އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކައިވެނި ބައްލަވައިގެންފިއެވެ.

ބޮރިސް ޖޯންސަން ކައިވެނި ބައްލަވައިގެންނެވީ ލޯބިވެރިޔާ ކެރީ ސައިމަންޑްސްއާ އެވެ.

ހޮނިހިރު ދުވަހު ކައިވެނީގެ ހަފްލާ ބޭއްވި ނަމަވެސް، އެކަން ކޮށްފައިވަނީ ވަރަށް ސިއްރިއްޔާތުގައެވެ.

ހަފްލާ ބާއްވާފައިވަނީ ލަންޑަންގެ މެދުތެރޭގައި ހުންނަ ރޯމަން ފައްޅިއެއް ކަމަށްވާ ވެސްޓްމިންސްޓަރ ކެތީޑްރަލްގައެވެ.

ކައިވެނީގެ ހަބަރު ބޮޑުވަޒީރުގެ އޮފީހުން އާންމުކުރީ އާދީއްތަ ދުވަހުއެވެ.

ބޮޑުވަޒީރު ކައިވެނި ކުރައްވަން އުޅުއްވާ ކަމެއް ކުރިން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ކައިވެންޏަށް ދައުވަތު ދިން މީހުންނަށްވެސް އެކަން އަންގާފައިވަނީ އެންމެފަހު މިނެޓުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބޮރިސް ޖޯންސަން ކައިވެނި ބައްލަވައި ގަންނަވަން އުޅުއްވާ ކަމުގެ އެއްވެސް ހަބަރެއް، ބޮޑުވަޒީރުގެ އޮފީހުގެ އިސް އޮފިޝަލުންނަށްވެސް ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށް ވެއެވެ.

ބޮރިސް ޖޯންސަން ވެވަޑައި ގެންނެވި، ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ކައިވެނި ބައްލަވައިގަތް އިނގިރޭސި ދެވަނަ ބޮޑުވަޒީރަށެވެ.

މީގެކުރިން، މަގަމުގައި ހުންނަވައިގެން ކައިވެނި ބައްލަވައިގެންފައިވަނީ މީގެ ދެގަރުނުކުރިން 1822 ވަނަ އަހަރު ބޮޑުވަޒީރު ރޮބަޓް ޖެންކިންސަންއެވެ.

ބޮރިސް ޖޯންސަން 2019 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގަމާ ހަވާލުވެވަޑައި ގަތީއްސުރެ އޭނާއާއި، ކެރީ ސައިމަންޑްސް ދިރިއުޅުއްވަނީ އެކުގައެވެ. ބޮޑުވަޒީރަށް ޚާއްސަ ގެކޮޅު، ޑައުނިންގ ސްޓްރީޓްގައެވެ.

އުމުރުފުޅުން 56 އަހަރުގެ ބޮރިސް ޖޯންސަންއާއި، އުމުރުފުޅުން 33 އަހަރުގެ ކެރީ ސައިމަންޑްސް އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އަދި 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފިރިހެން ދަރިކަލަކުވެސް ލިބިވަޑައިގެންފައި ވެއެވެ. ދަރިކަލުންގެ ނަމަކީ ވިލްފްރެޑް ލޯރީ ނިކޮލަސް ޖޯންސަންއެވެ.

ބޮރިސް ޖޯންސަން ކައިވެނި ބައްލަވައިގެންނެވި ހަބަރު އާދީއްތަ ދުވަހު އާންމު ކުރުމާއެކު، ސިޔާސީ އެތައް އެކުވެރިން އޭނާއަށް މަރްހަބާ ވިދާޅުވެފައި ވެއެވެ.

ބޮރިސް ޖޯންސަން މީގެކުރިންވެސް ދެ ކައިވެންޏެއް ކުރައްވާފައި ވެއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންފައިވަނީ ކިތައް ދަރިކަލުންކަމެއް އަދި އަދަށް ދާންދެންވެސް އޭނާ ހާމައެއް ނުކުރައްވައެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޒާތީ ދިރިއުޅުއްވުމަކީ ސިއްރުން ފުރިގެންވާ ދިރިއުޅުއްވުމެއް ކަމަށް މީޑިއާއިން ބުނެއެވެ.