އިސްރާއީލުން ޣައްޒާގައި ހިންގި އުދުވާނު ތަހްގީގުކުރަން ޚާއްސަ ކޮމިޝަނެއް އުފައްދަން އދގެ ހިއުމަން ރައިޓްސް ކައުންސިލުން މިދިޔަ ހަފްތާގައި ނެގި ވޯޓުގައި، ފިލިޕީންސުން އެ ކޮމިޝަން އުފައްދަން ވޯޓު ދީފައިވާތީ، އިސްރާއީލުގައި ހުންނަވާ ފިލިޕީންސްގެ އެމްބަސެޑަރ، އިސްރާއީލުގެ ފޮރިން މިނިސްޓްރީއަށް ހާޟިރުކޮށްފިއެވެ.

އިސްރާއީލުން ބުނެފައިވަނީ، ފިލިޕީންސް އެމްބަސެޑަރ ފޮރިން މިނިސްޓްރީއަށް ހާޟިރުކުރީ، ޣައްޒާއަށް ދިން ހަމަލާތައް ތަހްގީގުކުރަން ޚާއްސަ ކޮމިޝަނެއް އުފައްދަން ނެގި ވޯޓުގައި، އެ ކޮމިޝަން އުފައްދަން ފިލިޕީންސުން ވޯޓުދިނީ ކީއްވެގެންތޯ "ސާފުކުރުމަށް" ކަމަށެވެ.

އިސްރާއީލުން ހިންގި އުދުވާނު ތަހްގީގުކުރަން ކޮމިޝަނެއް އުފައްދަން އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވޯޓު ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ވޯޓު ނަގާފައިވަނީ، އިސްރާއީލާއި އެމެރިކާ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ގެންދަނިކޮށެވެ.

ޓައިމްސް އޮފް އިޒްރޭލުން ބުނެފައިވަނީ، އިސްރާއީލުގައި ހުންނަވާ ފިލިޕީންސްގެ އެމްބަސެޑަރ މަކައިރޮގް އަލްބާޓާ ފޮރިން މިނިސްޓްރީއަށް ހާޟިރުކޮށް، ފިލިޕީންސުން ކުރި ކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގައި، ފިލިޕީންސްގެ އެމްބަސެޑަރާ ބައްދަލުކުރީ، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފޮރ ދަ އޭޝިޔާ ފެސިފިކް ގިލާޑް ކޮހެން ކަމަށާއި، ފިލިޕީންސަކީވެސް އެގައުމުގެ ދެކުނުގައި މީހުން މަރާ، ހަރުކަށި ފިކުރުމުގެ އިސްލާމީ "ޓެރަރިސްޓުންގެ" އުނދަގޫ ފޯރަމުންދާ ގައުމަކަށް ވާއިރު، ހަމާސްއަކީ ޓެރަރިސްޓު އަދި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ޖަމާއަތެއް ކަމަށް ބަޔާންކޮށްފައި ނުވާ ގަރާރަކަށް ފިލިޕީންސުން ތާއީދުކުރި ކުރުމަކީ އިސްރާއީލުން ގަބޫލުކުރާ ކަމެއް ނޫންކަމަށް، ގިލާޑް، ފިލިޕީންސްގެ އެމްބަސެޑަރު ގާތު ބުނި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ފިލިޕީންސްފަދަ އިސްރާއީލުގެ އެކުވެރި ގައުމުތަކުގެ ކިބައިން އިސްރާއީލު އެދެނީ، ޓެރަރިޒަމަށް ވާގިދޭ ހުށަހެޅުންތަކަށް ތާއީދުނުކޮށް މިދަނޑިވަޅުގައި އިސްރާއީލާ އެކުގައި އޮތުމަށް ކަމަށްވެސް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފޮރ ދަ އޭޝިޔާ ފެސިފިކް ގިލާޑް ކޮހެން ފިލިޕީންސްގެ އެމްބަސެޑަރުގެ ގާތު ބުނިކަމަށް ޓައިމްސް އޮފް އިޒްރޭލުން ބުނެފައި ވެއެވެ.

އިސްރާއީލުގައި ހުންނަވާ ފިލިޕީންސްގެ އެމްބަސެޑަރ މަކައިރޮގް އަލްބާޓާ ފަހުން ބޭއްވި ޕްރެސްއެއްގައި ވިދާޅުވީ، ވޯޓާ ގުޅިގެން ފިލިޕީންސާއި، އިސްރާއީލުގެ ގުޅުން ގޯސްވިޔަނުދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން އެންމެފަހުން ހިންގި ޖަރީމާތަކުގެ ބައިނަލްއަގްވާމީ ތަހްގީގެއް ހިންގުމުގެ އިތުރުން، އިސްރާއީލުން ރާވައިގެން ފަލަސްތީނުގެ ރަށްތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، އަދި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ނޭއްގާނުތަކުގެ ބެލުމަށްވެސް އދގެ ހިއުމަން ރައިޓްސް ކައުންސިލުން އެކަށައަޅައި ފާސްކުރި ގަރާރުގައި ހިމެނެއެވެ.

އިސްރާއީލު ސިފައިން އެންމެފަހުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 279 މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި 69 ކުޑަކުދިންނާއި، 40 އަންހެނުންވެސް ހިމެނެއެވެ.

އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ވިދާޅުވެފައިވަނީ، އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިވާ ހަމަލާތަކެއް ކަމަށެވެ.