ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހެއްގެ މޫނުމަތީގައި އޭނާގެ އެހީތެރިޔަކަށްހުރި މީހާ ޖެހި ވިޑީއޯއެއް އާންމުވިއެވެ. އެއާ އެކު އެމީހާއާ ދެކޮޅަށް ތަފާތު ޝުޢޫރުތައް ސޯޝަލް މީޑިއާގައި އެކި މީހުން ބަންޑުން ކޮށްލިއެވެ. ރަތްމަހަށް ނުކުރާވަރު އެމީހާއަށް ކޮށްލިއެވެ. ވާނީ ވެސް އެހެންތާއެވެ. މިއޮތީ ބިދޭސީއަކު ދިއްވެއްސަކަށް އަނިޔާކޮށްފަވިއްޔާއެވެ.
ހުޅުމާލެ ފެސިލިޓީގައި އޮތް މީހާއަށް އަނިޔާކުރި ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާ ބަލަން ހަވާލުކޮށްފައިހުރީ ބަނގުލަދޭޝްގެ ފިރިހެނަކާއެވެ. އެއީ ރޫފަ ރަނގަޅު ޒުވާނެކެވެ. ޢުމުރަކީ 31 އަހަރެވެ. އެއްވެސް ރަޙުމެއް ހަމްދަރުދީއެއްނެތި ބަލި މީހާގެ މޫނުމަތީގައި ޖެހީ އެއަތުންނެވެ.
އޯގާތެރި ކަމުގެ ޒައްރެއްގެ މިންވަރު ވެސް އޭނާގެ ހިތުގައި ނެތީއެވެ. އެ ޖެހިޖެހުމުގެ ސަބަބުން ބަލިމީހާ ރޯންފެށިއެވެ. ދިފާޢުގައި އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އެންމެ ކުޑަމިނުން ޖެހިތަނުގައި އަމިއްލަ އަތުން ފިރުމާލެވޭ ވަރަށްވުރެސް ހާލުދެރައެވެ. އެމީހާގެ ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭން ހިތަށް ގެެންނާށެެވެ. އެ މަންޒަރާއި އަޑު އެހުމަށްފަހު ލޯތަކުން ކަރުނަ ހިލުނެވެ.
ތެދެކެވެ! ބިދޭސީއަކު ބަލިމީހާގާތު ބެހެއްޓީ އާއިލާއިންނެވެ. އެކަން އެގޮތަށް ކުރުމުން އެ އާއިލާއަށް ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. އެހެނަސް އެކަން އެގޮތަށް ކުރުމުގައި އާއިލާއަށް އޮތީ ކޮންފަދަ އުޒުރުވެރިކަމެއް ކަމެއް ނޭނގެއެވެ. މައިން ބަފައިން މުސްކުޅިވެ ނުވަތަ ބަލިވުމުން އެމީހުންނަށް އަޅާލުމާއި ރައްކާތެރިކަންދީ އޯގާތެރި ކަމާއެކު ބެލުމަކީ ދަރިންގެ މައްޗަށް އޮތް ކަމެކެވެ. މުސްކުޅިވެ ބަލިވި ދުވަހު ބިދޭސީއެއްގެ އަތްމައްޗަށް އެމީހާ ދޫކޮށްލި ސަބަބު އެނގޭނީ އެމީހާގެ އާއިލާއަށެވެ. ކޮންމެ ގޮތެއް ވިޔަސް އެ ބިދޭސީމީހާ ބަލިމީހާއަށް އަނިޔާކޮށްފިއެވެ. ތަދުކޮށްފިއެވެ. ހިތުގައި ޖައްސައިފިއެވެ. އިންސާނީ ކަރާމާތް ނަގާލައިފިއެވެ.
ކަށަވަރުވާ އެއްކަމެއް އެބައޮތެވެ. ބަލިމީހާ ބަލަން ބިދޭސީ މީހާ ހަވާލުވާނީ ހަމައެކަނި ފައިސާގެ ބޭޭނުމުގައެވެ. ފައިސާގެ ބަދަލުގައި އާއިލާއިން ބޭނުންވާނީ އޯގާތެރިކަމާއެކު ބަލިމީހާ ބެލުމަށެވެ. އެހެނެސް ކަންވެގެންދިޔައީ އިދިކޮޅަށެވެ. ބިދޭސީ މީހާ ޚިޔާނާތްތެރިވީއެވެ. އަނިޔާވެރިވީއެވެ. ނަތީޖާއަކީ ފުލުހުންގެ ބަންދަށް އޭނާ ގެންދިއުމެެވެ.މި ހިސާބުން މިވާހަކަ ބާއްވާނީއެވެ.
ކޮވިޑް-19 އަކީ އާދައިގެ ބައްޔެއް ނޫނެވެ. މީހާގެ ހަށިގަނޑުގެ މުޅި ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވައެވެ. ނަފުސާނީ ގޮތުން މީހާ އެއްކޮށް ބަލިކޮށްލައެވެ. ބަލިން ފަސޭހަވެފައިވާ މީހުން ވެސް ދެތިން މަސްވަންދެން ތަފާތު ޝަކުވާ ކުރެއެވެ. ގައިގައި ރިއްސާ ވާހަކައެވެ. ބޮލުގައި ރިއްސާ ވާހަކައެވެ. ބޯ އަނބުރާ ވާހަކައެވެ. މޭގައި ރިއްސާ ވާހަކައެވެ.
ކޮވިޑް -19 އަކީ ވަކި ޚާއްސަ ފަރުވާއެއް، ބޭހެއް މިހާތަނަށް އުފެއްދިފައިވާ ބައްޔަކަށް ނުވާއިރު މިފަދަ ޙާލަތުގައި އުޅޭ މީހުން އެންމެ ބޮޑަށް ބޭނުންވާނީ އޯގާތެރިކަމެވެ. އަޅާލުމެވެ. ރަހުމާއި ހަމްދަރުދީއެވެ. ލޯތްބާއި ކުލުނުވެރިކަމެވެ. ޚާއްސަކޮށް އާއިލާ މީހުންގެ ފަރާތުންނެވެ. ނަމަވެސް މިއާ އިދިކޮޅަށް ކަންކަން ހިނގަމުންދާތަން އެބަފެނެއެވެ.
އައްޑޫ ސިޓީގެ އަވަށެއްގައި ވަނީ އެފަދަ ކަމެއް ހިނގާފައެވެ. ގޭ އެންމެން ބަލިވެއްޖެއެވެ. ހުން އައިސް ކެއްސާ ކިނބިހި އަޅަން ފެށިއެވެ. އެންމެފަހުން އެކަމުގެ އަސަރު އެގޭގައި ކިޔަވަންހުރި ރަށުންބޭރު އަންހެން ކުއްޖަކަށްވެސް ފޯރައިފިއެވެ. ފުލޫކުލިނިކަށް ދާން އޭނާ ތައްޔާރުވިއެވެ. އެހެނަސް އެތަނަށް ނުދިއުމަށް އެގޭ މީހުން ބާރުއެޅިއެވެ. ކޮވިޑަށް ޕޮޒިޓިވް ވެއްޖެއްޔާ ގެ ކަރަންޓީން ކޮށްފާނެތީއެވެ. އެހެނަސް އެކުއްޖާ ޑޮކްޓަރަށް ދެއްކިއެވެ. ކޮވިޑަށް ޓެސްޓް ކުރިއެވެ. ކުލިނިކަށް ގޮސްފައި އެނބުރި އައީ ގެއަށެވެ. އެކުއްޖާގެ ނަތީޖާ ލިބުނުއިރު އޭނާ ކޮވިޑަށް ޕޮޒިޓިވް އެވެ. ކަމަކުދާކަށްނެތެވެ. ގޭތެރޭގައި "ހުޅުފަޅައިގެން" ހިގައްޖެއެވެ. އެގެއަށް ކޮވިޑް ވެއްދީ އެކުއްޖާ ކަމުގެ ތާޖު ބޮލުގައި އަޅުވައި ވަގުތުން އެގެއިން ނުކުމެގެންދިއުމަށް އެންގިއެވެ. އަދި އެކަން އެ ކުއްޖާގެ މައިންބަފައިންނަށް ވެސް އެންގިއެވެ. އެގެއިން ނުކުމެގެންގޮސް އޭނާ ވަންނާނެ އެހެންތަނެއް ނެތެވެ. އެހީވާނެ ބަޔަކު ނެތެވެ. އެންމެ ފަހުން އައްޑޫ އީއޯސީއާއި، ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އެކުއްޖާގެ ރަށަށް މިހާރުވަނީ ގެންގޮސްފައެވެ.
ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އެންމެ އެހީތެރިކަމަށް ބޭނުންވާ ވަގުތު ގެއިންނެރެނީއެވެ. ތަޅަނީއެވެ. އޯގާތެރިކަމުގެ ކަންފުޅެއް ވެސް ނެތީއެވެ. އެންމެންގެ ވާހަކައެއް ނޫނެވެ. މިގޮތަށް އަމަލުކުރާ މަދު މީހުންގެ ވާހަކަ އެވެ. މިހުރިހާ ކަމެއް މޮޅަށް ބައްލަވައި ވޮޑިގެންވާ ކީރިތި ވަންތަ ﷲ ގެ ހުސްތާހިރިވަންތަ ކަމުގެ ބޮޑުކަމާއެވެ. އަޅުގަނޑުމެންގެ ހިތްތަކުން ހަމްދަރުދީއާއި ލޯތްބާއި އޯގާތެރިކަން އުފުއްލަވައި ނުގަންނަވާށިއެވެ. އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ލައްވައި އެގުޅުން ބަދަހި ކުރައްވާށިއެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން އަޅުގަނޑުމެންގެ ބަދަހި ސަފުތައް ނިކަމެތި ނުކުރައްވާށިއެވެ. މިފަދަ ބަލިތައް ޖެހޭ މީހުންނަށް އަނިޔާކޮށް ގެއިން ނެރެ ހަދާ ބައެއް ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ. އޭގެ ބަދަލުގައި އެފަދަ މީހުންނަށް އެހީތެރިކަމާއި މަދަދުދޭ ބައެއް ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ.