިގެން، އެ އުމުރުގެ ކުދިންނަށް މި ވެކްސިން ދޭން ފެށުމާއި، އަދި ފަށާނީ ކޮން އިރަކުކަން ކަނޑައެޅުމުގެ އިޚްތިޔާރު މިހާރު އޮތީ އީޔޫގެ މެމްބަރު ގައުމުތަކުގެ އަތްމަތީގައެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ހުކުރު ދުވަހު ހުއްދަ ދިނުމުގެކުރިން، ޖަރުމަން ބުރާސްފަތި ދުވަހު ބުނެފައިވަނީ، ޖޫން 7 ގައި ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށާނޭ ކަމަށެވެ. އިޓަލީން ބުނެފައިވަނީ، ވެކްސިން ޖެހުމުގެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށެވެ.

ފުރާވަރަށް އަރާ އުމުރުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް އެމެރިކާއާއި ކެނެޑާއިން މީގެކުރިންވަނީ ހުއްދަދީ، އަދި އެ އުމުރުގެ ކުދިންނަށް ވެކްސިން ޖަހަންވެސް ފަށާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ ޖަޕާނުންވެސް މިހާރުވަނީ ދީފައެވެ.

ކޮވިޑް ބަލިން ދިފާއުވުމަށް ކުޑަކުދިންނަށް ވެކްސިން ދޭން ފެށުމަކީ، ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ވަރަށް ނާޒުކު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޒުވާނުންނަށް ކޮވިޑް ޖެހުނަސް، ބަލީގެ ހާލަތު ގޯސްވެގެން ނުދިއުމާއި، އަދި ގިނަ ޒުވާނުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް، ނޭނގި ނަމަވެސް، މުޖުތަމައު ތެރޭގައި އެހެން މީހުންގެ މެދުގައި ބަލި ފަތުރާ ބަޔަކަށް އެފަދަ ޒުވާނުން ވެފައި ވެއެވެ.