ޔުއެފާ ޗެމްޕިއަންސް ލީގް ތަށި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމުގެ ހުވަފެންތައް ދެކެމުން ދިޔަ ކޯޗް ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީގެ މައްޗަށް 0-1 އިން ފައިނަލުގައި ކުރި ހޯދައި ޗެލްސީން ޔޫރަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފިއެވެ.

ޕޯޗުގަލްގެ ޕޯޓޯގެ އެސްޓާޑިއޯ ޑޯ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބު ކުރީ މިސީޒަނުގައި ޖަރުމަނުގެ ބަޔާލެވަކޫސަނުން 62 މިލިޔަން ޕައުންޑަށް ގެނައި މިޑްފީލްޑަރު ކައި ހަވާޓްޒް،21، އެވެ. ހަވާޓްޒް މިލަނޑު ޖެހީ ހައިލަނުގައި ކުޅެމުންދިޔަ މެން.ސިޓީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ދެޑިފެންޑަރުންގެ ދޭތެރެއިން ބޯޅަ ހިފައިގެން ދެމިގަނެ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ކީޕަރު އޭމަސަން ކައިރިން ނައްޓާލުމަށްފަހު މަޑުމަޑުން ގޯލުގެ މެދަށް ބޯޅަ ފޮނުވާލައިގެންނެވެ. ދެވަނަ ހާފުގައި މެޗް ކޮންޓްރޯލްކޮށް ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މެން.ސިޓީއަށް އެންމެ ބޮޑަށް މައްސަލަ ދިމާވީ މެދުތެރޭގެ މައިތަނބު ކެވިން ޑިބްރޭނާއަށް ދެވަނަ ހާފުގެ ކުރީކޮޅު އަނިޔާވެ ބާލަން ޖެހުމުންނެވެ. އޭގެ ކުރިން ފުރަތަމަ ހާފް ނިމުމަކާ ގާތް ވެފައި ވަނިކޮށް ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާއަށް އަނިޔާ ވެގެން ބާލަން ޖެހުނެވެ.

ފައިނަލަށް މެން.ސިޓީން ނެރުނު ފުރަތަމަ އެގާރައިގައި ޑިފެންސިވް މިޑްފީލްޑަރަށް އާންމުކޮށް މެން.ސިޓީން ކުޅުވާ ފެނާންޑީނިއޯ އާއި ރޮޑްރީގެ ބަދަލުގައި ބާނާޑޯ ސިލްވާ ހިމަނާފައި ވުމުންނާއި މިފަހުން އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ ވިންގަރ ރަހީމް ސްޓަރލިން ހިމެނުމުން ގިބަޔަކަށް ހައިރާންކަން ލިބުނެވެ. ޗެލްސީން ނެރެފައިވާ ފުރަތަމަ އެގާރައިގައި ހިމަނާފައި ވަނީ މެން.ސިޓީގެ މައްޗަށް އެންމެފަހުން އެފްއޭ ކަޕް ސެމީފައިނަލުގަޔާއި އިނގިރޭސި ޕްރިމިއަރ ލީގުގައި ކުރި ހޯދި ފުރަތަމަ އެގާރައެވެ.

މިމެޗުގެ ތަރިޔަކަށް އަދި މިފަހަރު ޗެމްޕިއަންސް ލީގުގެ ތަރިޔަކަށް ވެގެންދިޔައީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގްލޯ ކަންޓޭއެވެ. ފައިނަލް މެޗް ކުޅެމުންދިޔަ ވަގުތު މެން.ސިޓީންގެ ޓްވިޓާ އެކަންއުންޓުން ވަނީ ކަންޓޭއަށް ތައުރީފްކޮށް ޓްވީޓެއްވެސް ކޮށްފައެވެ. "ނަތީޖާ ހަމަހަމަ ކުރެވޭނީ ކަންޓޭ ފަހަނައަޅައި ދެވިގެން" މެން.ސިޓީގެ ޓްވިޓޫގައި ބުނެފައިވެއެވެ. މެޗުގެ ފެށިގެން ނިމެންދެން ކަންޓޭ ފެނުނީ މެން.ސިޓީއިން އުފައްދަން މަސައްކަތް ކުރި ކޮންމެ ހަމަލާއެއް ހުއްޓުވުމަށާއި ޗެލްސީން އުފައްދަން މަސައްކަތް ކުރި ކޮންމެ ހަމަލާއެއް އުފެއްދުމަށްޓަކައި ބޯޅައާއެކު ކުރިއަށް އަރާ މަންޒަރެވެ.

މިއީ ޗެލްސީން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އަދި ޔޫރަޕުގެ 4 ވަނަ ތައްޓެވެ. މީގެ ކުރިން ޗެލްސީން ވަނީ ޔުރޮޕާ ލީގްވެސް 2 ފަހަރު ކާމިޔާބު ކޮށްފައެވެ. އަނެއްކޮޅުން މިއީ މެން.ސިޓީ ޔޫރަޕުގެ ފައިނަލެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މެން.ސިޓީ މިސީޒަނުގައި ޗެލްސީ އަތުން ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ. ސިޓީގެ ކޯޗް ގާޑިއޯލާގެ ކޯޗިން ކެރިޔަރުގައި އެންމެ ގިނަފަހަރު (8 ފަހަރު) ބަލިވެފައި ވަނީވެސް ޗެލްސީ އަތުންކަން ފާހަގަ ކޮށްލެވެއެވެ.

ޗެލްސީއިން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުން އެންމެ ބޮޑު އުފަލެއް ލިބިފައި ވަނީ ކޯޗް ތޯމަސް ޓުޗެލްއަށެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީ ގޮވައިގެން ޗެމްޕިއަންސް ލީގް ފައިނަލަށް ނުކުމެ ބަޔާން މިޔުނިކް އަތުންވީ ބައްޔެވެ. އަދި މިސީޒަނުގެ ކުރީކޮޅު ޕީއެސްޖީގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އެކްލަބުން ޓުޗެލް މަގާމުން ވަކިކުރިއެވެ. ޗެލްސީގެ ކޯޗްކަން ޓުޗެލްއާ ހަވާލު ކުރީ، ސީޒަނުގެ ކުރީކޮޅު ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ޗެލްސީއަށް އެދެވޭ ނަތީޖާތަކެއް ނެރެވެމުން ނުދިޔުމުގެ ސަބަބުންވެ.