އައްޑޫސިޓީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި 8 މީހުންގެ ތެރެއިން 5 މީހުން ދޫކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މި 5 މީހުން ދޫކޮށްލާފައިވަނީ ކޯޓުން ބަންދުގައި ބައިތިއްބަން އަމުރު ނުލިބުމުގެ ސަބަބުން ކަމަށެވެ.

މިމަހުގެ 15ވަނަ ދުވަހު އައްޑޫެ ސިޓީން ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ މީހުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި މީހުންނަކީ ބޮމާއި ހަތިޔާރުފަދަ ތަކެތި އުފެއްދުމުގައި އުޅެމުންދާ ބައެއްކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން ހިންގި އޮޕްރޭޝަންގެ ދަށުން މާލެއިން ސިޓީއިން 9 މީހަކާއި އައްޑޫ ސިޓީން 9 މީހަކުވަނީ ހައްޔަރު ކޮށްފައެވެ. މި މީހުންގެ ތެރޭގައި 2007ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަ ނުޖެހުންތަކުގައި ޖަލަށް ލާފައިވާ ޢަބްދުالله އަލިމަނިކުވެސް ހިމެނެއެވެ. މީނާއަކީ ދެފަހަރު ޖަލަށްލުމުންވެސް ޖަލުން ފިލާފައިވާ މީހެކެވެ. މީގެ އިތުރުން ސީރިޔާ އަށް ޖިހާދަށް ދަނިކޮށް ތުރުކީ ބޯޑަރުން ހައްޔަރުކޮށް ރާއްޖެއަށް ގެނައި މީހެއްވެސް ހިމެނޭކަމަށް ފުލުންވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން މިހާތަނަށްވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ. މި އެންމެން ކޮވިޑް19 އަށް ފައްސިވެފައިވާތީ އާއި ތަހުޤީގު ޓީމުގެ ބައެއް މީހުންވެސް ކޮވިޑް19 އަށް ފައްސިވެފައިވާތީ މި މައްސަލައިގެ ތަހުޤީގު ކުރުމަށް ލަސްތަކެއް އައިސްފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުالله ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގައި ރައީސް ނަޝިދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖެއިން ވަނީ ފަރުވާ ހޯދާފައެވެ. އެހެން ނަމަވެސް އިތުރު ފަރުވާ ހޯދުމަށްޓަކައި މިމަހު 21ގައި ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ.