ޗައިނާ އަދި ރަޝިޔާ އަށް ރާއްޖޭން މަސް އެކްސްޕޯޓް ކުރަން ވިސްނާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވެއްޖެއެވެ. އަންނަ

މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުތެރޭ ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ދިވެހިން ބާނާ މަހަށް އިތުރު މާރުކެޓުތައް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރައްވާނެކަމަށާ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ދުނިޔޭގެ އިތުރު ބާޒާރުތަކަށް ވަނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

" އަންނަ އަހަރު މާރކެޓިންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދާނަން، މާރކެޓިންގެ މަސައްކަތް އެބަޖެހޭ ވަރަށް ބޮޑަށް ކުރަން، މިމަަސައްކަތުގައި އެމްއެސްޕީއާއި އިންޑަސްޓްރީގައި ތިބި އެހެން ފަރާތްތަކާއި ގުޅިގެން އިތުރު މަސައްކަތްތަކެއްކޮށް، އިތުރު ބާޒާރުތަކަށް ވަނުމަށް މަސައްކަތްކުރާނަން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވަނީ ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައި ވާއިރު އަތް އުރާލައިގެން އިންނަވަނީ ކީއްވެތޯ އަދި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަައުދުތައް ނުފުއްދަވަނީ ކީއްވެތޯ ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ކަންތައްތައް ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ކަމަށެވެ.

ފްރީ ޓްރޭޑް އެއްބަސްވުން އަދި އޮޕަރޭޝަނަލައިޒް ނުވާ ކަމަށް މިނިސްޓަރ އަމީރުވަނީ ވިދާޅުވެފައެވެ. އެކަމަށް އިޝާޜާތް ކުރައްވާ ޒަހާ ވިދާޅުވީ މި އެގްރިމެންޓްގެ ދަށުން މަސްވެރިންނަށް ނުވަތަ އެކްސްޕޯޓަރުންނަށް ވެސް ލިބެންޖެހޭ މަންފާ މިނިސްޓްރީގެ ފަރާތުން ހިފަހައްޓާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.