ކޮވިޑް19ގެ ހާލަތުގައި މުޅި ދުނިޔޭގެ ގިނަ ކަންކަމަށް ބަދަލު އައިސް ސަރުކާރުތަކުން ބޮޑެތި ފިޔަވަޅުތައް އަޅަމުންދާއިރު ކޮވިޑުން މިންޖުވުމަށް ދައުލަތުން ކުރާ ޚަދަރުގައި ދިވެހިރާއްޖެއަށް މަތީ ވަނައެއް ލިބޭނެކަން ކަށަވަރެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ދިވެހި ދައުލަތުން މިކަމަށް ކުރެއްވި ޚަރަދަކީ ދުނިޔޭގެ ނިސްބަތުގައި ލާމަސީލު އަދަދަކަށް ވާނެކަން ކަށަވަރެވެ. މީގެ ތެރެއަށް އިތުރުކޮށްލަން އޮތީ ހަމައެކަނި ހޯމް އެލެވަންސްއެވެ.

ކޮވިޑްގެ ހާލަތުގައި ގިނަ މީހުން މަސައްކަތް މިކުރަނީ ގޭގައެވެ. އެހެންކަމުން އޮފީސްތަކަށް ހިނގާ ޚަރަދު ކުޑަވާނެކަން ކަށަވަރެވެ. އޮފީހުގެ ކަރަންޓްބިލުންނެވެ. ފެންބިލުންނެވެ. އިންޓަނެޓް ޑާޓާއިންނެވެ. ނަމަވެސް މުވައްޒަފުން ގޭގައި މަސައްކަތްކުރާއިރު ގޭގައި އޮންނަނީ މީގެ ދިމާ އިދިކޮޅު ހާލަތެވެ. ކަން އޮންނަނީ ބޯކޮޅު ވަތަށެވެ.

އެއްބަޔަކަށް ގޭގައި އޮފީސް މަސައްކަތްކުރާނެ ޖާގައެއް ނެތެވެ. އަނެއްބަޔަކަށް ޖާގަ ވަރަށް ދައްޗެވެ. އެއްބަޔަކަށް އޮންލައިންވެވޭކަށް ނެތެވެ. އަނެއްބަޔަކަށް އޮންލައިންވާން ދައްޗެވެ. އޮންލައިންކޮށް އޮފީސް މަސައްކަތްކުރާނޭ ޑިވައިސްތަކުގެ މައްސަލަ ބޮޑެވެ. ލެޕްޓޮޕާއި ވައިފައި ޑިވައިޒްތަކާއި، މިނޫން ވެސް މިފަދަ ތަކެތީގެ މައްސަލަ ބޮޑެވެ. އިންޓަރެނެޓްގެ މައްސަލަވަކީން ބޮޑެވެ. ގިނަ މުވައްޒަފުން އެ މަސައްކަތް ކުރަނީ އަމިއްލަ ތަކެތީގައެވެ. އަމިއްލަ ޚަރަދުގައެވެ.

މި ދެންނެވި މައްސަލަތަކުގެ ތެރެއިން އަދި އިތުރު މާ އުނދަގޫ ކަމެއް ވެސް އެބައޮތެވެ. އެއީ ގޭގައި އިންޓަރނެޓް ހުރެފައި އަމިއްލަ ލެޕްޓޮޕް ވެސް ހުންނަ މުވައްޒަފުންގެ މިތަކެތި ދަރިންނާ ހިއްސާކުރަން މަޖުބޫރުވުމެވެ. ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް އޮންނާތީ، ދަރިފުޅުގެ ކިޔެވުމަށްޓަކައި އެ ލެޕްޓޮޕް ދޭންޖެހެއެވެ. އިންޓަނެޓް ސްޕީޑް ދަށްވެ ދަރިފުޅުގެ ކްލާސް ލައިން ކެނޑިދާނެތީ ބެލެނިވެރިޔާއަށް އިންޓަރނެޓް ބޭނުން ނުކުރެވޭގޮތް ވުމެވެ. މިއީ މަދު ނުކުތާތަކެކެވެ. މިފަދަ އެތައް އުނދަގުލަކާއި އެތައް ޚަރަދެއް ހިނގަމުން އެބަދެއެވެ.

އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔައިދިން ގޮތުގައި އެ އާއިލާ އުޅެނީ އެއްކޮޓަރީގައެވެ. އެ ކޮޓަރީގައި ކުޑަ މޭޒެއް ހުރެއެވެ. ކައްކަންވީމާ އެ މޭޒުމަތީ އުނދުން ބަހައްޓަނީއެވެ. އެވަގުތަށް އެއީ ބަދިގެއެވެ. ކައްކައި ނިމުމުން މޭޒުމަތީން އުނދުން ނަގައި އެތާގައި ލެޕްޓޮޕް ބެހެއްޓުމުން އެއީ އޮފީހެވެ. އެއީ ކްލާސްރޫމެވެ.

މިފަދަ އެތައް ކަމަކާ ގުޅިގެން އުފެދޭ ކަންބޮޑުވުމާއި ހާސްކަމުން މުވައްޒަފުންގެ ނަފުސު ބަލިކަށިކޮށްފިއެވެ. ވޯކް ފޮރޮމް ހޯމް އަކީ ޗާލު ނަމެކެވެ. ޑިޖިޓަލް ނަމެކެވެ. ހަބޭސް ނަމެކެވެ. އަދި ހަބޭސް ޕްލަސް ސްޓައިލެކެވެ. ނަމަވެސް މައްސަލަ އަކީ މިގޮތުގައި މަސައްކަތްކުރާ އިރު އޮފީސް ބަންދުނުވާކަމެވެ. ހެނދުނާއި މެންދުރާއި ހަވީރާއި އިރާކޮޅާއި މެންދަމާއި ހުކުރު ހޮނިހިރުގައި ވެސް އޮފީސް ބަންދުނުވާކަމެވެ. އޮފީހުން މަސައްކަތް ހަވާލުކުރެވޭކަމެވެ. މިންޖުނުވާކަމެވެ. އޮފީހުގެ ވެރިން ފޯނުކުރައްވައެވެ. މެސެޖް ފޮނުއްވަވައެވެ. އެއަށް އިޖާބަދޭން މަޖުބޫރުވެއެވެ.

ކުރިން ދެންނެވިހެން މާހައުލުގެ ދަތިކަމާއި، ޚަރަދުގެ މައްސަލަތަކާއެކު ދަރިންގެ ކިޔެވުމާއި އަމިއްލަ އަށް ކިޔެވުމާއި، އާއިލީ ޒިންމާއާ އެތައް ކަމެއް ފުނިޖެހިގެން މުވައްޒަފުންގެ ނަފުސާނީ ހާލަތު ދަށަށްދެއެވެ. ނަފުސާނީ މައްސަލަތައް ގިނަވަމުން ބޮޑުވަމުންދާކަން ކަމާބެހޭ ފަރާތްތަކުން ވެސް ވިދާޅުވަމުން އެއަށް ލުޔެއް ލިބޭތޯ ބައްލަވަމުން އެބަގެންދަވައެވެ. އެކި ނަންނަމުގެ އެލަވަންސްތައް އެބަ ދެއްވައެވެ. ދައުލަތުގެ ތަނަވަސްކަމާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ދީލަތިކަން ބޮޑުކަމުގައި ފެނެއެވެ. ނަމަވެސް ގޭގައި މަސައްކަތްކުރާއިރު މި ދިމާވާ މައްސަލަތަކާއި އެއާ ގުޅިގެން ގޯސްވަމުންދާ ހާލަތު އަދި އެއްވެސް ބޮޑު ރާޑަރަކަށް އެރިހެންނެއް ހިއެއް ނުވެއެވެ. އެހެންކަމުން މިއީ އެކަމުގެ ވަގުތު ކަމުގައި ފެނެއެވެ. އަޅުގަނޑު ކީ ނަން ކަމުނުދާ ނަމަ، ރަނގަޅު ނަމެއްގައި ނަމަވެސް ގޭގައި މަސައްކަތްކުރާ މީހުންނަށް މި ދިމާވާ ކަންކަމަށް ލުޔެއް ލިބޭނޭ އެލަވަންސެއް ދެއްވުމަކީ ނުހަނު ބޭނުންތެރިކަމެވެ. މިއީ އޭގެ ވަގުތެވެ. މިއީ ސަތޭކައިގެ ކަމެކެވެ.