އަހަރެންނަކީ ވަރަށް ނިދި މަޑު މީހެކެވެ. އަދި ފަސޭހައިން ނިދޭ މީހެއްވެސް ނޫނެވެ. ނިދަން އޮށޯވެ، ނުނިދިގެން އެތައް އިރެއްވަންދެން ފުރޮޅި ފުރޮޅި އޮންނަން ޖެއެވެ. މިހެން އެތައް ވަގުތެއް ހޭދަވާފަހުން ލޯ މެރިލާއިރާށް ބަޔަކު ޒުވާބުކޮށް ހަޅޭލަވާ އަޑުގަދަކުރަން ފަށާފާނެއެވެ. ދިރިއުޅޭ އިމާރާތުގެ ކޮންމެވެސް ފަންގިފިލާ އަކުން ނޫނީ ޖެހިގެން ހުރި ކޮންމެވެސް ގެއަކުން ދެމަ ފިރިއަކު ޒުވާބު ކުރަނީއެވެ. ނޫނީ އާއިލާގެ ކޮންމެސް ބަޔަކު ދެބަސްވެ އަރާރުން ވަނީ އެވެ. ބައެއް ރޭރޭ ޒުވާބު ނުކުރާނަމަ، ހީ ސަކަރާއްޖާހާ ހޯބޯ ލަވައެވެ. މިއީ ހަމަ އާންމު ކަމެކެވެ.
ރޭގަނޑު ބާރަ އެކެއް ޖަހާއިރު މިގޮތަށް އަޑުގަދަ ކުރުމުން އަވައްޓެރިންނަށް ވާނެ އުނދަގޫ ނުވިސްނެނީބާއޭ ހިތަށް އަރައެވެ. ބައެއްފަހަރު ޒުވާބު ކުރަމުންގޮސް ތަޅައި، ފޮޅައި ގަނެފާނެހެންވެސް ހީވެއެވެ. މި ހާލަތުގައި އެ މީހުން އެކުރާ ޒުވާބު ތަންގަނޑު އެންމެނަށްވެސް އިވޭނެއެވެ. އެހެނަސް އެކަން އެމީހުނަށް ނުވިސްނެނީބާއޭ ހިތަށް އަރައެވެ.
މިގޮތަށް ކަންތައް ދިމާވަނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން ގިނަ ރޭތަކުގައި ފަތިސްވަންދެން ނުނިދާ އޮންނަން ޖެހެއެވެ. މި އަޑުގަދަ ކުރާ މީހުން އަޑުފައްގަނޑު ނަގޫ ރޯޅިއެއް އަރާފައި ދާހެން ގަޑިއެއް ހާއިރު ފަހުން އެއްކޮށް ކެނޑިދާނެއެވެ.
މިކަމަށް ހައްލެއް ހޯދޭނެ ގޮތެއް ނުފެނުނެވެ. އެއީ އަވައްޓެރިން ކަމަށްވާތީ އެމީހުން ނުރުހޭނެ ކަމެއް ކުރަން ބެނުން ނުވާތީއެވެ. އަހަރެމެންގެ ދީނުގައި އަވއްޓެރިންނަށް ކަމޭހިތުމާއި މެދު އެތައް ފަހަރަކު އެތައް ގޮތަކަށް އަންގަވައިފައި ވާތީއެވެ. އަވައްޓެރިންގެ ފަރާތުން ލިބޭ އުނދަގޫތަކުގެ ބަދަލު ދޭންވާނީ އިހުސާންތެރިކަމުން ކަމަށް އަންގަވައިފައި ވާތީއެވެ. އެއްވެސް ޙާލެއްގައި ބަދަލު ހިފުމުގެ ގޮތުން ޖެއްސުން ކޮށް އުނދަގޫކޮށް ހަދައިގެންނުވާނެކަމަށް އަހަރެމެންގެ ދީނުގައި ވާތީއެވެ.
އަވައްޓެރިއަކު އެހީތެރިކަމަށް ގޮވާލައިފިނަމަ، އެކަމެއް ކޮށްދޭން ވާނެ ކަމަށް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އަވައްޓެރިޔަކު ފަޤީރު ޙާލަތުގައި ވާނަމަ ، އެހީތެރިކަން ފޯރުކޮށްދިނުމަށް ވެއެވެ. މަރުވެއްޖެނަމަ، ޖަނާޒާގައި ބައިވެރިވާން އޮވެ އެވެ. ހެޔޮކަމެއް މެދުވެރި ވެއްޖެނަމަ އެކަމަށް ތަހުނިޔާ ކިޔަން އޮވެއެވެ. ހިތާމައެއް މެދުވެރި ވެއްޖެނަމަ އެކަމަށް ތަޢުޒިޔާ ކިޔަން އޮވެ އެވެ. އަދި މީރު ކާއެއްޗިހި ކައި ހަދާނަމަ އަވައްޓެރިޔާ އަށް ކޮންމެވެސް މިންވަރެއް ހަދިޔާ ކުރުން އޮވެ އެވެ.
އަވައްޓެރިޔާގެ އިޒުނަޔަކާއި ނުލާ ގޭގެ ފާރުތައްވެސް އުސްކޮށް އޭނާ އަށް ލިބޭ ވައިކޮޅުން މަހުރޫމު ކޮށްގެން ނުވާނެ ކަމަށް ވެއެވެ.
މިކަން މިހެން އޮތްކަން އެނގޭމީހުން ހަމަ ނޫޅެނީބާއޭ ހިތަށް އަރައެވެ. އެހެންވެއްޖެނަމަ، ކައުންސިލުތަކުން އިސްނަގައިގެން ނަމަވެސް ދުރޫސުލް އަޚުލާޤު ރައްޔިތުންނަށް ކިޔަވައިދޭން ޖެހެއެވެ. މުޖުތަމަޢުމަޢުގެ ޢިޖުތިމާއީ ހަމަޖެހުން ޤާއިމު ކުރުމަށްޓަކައެވެ. އަމާން ކަމާއި ސުލްހަވެރިކަމުގެ މާޙައުލެއްގައި އެންމެންނަށްވެސް ދިރިއުޅޭނެގޮތް ހަމަޖެއްސުމަށްޓަކައެވެ. އަމާން ވެއްޓެއްގައި ދަރިންތަރިބިއްޔަތު ކުރުމަށް ފުރުޞަތު ހޯދައި ދިނުމަށްޓަކައެވެ. މި މުޖުތަމަޢުގެ ނަފުސާނީ ދުޅަހެޔޮ ކަމަށްޓަކައެވެ. އަންނަން އޮތް ޖީލުތަކަށް އިސްލާމުދީނުގެ މާތް އުސޫލުތަކާއި ރީތި އާދަތައް ދަސްކޮށް ދިނުމަށްޓަކައެވެ.