ކަލަރސް އިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ، ބިގް ބޮސް މިއަހަރު އޮކްޓޫބަރު މަހު ފަށާގޮތަށް ނިންމާފިއެވެ. މި ޝޯއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އަދި ހޯދަމުން އަންނަ ޝޯއެކެވެ. މި ކުޑަކުޑަ ރާއްޖޭގައި ވެސް މި ޝޯއަށްވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ.
މިހާރު މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުންދަނީ ބައިވެރިން ހޮވުމަށްޓަކައި އޮޑިޝަން ބާއްވަމުންނެވެ. މިއަހަރުގެ ފެބްރުއަރީމަހުފެށި މި އޮޑީޝަން ނިމޭނީ މިމަހުގެ އެއްތިރީހުގައެވެ. ޚަބަރުތައް ބުނާގޮތުން މި ޝޯގެ ޕްރޮޑަކްޝަން ޓީމުން ދަނީ މި ސީރީޒުން ކުރިން ފެނިގެންދިޔަ ބައެއްފަންނާނުންނާވެސް ވާހަކަ ދައްކަމުންނެވެ. މި ސީޒަނަކީ ސްކްރީނުތަކުން ފެންނަ ތަރިންނާއި ޢާއްމުން ބައިވެރިކޮށްގެން ގެންދާ ރިއަލިޓީ ޝޯ އެކެވެ. ޝޯ ހުށައެޅުންތެރިޔާ އަދި ބޮލީވުޑްގެ ސްޕަރ ސްޓަރ ސަލްމާން ޚާން ބުނެފައިވަނީ މިފަހަރުވެސް ބިގްބޮސް ގެ ގެއަށް ވައްދާނީ ތަރިންނާއި ޢާއްމުން ކަމަށެވެ.
މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ޚަތްރޯންކޭ ކިލާޅީގެ ބައިވެރިޔާ އަދި ޓީވީ އެކްޓްރެސް ދިވްޔާންކާ ތްރިފާޓީ އާއި އޭނާގެ ފިރިމީހާ ވިވެކް ދަހިޔާ ހިމެނިގެންދާނެކަމަށް ޚަބަރު ފެތުރިފައިވެއެވެ. މީގެ އިތުރުން ޓީވީ ޝޯ "ބަލިކާ ވަދޫ"ގެ ތަރި ނޭހާ މަރްދާވެސް މި ޝޯއިން ފެނިގެން ދާނެކަމަށް ޚަބަރުތައް ބުނެއެވެ. އަދި 2011 ވަނަ އަހަރު ސްޓަރ ޕްލަސްއިން ދެއްކި "އިސް ޕިޔާރިކޯ ކިޔާ ނާމް ދޫންގީ" އިން ޚުޝީގެ ރޯލުން މަޤުބޫލުކަން ހޯދާފައިވާ ޝަނާޔާ އިރާނީވެސް މި ޝޯއިން ފެނިގެން ދާނެކަމަށް ބެލެވެއެވެ.
އެންމެ ފުރަތަމަ މި ޝޯ ދައްކާފައިވަނީ 2006 ވަނަ އަހަރު ސޮނީ ޓީވީ އިންނެވެ. އެ ޝޯ ހޯސްޓު ކޮށްދީފައިވަނީ ބޮޅީވުޑްގެ ތަރި އަރުޝަދު ވާސީއެވެ. އެއަށް ފަހުން މަޝްހޫރު އެތައް ތަރިންނެއްވަނީ މި ޝޯ ހުށަހަޅާދީފައެވެ. އޭގެތެރޭގައި އަމީތާބު ބައްޗަން، ޝިލްޕާ ޝެޓީ، ސަންޖޭ ދަތު އަދި ފަރަހް ޚާން ހިމެނެއެވެ. މި ޝޯ ފެށުނީއްސުރެން ބިގް ބޮސްގެ އަޑު މިހާތަނަށް އަޅާދީފައިވަނީ އަތުލް ކަޕޫރެވެ. އަދި ބިގް ބޮސްގެ ހަވަނަ ސީޒަނުންފެށިގެން މި ޝޯ ހުށަހަޅައިދެމުން އަންނަނީ ސަލްމާން ޚާނެވެ.
އެންމެ ފަހުން ދެއްކި ބިގް ބޮސްގެ 14ވަނަ ސީޒަންގައިވެސް ވަނީ ގިނަބަޔަކު ބައިވެރިވެފައެވެ. މި ސީޒަންގެ އެއްވަނަ ހޯދާފައިވަނީ ޓީވީ ތަރި ރުބީނާ ދިލައިކް އެވެ.