ދިވެހީންގެ އަވަށްޓެރި ލަކްޝަދީޕް، އަންޑަމަން، ނިކަބާ އައިލެންޑްސް ތެރޭގައި ހިމެނޭ މަލިކަށް ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންގެ އަޚުން ކަމުގައިވާ މަލިކު ރައްޔިތުން ސަލާމަތް ކުރުމަށް އެދި މީސް މީޑިއާގައި ޕޯސްޓްތައް ހިއްސާ މި ކުރަނީ ކީއްވެހެއްޔެވެ؟

އިންޑިއާ މީހުން ސިފަކުރާގޮތުންނަމަ، ލަކްޝަދީޕް ނުވަތަ މަލިކަކީ އެގައުމަށް ލިބިފައިވާ "އަންމޯލްރަތަން" އެކެވެ. (ޖަވާހިރެއްފަދަ ތަނެކެވެ) ދިވެހިރާއްޖެފަދަ ކަނޑުގެ ރީތި ދިރުމާއި ސާފު މޫދާއި ދޮންވެލި ގޮނޑުދޮށްތަކެއް ލިބިފައިވާ މި ރަށްތަކަކީ އިންޑިއާގެ އެހެން އެއްވެސް ހިސާބަކަށް ލިބިފައި ނުވާ ޤުދުރަތީ ރީތި ކަމެކެވެ. އާންމުގޮތެއްގައި އިންޑިއާގެ ގިނަ ހިސާބުތަކުން ފެންނަމުން ދާނީ ކުނި ބުނިން ތަޣައްޔަރުވެފައިވާ ބޮޑެތި ޝަހަރުތަކެވެ. ނަމަވެސް ލަކްޝަދީޕުގެ ރައްތަކަކީ ގުދުރަތީ ރީތި ކަމުން މުއްސަނދިކަން ލިބިފައިވާ ރައްތަކަކެވެ. އަދި އެތާގައި ދިރިއުޅޭ އަހުލުވެރިން ޤުދުރަތީ ރީތިކަމަށް ލޯބި ކުރުމުގެ ހެއްކަކީ ފަރުތަކާއި މުރަކަތަކުގެ ދިރުން ނުގެއްލި އޮތުމެވެ.

ފާއިތުވެ ދިޔަ ހަފުތާގައި މަލިކުގެ މީހުން އަޑު އުފުލާ ގޮވަމުން މިދަނީ ލަކްޝަދީޕް ސަލާމަތް ކުރުމަށެވެ. ކުއްލިއަކަށް މީސް މީޑިއާގައި މި އަޑު ގަދަވީ ކީއްވެ ހެއްޔެވެ؟ އަލް ޖަޒީރާއަށް ދިން އިންޓަވިއު އެއްގައި ކެރެލާ ސްޓޭޓަށް ނިސްބަތްވާ ލަކްޝަދީޕްގެ ގާނޫނީ ވަކީލެއް ކަމަށްވާ ފަސީލާ އިބްރާހިމް ހާމަކުރެއްވި ގޮތުގައި އިންޑިއާ ސަރުކާރުން ލަކްޝަދީޕް ތަރައްޤީ ކުރުމުގެ ނަމުގައި އެމީހުންގެ ބިންތައް އަތުލުމުގެ ގާނޫނެއް ފާސް ކުރީއެވެ. އަދި މުސްލިމް ބޮޑު އާބާދީ އެއް ދިރިއުޅޭ ލަކްޝަދީޕުން ގެރިމަސް ކެއުން މަނާ ކުރަނީއެވެ. މި އީ އިންޑިއާގެ އެއްވެސް އެހެން ޓެރިޓަރީއަކަށް ހެދި ގަވާއިދެއް ނޫނެވެ. އަދި މިއެއްނޫނެވެ. މިފަދަ އެތައް އާ ގަވާއިދުތަކެއް ލަކްޝަދީޕްގައި އަލަށް ގާއިމް ކުރަން ފަށައިފިއެވެ.

ލަކްޝަދީޕަކީ ކުދި 35 ރަށުގެ މައްޗަށް އެކުލެވިފައިވާ ޔުނިއަން ޓެރިޓަރީ އެކެވެ. މި ސަރަޙައްދުގެ ބޮޑުމިނަކީ 32 އަކަ ކިލޯ މީޓަރެވެ. 2021 ގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުން މިތަނުގެ އާބާދީ އަކީ 60 ހާހާއި 70 ހާ ހާއި ދެމެދެވެ. މި އީ އިންޑިއާގެ އެންމެ ކުޑަ ޔުނިއަން ޓެރިޓަރީއެވެ. މިތަނުގައި މިހާތަނަށް އޮތީ ރައްޔިތުންގެ އަމިއްލަ މިނިވަންކަމެވެ. މި ތަނުގެ ވެރިއަކަށް ހުންނަނީ އިންޑިއާގެ ރައީސްގެ ފަރާތުން ކަނޑަ އަޅުއްވާ އެޑްމިނިސްޓްރޭޓަރެކެވެ. 2020 ގެ ޑިސެމަބަރގެ ނިޔަލަށް ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރަކަށް ހުންނެވީ ދިނޭޝް ޝަރުމާއެވެ. އެއީ އައި ޕީ އެސް (އިންޑިއަން ޕޮލިސް ) އޮފިސަރެކެވެ. ފާއިތުވި މަޒީގައިވެސް ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި ތިއްބަވާފައިވަނީ މަތީ ތަޢުލީމު ލިބިވަޑައިގެން ތިއްބެވި އައިއެސް ނުވަތަ އައިޕީއެސް އޮފިސަރުންނެވެ. ނަމަވެސް 4 ޑިސެންބަރު 2020 ގައި ދިނޭޝް ވަރު ޝަރުމާ މި ދުނިޔެއާއި ޢަލްވަދާއު ކިޔުމުން އެމަޤާމަށް، އައި ޕީ އެސް ނުވަތަ އައި އެސް މެންބަރެއް އައްޔަން ކުރުމުގެ ބަދަލުގައި ސިޔާސީ ލީޑަރަކަށް އެ މަޤާމު ހަވާލުކުރެވުނެވެ. މި ލީޑަރަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ލީޑަރެއް ކަމަށްވާ ޕްރަފުލް ކޮޑާ ޕަޓޭލް އެވެ.

ޕްރަފޫލް ކޮޑާ ޕަޓޭލް

ޕްރަފޫލް އަކީ ދާދަރާ އެންޑް ނަގަރު ހަވޭލީގެ އިތުރަށް ދަމަން އެންޑް ޑިއޫގެވެސް އެޑްމިސްނިސްޓްރޭޓަރެވެ. މި ތަންތަނަކީވެސް ކުރިން އައިޕީއެސް ނުވަތަ އައިސް އޮފްސަރުން ތިއްބެވި ތަންތަނެވެ. 2019 ގައި ދަމަން އެން ޑިއޫގެ މޫދު ކައިރީ ދިރިއުޅޭ މީހުންގެ 90 ގެ ސުންނާފަތި ކޮށްލާފައިއެވެ. ޕްރަފޫލް ޕަޓޭލް ބުނާގޮތުގައި މިއީ ތަރައްޤީ އަށް ކުރެވުނު މަސައްކަތެކެވެ.

ޕްރަފޫލް ޕަޓޭލް ލަކްޝަދީޕާ ހަވާލުވުމާއެކު ރައްޔަތުންގެ އަތުގައިވާ ބާރުތައް އުނިކުރަން ފަށަފައި އެވެ. އެގޮތުން ތަޢުލީމާއި ސިއްޙީ ދާއިރާ، ދަނޑުވެރިކަން، މަސްވެރިކަން، ޖަނަވާރުގެ ވިޔަފާރި ސަރުކާރުގެ ދަށަށް ގެންދިޔައެވެ. ދެން ހެދި ގަވާއިދަކީ ދެކުދީންނަށްވުރެ ގިނަ ދަރިން ތިބޭ މީހުނަށް އިލެކްޝަންގައި ބައިވެރި ނުވެވޭ ގޮތަށް ނިންމުމެވެ. މިއީ އިންޑިއާގެ އެހެން އެއްވެސް ހިސާބަކަށް، ޝަހަރަކަށް އޮތް ގަވާއިދެއް ނޫނެވެ. މި ގަވާއިދު ހަމަ އެކަނި ލަކްޝަދީޕަށް ކަނޑައެޅީ ކީއްވެތޯ ސުވާލު އުފެދެއެވެ. މިތަނުގެ އާބާދީ މާ ގިނައީ ހެއްޔެވެ؟ ނަމަވެސް ލަކްޝަދީޕްގެ ކުދިން އުފަންވާ މިންވަރު އުޅެނީ 1.4 ގައެވެ. އެހެންކަމުން މިއީ އިންޑިއާގެ އެންމެ މަދުން ކުދިން އުފަންވާ ޔޫނިއަން އެވެ.

ލަކްޝަދީޕްގެ ރައްޔިތުން ބުނާ ގޮތުގައި އެ ސަރަޙައްދަށް ކޮވިޑް ފެތުރީ ޕްރަފޫލް ޕަޓޭލް އެވެ. ސަބަބަބަކީ މުޅި ދުނިޔެއަށް ކޮވިޑް 19 ފެތުރެމުން ދިޔައިރު ލަކްޝަދީޕްގައި އެންމެ މީހަކުވެސް ކޮވިޑަށް ފައްސިވެފައި ނުވެއެވެ. އެތަނުގެ ގަވާއިދު އޭރު އޮތީ ބޭރުން ލަކްޝަދީޕަށް އަންނަ ކޮންމެ މީހަކުވެސް ޕީސީ އާރު ޓެސްޓް ހެދުމަށް ފަހު 14 ދުވަހުގެ ކަރަންޓީން އެއް ހަމަ ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ޕްރަފޫލް ޕަޓޭލް ހަވާލު ވުމަށްފަހު މި އުސޫލު ބަދަލުކޮށް ނައްސި ޕީސީ އާރު ނަތީޖާ އަކާއެކު ކޮންމެ މީހަކަށްވެސް ލަކްޝަދީޕަށް އައިސް އުޅެވޭނެ ކަމަށް ނިންމިއެވެ. ނަތިޖާ އަކަށްވީ ޖެނުއަރީ 2021 ގައި ލަކްޝަދީޕުން ފުރަތަމަ ކޮވިޑް ބަލި މީހަކު ފެނުމެވެ. މިހާރު މިތަނުގައި 6000 ވުރެ ގިނަ މީހުން ވަނީ ފައްސި ވެފައެވެ. އަދި 24 މީހުން ކޮވިޑް 19 ގައި މިދުނިޔެ ދޫކޮށްފިއެވެ.

މީގެ އިތުރަށް ލަކްޝަދީޕްގައި މިހާރު އާގާނޫނެއް ތައާރަފު ކުރަން ފަށައިފިއެވެ. މި ގާނޫނަކީ ރައްޔިތުންނަށް އެނގުމެއްނެތި ކޯޓް އަމުރަކާ ނުލާ 1 އަހަރު ދުވަހަށް މީހަކު ހައްޔަރު ކުރުމުގެ ގާނޫނެވެ. މިއީ ލަކްޝަދީޕްގައި ކުށް ގިނަވެގެން ނިންމި ނިންމުމެއްތޯ މީހުން ސުވާލު އުފެދޭނެއެވެ. ނަމަވެސް ތަފާތު ހިސާބުތައް ދައްކާގޮތުން މުޅި އިންޑިޔާގެވެސް އެންމެ ކުށްމަދު އެއް ތަނަކީ ލަކްޝަދީޕެވެ.

ރައްޔިތުންގެ ބާރު ލަކްޝަދީޕުން އުނި ކުރެވިއްޖެއެވެ. ކުރީގައި އާންމު ތަންތަނުގައި ރާވިއްކުން މަނާ ކުރެވިފައި ވާއިރު، އެކަންވެސް ހުއްދަ ކުރުމަށް ކަނޑަ އަޅަނީއެވެ. އަމިއްލަ މިނިވަންކަމާއެކު ކައި ބޮއި މަސައްކަތް ކުރުމަށް ހުރަސް އެޅިއްޖެއެވެ. ކުޑަ ކުދިންގެ އިންޓަވަލްގައި ހަމަ އެކަނި ތަރުކާރީ ހިމަނަން ޖެހިއްޖެއެވެ. ހަމަ އެކަނި މިއެއްނޫނެވެ. ލަކްޝަދީޕްގެ ބިންތައްވެސް ބޮޑު އަގުގައި ވިއްކުމަށް ތައްޔާރުވަމުން ދަނީއެވެ. ލަކްޝަދީޕްގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ދެވަނަ ކަޝްމީރަށް ވުން ވަރަށް ގާތެވެ.