މަޝްހޫރު ޔޯގާ ގުރޫ ބާބާ ރާމްދޭވްގެ އުނދަގޫ ބޮޑުވެގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެގޮތުން، އަތުގައި ކަޅު ރިބަން އައްސައިގެން މަސައްކަތަށް ނުކުމެ ޑޮކްޓަރުން ގެންދަނީ ބާބާ ރާމްދޭވް ވަގުތުން ހައްޔަރުކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ޔޯގާގެ ފަރުވާތައް ކާމިޔާބު ކަމާއެކު ވުޖޫދުކުރި ގުރޫ ބާބާ ރާމްދޭވް ބުނަނީ، ޔޯގާއިން ކޮވިޑް ބައްޔަށް ފަރުވާ ލިބޭ ކަމަށެވެ.

އޭނާ މިދިޔަމަހު ބުނެފައިވަނީ، ކޮވިޑްބަލިމަޑު ހާލަތުން، ސައިންސާއި ޒަމާނީ ބޭސްވެރިކަން ފެއިލްވެފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އޭނާ ބުނެފައިވަނީ، ކޮވިޑްބަލީގައި އެތައްހާސް ބަޔަކު މަރުވެފައިވަނީ، ބަލީގެ ފަރުވާ ކަމަށް ބުނެ ދެމުންގެންދާ ބޭސްތަކުގެ ސަބަބުން ކަމަށެވެ.

ބާބާ ރާމްދޭވްގެ މި ވާހަކަތަކާ ގުޅިގެން މުޅި އިންޑިއާގައިވަނީ ވަރުގަދަ ބަހުސެއް ފެށިފައެވެ. އެތައް ބަޔަކު ގެންދަނީ ބާބާ ރާމްދޭވް ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި، ކްލިނިކްތަކުގައި މަސައްކަތްކުރާ މެޑިކަލް ޑޮކްޓަރުން އަންގާރަ ދުވަސް ފާހަގަކޮށްފައިވަނީ "ކަޅުދުވަހުގެ" ގޮތުގައެވެ.

އެގޮތުން، އަންގާރަދުވަހު ޑޮކްޓަރުން މަސައްކަތަށް ނުކުތީ، އަތުގައި ކަޅު ބޭންޑް އައްސައިގެންނެވެ. އަދި ބާބާ ރާމްދޭވް ހައްޔަރު ކުރުމަށް ގޮވާލައި، ފޮޓޯތަކާއި ބެނާތައް ހިފައިގެންތިބެ ޑޮކްޓަރުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ ފުރާލާފައި ވެއެވެ.

ބައެއް ޑޮކްޓަރުން ލައިގެން ތިބި ޕީޕީއީގައިވެސް ފަހަތަށްވާ ގޮތަށް ބާބާ ރާމްދޭވް ހައްޔަރުކުރަން ލިޔެފައި ހުއްޓެވެ. ބައެއް ޑޮކްޓަރުންވަނީ އެމީހުންގެ ސޯޝަލް މީޑިއާ ޕްރޮފައިލް ފޮޓޯ ކަޅު ގޮޅިއަކަށް ބަދަލުކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ޑޮކްޓަރުންގެ އެސޯސިއޭޝަނުންވަނީ ޔޯގާ ގުރޫ، ބާބާ ރާމްދޭވް ކޮވިޑާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް ކުށްވެރި ކޮށްފައެވެ.

އިންޑިއާގެ ގިނަ މީހުންނަކީ، ރޫހާނީ ގުރޫންނާއި، ޔޯގާ ގުރޫންފަދަ މީހުން ދައްކާ ވާހަކަތައް ވަރަށް ބޮޑަށް ގަބޫލުކޮށް، އެމީހުން ބުނާ ގޮތްގޮތަށް އަމަލުކުރާ ބަޔަކަށްވުމުން، ކޮވިޑާ ގުޅޭގޮތުން ދައްކާ ދޮގު އަދި ހަގީގަތާ ޚިލާފް ވާހަކަތައް ހުއްޓުވައި، ޑޮކްޓަރުންގެ ބަސް އާންމުންނަށް ވިއްކައި ނުވަތަ އާންމުންގެ އިތުބާރު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ފެޑެރޭޝަން އޮފް ރެސިޑެންޓް ޑޮކްޓަރސް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

ޔޯގާ ގުރޫ ބާބާ ރާމްދޭވްއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް ގާތް މީހެކެވެ.

ކޮވިޑާ ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު އެވާހަކަތައް ކުށްވެރިކޮށް އަދި ވަރުގަދަ ބަހުސެއް ފެށިގެން ދިއުމުން އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދާންގެ އެދިވަޑައިގަތުމަށް ބާބާ ރާމްދޭވްވަނީ އޭނާ ދެއްކި ވާހަކަތައް އަނބުރާ ގެންގޮސްފައެވެ. އަދި އެގޮތަށް ވާހަކަ ދެއްކީ، ވަޓްސްއަޕް ގްރޫޕްތަކުގައި ލިޔެފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް، ބާބާ ރާމްދޭވް އަނެއްކާވެސްވަނީ އެތައް ބަޔަކު ރުޅިއަންނަ ވާހަކަތަކެއް ދައްކައި، މައްސަލަ އިތުރަށް ހޫނުކޮށްފައެވެ.

އޭނާ ފަހުން ބުނެފައިވަނީ، އޭނާ ކޮވިޑް ވެކްސިން ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޔޯގާއާއި، އަޔޫރްވެދާފަދަ ހަކީމީ ބޭސްތަކުން އޭނާ ކޮވިޑްބަލިން ދިފާއުވެފައިވާ ކަމުންނެވެ.

ބާބާ ރާމްދޭވްގެ ޕަތަންޖަލީ އަޔޫރްވެދް އަކީ އެތައް މިލިއަން ޑޮލަރެއްގެ މުއްސަނދި ކުންފުންޏެކެވެ. އެކުންފުނިން ދަތްއުނގުޅާ ބޭހުން ފެށިގެން ފޭރާމުގެ ބާތްތައްވެސް އުފައްދައެވެ. އޭނާގެ އަމިއްލަ ޓީވީ ޗެނަލެއްވެސް ހުރެއެވެ.

އޭނާގެ ކުންފުނިން މިއަހަރުގެ ކުރީކޮޅު ކޮރޮނިލް ނަމަކަށްކިޔާ ބޭހެއްވެސް އުފައްދާފައި ވެއެވެ. ރާމްދޭވް ބުނަނީ އެބޭސް، ކޮވިޑުން ދިފާއުކޮށްދޭ ކަމަށެވެ.

އިންޑިއާގެ ޑޮކްޓަރުން ބުނަމުން ގެންދަނީ ރާމްދޭވް ކޮވިޑްބަލީގެ އެޑްވާންޓޭޖް ނަގަމުންދާ ކަމަށާއި، އޭގެ ބޭނުމަކީ އޭނާ ދައްކާ ވާހަކަތައް ގަބޫލުކުރާ އެތައް މިލިއަން މީހުން އުޅޭތީ، އޭނާގެ ކުންފުނިން އުފައްދާ ތަކެތި ވިއްކުން ކަމަށެވެ.