މިއަދަކީ ދިވެހި ރާއްޖޭގެ ސްކައުޓް ޙަރަކާތަށް 65 އަހަރު ފުރުނު ދުވަހެވެ. ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނީ، 1956 މޭ 30 (18 ޝައްވާލު 1375) ގައެވެ. ސްކައުޓް ޙަރަކާތް ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓީ އޭރުގެ މަދަރުސަތުލް މަޖީދިއްޔާގައެވެ.

ސްކައުޓް ޙަރަކާތް ރާއްޖޭގައި ފެށުނުތާ ގިނަ ދުވަސްތަކެއް ފާއިތުވީ ފަހުން، 1980ގެ މެދުތެރޭގައި ސްކައުޓް އެސޯސިއޭޝަން އުފައްދައި، ސްކައުޓް ޙަރަކާތް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް އެ ސޯސިއޭޝަންގެ ދަށަށް ބަދަލު ކުރެވުނެވެ.

ފާއިތުވި 65 އަހަރު ތެރޭ މިހަރަކާތާއި ރާއްޖޭގެ އެތައް ބަޔަކު ގުޅިފައިވެއެވެ. މިހާރު މިވަގުތު 11،000 އަށް ވުރެ ގިނަ މެންބަރުން ސްކައުޓް އެސޯސިއޭޝަންގައި އެބަތިއްބެވެ.

ސްކައުޓް ޙަރަކާތަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޚާއްޞަ ތަރުޙީބެއް ލިބިފައިވާ ޙަރަކާތެކެވެ. މިހާރު މިޙަރަކާތުގެ އާބާދީ ވަނީ، 54 މިލިއަނަށް އަރާފައެވެ.

ސްކައުޓް ޙަރަކާތް އަމާޒު ހިފަނީ، ސްކައުޓް ޔޫތު ޕްރޮގްރާމްގެ ތެރެއިން ޒިންމާދާރު ފަރުދެއް ބިނާ ކުރުމަށެވެ. އެ ފަރުދަކީ، ސްކައުޓްގެ ވަޢުދުގައި ބުނާހެން އޭނާގެ ދީނީ ވާޖިބުތައް ފަރުވާތެރިކަމާއެކު އަދާކުރާ، އަބަދުވެސް އެހީތެރިވުމުގެ ރޫޙުގައި ތައްޔާރުވެ ތިބޭ، ސްކައުޓް ޤާނޫނޫ ނުވަތަ ސްކައުޓެއްގެ ކިބައިގައި ހުންނަންވާނެ ކަމަށް ކަނޑައެޅިފައިވާ ސިފަތަކުން ޒީނަތް ތެރިވެފައިވާ މީހެކެވެ.

މިހާރު ރާއްޖޭގެ 80 އަށްވުރެ ގިނަ ރަށުގައި އަދި 100އަށް ވުރެ ގިނަ ސްކޫލުގައި ސްކައުޓް ޙަރަކާތް ރަޖިސްޓްރީ ކުރެވިފައި ވެއެވެ.

ސްކައުޓް ޙަރަކާތުގައި ހިންގާ ހުރިހާ ޕްރޮގުރާމުތަކަކަކީވެސް ކުދިން އަމިއްލައަށް އިސްނަގައިގެން އަމިއްލަ އަށް ތަޖުރިބާ ކުރަން ފުރުޞަތު ފަހިކޮށްދޭ ޙަރަކާތެކެވެ. މި ޙަރަކާތުގައި ކުދިންނަށް އާންމު ދިރިއުޅުމުގައި ތަޖުރިބާކުރަން ނުލިބޭ، ގޭތެރޭގެ މާހައުލުގައި ކުރަން ބޭނުންވާ ނަމަވެސް ފުރުޞަތު ނުލިބޭ ކަންކަން ތަޖުރިބާ ކޮށްލަން މަގުފަހިކޮށްދެއެވެ. ކުދިންގެ އުމުރާ ގުޅޭގޮތުން ކަނޑައެޅިފައިވާ ޕްރޮގުރާމުތަކުގެ ތެރެއިން އެކުދިން ބޭނުންވާ ގޮތަށް އަހަރުދުވަހުގެ ޙަރަކާތްތައް ރޭވުމުގެ ފުރުޞަތު ލިބިދެއެވެ. މިހެން ކަމުން ކުދިންނަށް އަމިއްލަ އަށް އިސްނަގައިގެން ޒިންމާ އަދާ ކުރުމަށް ފުރުޞަތު ހުޅުވޭތީ އެކުދިން މި ޙަރަކާތަށް ޝައުގުވެރިވެއެވެ.

ސްކައުޓް ޙަރަކާތަކީ، އެ ޙަރަކާތުގެ ތެރެއިން، 6 އަހަރުން ފެށިގެން 26 އަހަރާ ދޭތެރޭގެ ހުރިހާ ޢުމުރެއްގެ ފަރާތްތަކަށް އެކަށީގެންވާ ޕްރޮގްރާމްތަކެއް އަމާޒުކޮށްގެން ކުރިއަށްދާ ޙަރަކާތެކެވެ. މި ޙަރަކާތުގެ ތެރެއިން މުޖުތަމަޢަށް ފައިދާހުރި، ފަރުދީ، މަންފާއަށްވުރެ މުޖުތަމަޢުގެ މަންފާ އިސްކުރާ ރައްޔިތެއް ބިނާ ކުރެއެވެ. މިމަސައްކަތުގައި ޝާމިލުވަނީ، ޚާއްޞަ ތަމްރީނު ލިބިގެންވާ ސްކައުޓް ލީޑަރުންނެވެ. އެކަން މިހާރުވެސް ރާއްޖެއަށް ދިމަވާ އެކި އެކި ކާރިސާ ތަކުގައި ސްކައުޓުން ނުކުމެ ސާބިތު ކޮށްދީފައި ވެއެވެ. ދުނިޔޭގައި ފެތުރެމުން މިދާ ނުރައްކާތެރި ބަލި މަޑުކަން މި ރާއްޖޭގެ މައި ދޮރާށީން ވަން ދުވަހުންފެށިގެން މިކަމަށް އެހީ ތެރިވުމަށް އެންމެ ކުރީ ސަފުގައި ސްކައުޓުން ހަރަކާތް ތެރިވުމީ މިކަން ސާބިތުވާ ހެއްކެކެވެ.

އަދި މިޙަރަކާތަކީ ސްކޫލްތަކުގައި ހިންގާ ޙަރަކާތްތަކުގެ ތެރެއިން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށްވެސް ބައިވެރިވެވޭ މަދު ޕްރޮގުރާމުތަކުގެ ތެރޭގައި ހިމެނޭ ޙަރަކާތެކެވެ.

މި ޙަރަކާތް ރާއްޖޭގައި އެންމެ ފުރަތަމަ ފެށިގެން އައީ، ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ކަމެއްގެ ގޮތުގައި ނަމަވެސް، 2000ގެ ކުރީކޮޅު، މިޙަރަކާތުގެ ބައިނަލްއަޤުވާމީ އުޞޫލުތަކާ އެއްގޮތަށް ރާއްޖޭގައިވެސް އަންހެން ކުދިން ސްކައުޓަށް ވެއްދުމުގެ ހުއްދަ ސްކައުޓް އެސޯސިއޭޝަނުން ދެއްވިއެވެ.

ދުނިޔޭގެ ސްކައުޓް ޙަރަކާތަށް 100 އަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ދިވެހި ރާއްޖޭގައި ސްކައުޓް ޙަރަކާތް ހިނގަމުން ދާތާ މިވީ ކުރު މުއްދަތުގައި ސަރަޙައްދީ ފެންވަރުގަޔާއި އަދި ދުނިޔޭގެ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައި ވެއެވެ. މިގޮތުން ޞަރަޙައްދީ ސްކައުޓް އޮފީހުގެ ރީޖަނަލް ޑައިރެކްޓަރު ކަން ދިވެއްސަކު ކޮށްފައި ވުމާއި، ސަރަޙައްދީ ސްކައުޓް ކޮމެޓީގެ މެންބަރުންގެ ގޮތުގައި ދިވެހި ސްކައުޓުން ޝާމިލުވުން ހިމެނެއެވެ. އަދި ރީޖަނަލް ޔޫތް ސްކައުޓް ފޯރަމްގެ ރައީސްކަން ދިވެހި ސްކައުޓެއް ކަމުގައިވާ މައީދު މުޙައްމަދު ޒާހިރު ކުރައްވާފައި ވެއެވެ. އަދި ސަރަޙައްދީ ފެންވަރުގައި ހޮވާ އެންމެ ފާހަގަކޮށްލެވޭ ސްކައުޓުންގެ ގޮތުގައި ދިވެހި ސްކައުޓުން ހިމެނިފައިވެއެވެ. ދުނިޔޭގެ ސްކައުޓް ޙަރަކާތުން ދޭ އެންމެ މަތިވެރި ޝަރަފު ދިވެހި ސްކައުޓެއް ކަމުގައިވާ އަބުދުﷲ ރަޝީދަށް ލިބި ވަޑައިގެންފައި ވެއެވެ.

ސްކައުޓް ކައުންސިލްގެ ރައީސް އަލް އުސްތާޒު ހުސެން މުޙައްމަދު ހަނީފު ވިދާޅުވިގޮތުގައި ސްކައުޓް ޙަރަކާތް ރާއްޖޭގައި ކުރިއެރުވުމަށް ހުރި މައިގަނޑު ގޮންޖެހުމަކީ، އެސޯސިއޭޝަންގެ ދަށުން ޙަރަކާތް ރާވާ ހިންގާއިރު ޙަރަކާތުގެ ކަންކަން ކުރިއަރުވައި، ޒަމާނީ ބަދަލު ގެނައުމަށް ބޭނުންވާ މާލީ ތަނަވަސްކަން ސްކައުޓް އެސޯސިއޭޝަންގައި ނެތުމެވެ. އެކަމުގެ ސަބަބުން، އެސޯސިއޭޝަންގެ މަސައްކަތް ހަމައެކަނި ވޮލަންޓިއަރުންގެ މައްޗަށް ބަރޯސާވާން ޖެހެއެވެ. އަދި މިޙަރަކާތް ހިންގާނެ ޢިމާރާތެއްގެ ދަތިކަންވެސް މީގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް އެސޯސިއޭޝަންގެ މަސައްކަތް ކުރުމަށް އެކަށީގެންވާ ޢިމާރާތެއް ކުރުމަށްޓަކައި ބިމެއް ދެއްވާނެ ކަމުގެ އިޝާރާތެއް މިހާރުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.

ސްކައުޓް ޙަރަކާތަކީ ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޒުވާނުން ރަގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކޮށްދޭ ޙަރަކާތެކެވެ. ދިވެހި ސްކައުޓުން ޤައުމާށާއި އެމީހުން ދިރިއުޅޭ މުޖުތަމައަށް ހިލޭ ސާބަހަށް ކޮށްދޭ ޚިދުމަތް މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ. އަދި ސްކައުޓް ޙަރަކާތް ފުޅާކޮށް ކުރިއެރުވަށް ސްކައުޓް އެސޯސިއޭޝަންއިން ކުރައްވާ މަސައްކަތަށް ކާމިޔާބީ އެދެމެވެ.