މުޅި ދުނިޔެއަށް ފެތުރިފައި މިވާ ކޮވިޑް އާލަމީ ވަބާ އަހަރެމެން ދިވެހި ރައްޔަތުންވެސް މިދަނީ ތަހައްމަލު ކުރަމުންނެވެ.
މިހާރު ރާއްޖޭގެ މަދު ރަށެއް ފިޔަވާ ހުރިހާ ރަށެއްގައިވެސް ކޮވިޑް 19 ބަލިމީހުން އެބަ ތިއްބެވެ. ގިނަ ރަށްރަށަށް މި ބަލި ފެތިރިފައިވާ މިންވަރެއް ނޭނގެއެވެ. ބައެއް ރަށްރަށް މޮނީޓަރިން ނަށް ލާފައިވާ އިރު އެއްރަށުން އަނެއްރަށަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ކޮންމެހެންވެސް ދާން އެބަޖެހެއެވެ. ދާން ޖެހޭނެވެސް މެއެވެ. އަތޮޅުގެ އެކި ރަށްރަށުން ޞިއްޙީ ޚިދުމަތް ލިބެން ހުރީ އެކި މިންވަރަށެވެ. ޓެސްޓެއް ހަދާލާ، އެންމެ އާދައިގެ ބަލިތައް ތަހުލީލު ކޮށްލެވޭނެ ފެންވަރު ނެތް ރަށްރަށް އެބަހުއްޓެވެ. މާބަނޑު އަންހެނުން ވިހެއެމުގެ އިންތިޒާމު ހަމަޖެހިފައި ނެތް ރަށްރަށް އެބަހުއްޓެވެ. މިހާރު މިހާލަތުގައި ކޮންމެ މީހަކުވެސް ބަލާނީ މާލެ ނައިސް އަތޮޅުން ނޫނީ ސަރަޙައްދުން ފަރުވާ ހޯދޭތޯ އެވެ. ނަމަވެސް މި ގޮތަށް ޒަރޫރީ ބޭނުމުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރާ މީހުން މިދުވަސްވަރު އެދާ ރަށެއްގެ ރަށު ތެރެއަށް އަރާ ފިހާރަތަކަށް ދިއުމާއި ކެފޭ ރެސްޓޯރަންޓް ތަކަށް ވަދެ ހެދުން ރަނގަޅެއް ނޫނެވެ. ސަބަބަކީ މިހާރު ބައެއް ރަށްރަށުން ނަގާ "ރެންޑަމް" ސާމަޕަލް ތަކުންވެސް ކޮވިޑް 19 އަށް ފައްސި ވަމުން އެބަ ދެއެވެ. ވީމާ، ކޮންމެ ރަށަކުންވެސް މި ގޮތަށް ޒަރޫރީ ބޭނުމަށް އަންނަ މީހުނަށް ވިޔަފާރި ކުރެވޭނެ އުޞާލާއި އެމީހުނަށް ކެއުން ބުއިން ހަމަޖެހޭނެ އުޞޫލެއް ހަމަޖެއްސުން ރަނގަޅެވެ. އެންމެންގެ ރައްކާތެރިކަމާއި ސަލާމަތަށް ޓަކައެވެ. އަޅުގަނޑު ބައެއް ރަށްރަށުގެ ކައުންސިލުތަކާއި ހޮސްޕިޓަލު ތަކާއި ވަހާކަ ދައްކާލީމެވެ. ބައެއް ރަށް ރަށުން ވަރަށް ރަނގަޅަށް ކަންތައްތައް ކުރެއެވެ. އެގޮތުން ބޭސް ފަރުވާ އަށް އަންނަ މީހުން ކުރިން އަންގާ ގޮތަށް ހަމަޖެހިފައި ވެއެވެ. އެމީހުން އެނބިއުލާންސް ގައި ހޮސްޕިޓަލަށް ގެންދެއެވެ. އަދި ޑޮކްޓަރަށް ދައްކާ ނިމުމުން ބަނދަރަށް ގެންގޮސް ދެއެވެ. ރަށު ތެރެއަށް އެރުމުގެ ހުއްދައެއް ނޯވެއެވެ. ފިހާރަ ތަކުން ވިޔަފާރި ކުރަން ބޭނުންނަމަ، އޯޑަރު ދިނުމުން ބަނދަރާ ހަމަޔަށް ތަކެތި ގެންގޮސްދެއެވެ. ކޮފީ އާއި ސައިވެސް ދަތުރުވެރިން ނަށް ތައްޔާރު ކޮށްފައިވާ، ބަނދަރު ހިޔާ ނުވަތަ ދަތުރު ހިޔާ އަށް ގެންގޮސް ދެއެވެ.
މިހެން ކަންތައް ކުރުމީ އެންމެންނަށްވެސް މިއަދު އެންމެ ރައްކާ ތެރި ގޮތެވެ. ބަލި ޖެހުމަކީ ކުށެއްނޫނެވެ. އަދި ރަށެއްގައި ބަލި މީހުން ތިބުމަކީވެސް އެރަށުގެ ރައްޔަތުންގެ ކުށެއްނޫނެވެ. އެއީ މިއަދުގެ ޙާލަތަވެ. މިހާލަތު ގަބޫލުކޮށް އެންމެންވެސް ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށް ޓަކައި އުސޫލުތަކާ ގަވާއިދު ތަކުގައި ހިފަންވީއެވެ. ގަދަ ދައްކާފައި ރަށުތެރެއަށް އަރާ ފިހާރަ ތަކާއި ކެފޭތަކަށް ވަދެ އުޅުމަކީ މިހާލަތުގައި ރަނގަޅު ގޮތެއްނޫނެވެ. މިހެން ކަންތައް ވާނަމަ، އެރަށެއްގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މި އަށްވުރެވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުންވެސް އެކަށީގެން ވެއެވެ.