މުސްކުޅި ބަހެއްގައި ވެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅަ އަށެވެ. އުފަލަކަށް ފަހު ހިތާމަ އެވެ. ހިތާމައަކަށް ފަހު އުފަލެއް ވެސް ލިބިދާނެއެވެ. އަދި ގިނަ ދުވަސްތައް ހިތާމަ ތައް ތަޙައްމަލު ކުރަން ޖެހޭ މީހުން ވެސް ދުނިޔޭގައި އުޅޭނެއެވެ. އެކަކަށްވެސް އަބަދު އުފަލުގައި އުޅެވޭނެ ހެނެއް ހިޔެއް ނުވެއެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުނަކީ ދުނިޔޭގައި އެތައް ތަކުލީފަކާއި ހިތާމައެއް އުފުލަން ޖެހިފައިވާ ބައެކެވެ. އެހެން ބައެއްގެ އިހުމާލުން ކުރިމަތިވި ހިތާމަ ތަކެވެ. ނުވަތަ އަމިއްލަ އަށް ނޭނގުމެއްތެރޭގައި ކުރެވުނު ކަމަކުން ލިބުނު ހިތާމަ އެކެވެ. ނުވަތަ ގުދު ރަތީ ކޮންމެވެސް ކާރިސާ އަކުން ލިބުނު ހިތާމަ އެކެވެ. މި ފަދަ ކޮންމެ ކަމަކީ ހިތުން ފިލައިގެން ދާނެ ކަންތައް ތަކެއް ނޫނެވެ.

ޚާއްޞަ ކޮށް އާއިލާގެ މެންބަރަކު ވަކިވެ ދިއުމަކީ އެއްވެސް މީހަކު ހިތުން ފިލައިގެން ދާނެ ހިތާމައެއް ނޫނެވެ. ނަމަވެސް ދިރި އުޅުމުގައި ކުރިއަށް ދިއުމަށް ޓަކައި ކެއްތެރިކަމާއެކު މަސައްކަތް ކުރަން ޖެހެއެވެ. އެ ހިތާމަތައް ބަރުދާސްތު ކުރަންޖެހެއެވެ. މިފަދަ ހާލަތު ގައި އެހެންމީހުންގެ ފަރާތުން އެހީތެރިކަން ބޭނުން ވެއެވެ. އެ އެހީ ތެރިކަމަކީ އިތުރު ތަކުލީފު ތަކެއް ކުރިމަތި ކުރުވާ ކަމަކަށް ނަހަދާށެވެ. އެމާޒީ ހަނދާން ކޮށް އެކަން ވީގޮތް ތަފުޞީލުކޮށް ކޮންމެ ދުވަހަކު ހަނދާން އާކޮށް ނުދޭށެވެ.

އަހަރެން ނަށް ލިބުނު ހިތާމަ އަހަރެންނަށް އިހުސާސް ކުރެވެއެވެ. އެކަންތައް ވީ ގޮތް އަހަންނަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟ އެ ގޮތަށް އެކަން އެވީ މިހެން ވެގެންނޭ ކިޔާ ވާހަކަ ދެއްކުމުން އިތުރު ހިތްދަތިކަމެއް ލިބެއެވެ. "އެހެން ހެދިނަމަ، އެގޮތަކަށް ކަންތަކެއް ނުވީހޭ" ނުކިޔާށެވެ. އެކަން އެ އޮތީ ވެނިމިފައެވެ. ދެން ނަމަ ނަމަ ތަކުން ލިބެނީ ވޭނާއި ހިތާމައެވެ. މާޒީ ހަނދާން ކޮށްދިނުމަކީ ހިތަށް ލުޔެއް ލިބޭ ކަމެއް ނޫނެވެ. އެމާޒީ މީހަކު ކިޔައި ނުދިނަސް އަހަރެންނަށް އެނެގެއެވެ. ހަދާން އެބަހުއްޓެވެ. ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. އެމަޒީގައި ލިބުނު އުފާތައްވެސް އެހެން މީހުނަށްވުރެ ބޮޑަށް އަހަރެން ނަށް އެނގެއެވެ. އެއީ އެ އުފަލުގައި ދުވަސްތައް ހޭދަ ކުރީވެސް ޚުދު އަހަންނެވެ. އަދި އެ ހިތާމަތަކާއި ކުރިމަތި ލާން ޖެހިއްޖެ ކަން އަހަރެން ގަބޫލުކުރަމެވެ. މީހަކު ކިޔައިދޭނެ އިތުރު ވަހަކަ އެއްނެތެވެ. ހިންދީ ބަހުން ބުނާހެން "ޒަޚަމްކޯ ނަމަކް މަތު ޑާލޯ" ލިބިފައިވާ މިވާ ހިތްދަތިކަމަށް އިތުރު ތަކުލީފާއި ހިތާމަ ނުދޭށެވެ. ހިތާމަތަކުގައި ބައިވެރި ވުމަކީ އެކަންތައް ހަނދާން ކޮށްދިނުމެއްނޫނެވެ. ހިތްވަރު ދިނުމާއިއެކު ކުރިއަށް ދާން މަގުދައްކައި ދިނުމެވެ.