އިނގިރޭސި ޕްރިމިއަރ ލީގުގެ އެވަޓަން ފުޓްބޯޅަ ކްލަބު ދޫކޮށް އިޓަލީގެ ކާމިޔާބު ކޯޗް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުގެ ކޯޗްކަމާ މިއަދު ހަވާލުވެއްޖެއެވެ.

ރެއާލް މެޑްރިޑުން އަންޗަލޮއްޓީ އެކްލަބަށް ގެނެސްފައި މިވަނީ ފާއިތުވެދިޔަ ދެސީޒަނުގައި އެކްލަބަށް އިރުޝާދުދިން ކުރީގެ ތަރި ޒައިނުއްދީން މީގެ ތިންދުވަސް ކުރިން މަގާމުން އިސްތިއުފާ ދިނުމުންނެވެ.

އަންޗަލޮއްޓީ ވަނީ 15-2013 އަށް ރެއާލްއަށް އިރުޝާދި ދީފައެވެ. މިމުއްދަތުގައި ދިހަ ވަނަ ފަހަރަށް ރެއާލްއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމާއި ކްލަބު ވޯލްޑް ކަޕާއި ޔުއެފާ ސްޕަރ ކަޕާއި ސްޕެނިޝް ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ރެއާލްއަށް ހޯދައި ދިނުން ފާހަގަ ކޮށްލެވެއެވެ.

އެވަޓަންއިން މިހާރުދޭ މުސާރައަށްވުރެ ކުޑަ މުސާރައަކަށް ރެއާލްއަށް ބަދަލު ވުމަށްފަހު އެންޗަލޮއްޓީ ބުނީ ރެއާލްއަކީ އަބަދުވެސް އޭނާގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވާ ޓީމެއް ކަމަށެވެ. "އެވަޓަންގެ މެނޭޖްމަންޓަށާއި ސަޕޯޓަރުންނަށް އަދި ކުޅުންތެރިންނަށް އަހަރެން ޝުކުރު އަދާ ކުރަން ބޭނުން ތާރިހީ އެކްލަބުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނީތީ. އެވަޓަން ދޫކޮށް ރެއާލްއާ ގުޅެން ނިންމި ސަބަކީ ރެއާލްއަކީ އަހަރެންގެ ހިތުން އަބަދުވެސް ހާއްސަ ޖާގައެއް ދެވިފައިވާ ކްލަބަކަށްވުމާއި އާގޮންޖެހުމަކާ ކުރިމަތިލުމުގެ ބޭނުމުގައި" އަންޗަލޮއްޓީ،61، ބުންޏެވެ.