ޗެމްޕިއަންސް ލީގް ފައިނަލުގައި މިރޭ ދެޓީމުން ކުރެ ޓީމަކަށް ނުވަދިހަ މިނެޓް ވަންދެން މެޗް ޑޮމިނޭޓް ނުކުރެވޭނެ ކަމަށާއި ޗެމްޕިއަންކަން ހޯދޭނީ ލަނޑު ޖަހަން ލިބޭ ފަޅި ފުރުސަތުގެ ބޭނުން ހިފާ ޓީމަކަށް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ބާސެލޯނާއާއެކު 2009 އަދި 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ގާޑިއޯލާ ބުނީ ކޮންމެ ޓީމަކަށްވެސް މެޗުގައި އެޓީމެއް ކޮޅަށް އަނބުރާލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލް ކުރާކަމަށެވެ. "މެޗުގައި ޗެލްސީއަށްވެސް އަދި ސިޓީއަށްވެސް ނަތީޖާ އަނބުރާލުމަށް ފުރުސަތު ލިބޭނެ. އެކަމަކު މޮޅު ވެވޭނީ އެފަޅި ފުރުސަތުގެ ބޭނުން ހިފޭ ޓީމަކަށް" ގަޑިއޯލާ ބުންޏެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނީ ޗެލްސީއިން ސިޓީއަށް "ގެއްލުން" ތަކެއް މިރޭގެ ފައިނަލުގައި ދޭނެ ކަމަށްވެސް އިޝާރާތް ކޮށްފައެވެ. "ޗެލްސީން މިރޭ އަހަރެމެންނަށް ގެއްލުންތަކެއް ކުރިމަތި ކުރުވާނެކަން ޔަގީން. ކުއާޓާ ފައިނަލުގައި ޑޯޓްމަންޑުން އަދި ސެމީފައިނަލުގައި ޕީއެސްޖީން ކޮންމެ ލެގެއްގެ ފުރަތަމަ ހާފުގައި އަހަރެމެންނަށް ގެއްލުންތަކެއް ކުރިމަތި ކުރި. އެކަމަކު މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި އެކަންކަމާއި ކުރިމަތިލައި ނަތީޖާ ސިޓީ ކޮޅަށް އަނބުރާލާފައި އޮތުމަކީ މިމެޗަށް ނުކުންނައިރު ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް" ގާޑިއޯލާ ބުންޏެވެ.
ޗެލްސީގެ ކޯޗް ޖަރުމަނުގެ ތޯމަސް ޓުޗެލް ބުނީ އޭނާގެ ޓީމު އޮތީ ފައިނަލަށް ފުރިހަމައަށް ތައްޔާވެފައި ކަމަށާއި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "ކާންޓޭ އާއި އެހެން ކުޅުންތެރިންވެސް ތިބީ ފިޒިކަލީ އަދި މެންޓަލީ ފިޓްކޮށް. އެންމެންނަށްވެސް އެނގޭނެ ގާޑިއޯލާ ހުންނަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ހަނގުރާމައެއްކަން. ޔޫރަޕަށް ނުވަތަ މުޅި ދުނިޔެއަށް ބެލިޔަސް މެން.ސިޓީއަކީ އެންމެ މޮޅު ޓީމުހެން އަހަންނަށް ހީވަނީ. މެން.ސިޓީ އާއި އެހެން ޓީމުތަކާ ބޮޑު ފަރަގެއް އެބައޮތް. ލީގަށް ބަލައިފިނަމަ ޗެލްސީ އާއި އޮތް ފަރަގުވެސް ފެންނާނެ" ޓުޗެލް ބުންޏެވެ.
މީގެ އިތުރުން ޓުޗެލް ބުނީ ފާއިތުވެދިޔަ ދެމަސް ތެރޭގައި މެން.ސިޓީއަށް ދެކޮޅަށް ކުޅުނު ދެމެޗުން ޗެލްސީ މޮޅުވެފައި އޮތުމަކީ މިމެޗުގައި އެކަމުން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އެދެމެޗުގައި ޗެލްސީން ދާދި އެއްފުރަތަމަ އެގާރަ ބޭނުން ކުރިއިރު މެން.ސިޓީއިން ދެމެޗަށްވެސް ނެރެފައިވަނީ ފުރަތަމަ އެގާރަ ވަރަށް ބޮޑަށް ތަފާތު ކޮށްގެންނެވެ. ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ގާޑިއޯލާއަށް ޓެކްޓިކަލީ އޮތް ބޮޑު އެޑްވާންޓޭޖެކެވެ.
ޗެމްޕިއަންސް ލީގުގެ ތާރިހަށް ބަލާއިރު އެންމެފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަލަށް ކުޅުނު 7 ޓީމުވެސް ވަނީ ބަލިވެފައެވެ. މީގެ ތެރެއަށް އެންމެފަހުން އިތުރުވި ޓީމަކީ ޓުޗެލްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ފައިނަލުގައި ކުޅެ ބަލިވި ޕީއެސްޖީއެވެ. މިފަހަރުގެ ފައިނަލަކީ މެން.ސިޓީ ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ފައިނަލަކަން ފާހަގަ ކޮށްލެވެއެވެ. އެކަމަކު މެން.ސިޓީގެ ކޯޗް ގާޑިއޯލާ ޗެމްޕިއަންސް ލީގް ފައިނަލުގައި އަދި މިހާތަނަށް ބަލިވެފައެއް ނުވެއެވެ.
މެން.ސިޓީ އާއި ޗެލްސީ ބައްދަލު ކުރާ ފައިނަލް މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.