ޢުމުރުން ދިހަ އަހަރުގެ މިޝްކާ ކޮވިޑް ބަލީގައި ނިޔާވި މައްސަލަ ބެލުމަށްފަހު އެކަމުގައި އެމަނިކުފާނުގެ އިހުމާލެއް އޮތްނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވުމުން ޖުމްހޫރީޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ފާޑުވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ ހެއްލްތު މިނިސްޓަރ ކެރަފާ އަހުމަދު ނަސީމް އެހެން ވިދާޅުވުމުން ދޭހަވަނީ އެމަނިކުފާނުގެ ޒިންމާދާރުކަން ކުޑަ މިންވަރު ކަމަށެވެ. އެއިން ދައްކުވައި ދެނީ މިނިސްޓްރީތެރޭގައި ކަންހިނގާ ނުހިނގާ ގޮތް މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާކަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ އިހުމާލެއް އޮތްތޯ ބަލާފައި އިސްތިއުފާ ދޭނަން" "މިހެން ވިދާޅުވުމުން އެނގެނީ ޒިންމާދާރުކަން ކުޑަކަމާއި، މިނިސްޓްރީ ތެރޭގައި ކަންކަން ހިނގާ ނުހިގާ ގޮތް މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާކަން. ކަން ހިނގާދިޔަ ގޮތް ބަލަން އަނެކާވެސް ގާނޫނެއް ހަދަންވީ، މިކަންކަން މިނޫން ގޮތަކަށް ބަދަލުވެގެން ނޫނީ ހައްލެއްނެތް،" ކަމަށް ސައުދު ވިދާޅުވިއެވެ.

މިޝްކާ ނިޔާވީ އެމްބިޔުލާންސަށް ގުޅައިގެން އައުން ލަސްވެގެން ކަމަށް އާއިލާއިން ބުނެއެވެ. އެމައްސަލާގައި ހެލްތުމިނިސްޓަރ ވަނީ އާއިލާގެ ކިބައިން މައާފަށް ވެސް އެދި ވަޑައިގެންފައެވެ. އެމައްސަލާގައި ކޯލްސެންޓަރުގެ މައްސަލަ ވެސް ހުރި ކަމަށް ވެއެވެ. މިފަދަ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުން ކަމަށް ވެސް ހެލްތުން ވަނީ ވިދާޅުވެފައެވެ.