އިންޑިއާގެ ކެރަލާ ސްޓޭޓްގައި މިހާރު ހިންގާފައިވާ ކާފިއުއާ ޚިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް އަދަބެއްގެ ގޮތުން، ޖޫރިމަނާކޮށް، އޭގެ އިތުރުން ކޮވިޑް ވެކްސިންވެސް ޖަހަން ފަށައިފިއެވެ.

އެގޮތުން، ކާފިއުއާ ޚިލާފްވެގެން މަގުމަތިން ހިފަހައްޓާ މީޙުން ވަގުތުން ގެންދަނީ ޖޫރިމަނާ ކުރަމުންނެވެ.

މީގެއިތުރުން، އެފަދަ މީހުންނަށް އަނބުރާ ގެއަށް ދެވެނީ ކޮވިޑް ވެކްސިންވެސް ޖެހުމަށް ފަހުގައެވެ. އެމީހަކު ރުހުނަސް އަދި ނުރުހުނަސް ވެކްސިން ޖަހަމުން ގެންދަނީ އަދަބެއްގެ ގޮތުންނެވެ.

ކެރަލާ ސްޓޭޓްގެ ބައެއް ސިޓީތަކުގައި ކޮވިޑްބަލިޖެހޭ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ފުލުހުންވަނީ ރަށުތެރެ ބެލެހެއްޓުންވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެގޮތުން، ކާފިއު ހިންގައި، ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ އެއް ސިޓީއަކީ ވިޒޫޕޫރަމްއެވެ. އެ ސިޓީގައި އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެ ސިޓީގެ ހެލްތު އޮފިޝަލުންވަނީ، ރަށުތެރެ ބަލަހައްޓާ ފުލުހުން ޖަހާފައިވާ މަގުހުރަސްތައް ކައިރީގައާއި، ފުލުހުންގެ ޗެކްޕޮއިންޓްތައް ކައިރީގައި ކޮވިޑް ވެކްސިންޖަހާ ޓެންޓުތައްވެސް ގާއިމްކޮށްފައެވެ.

އަދި ޟަރޫރީ ބޭނުމެއްގައިނޫނީ މަގުމަތީގައި އުޅޭ މީހަކު ފެނިއްޖެނަމަ ފުލުހުން އެމީހަކު ވަގުތުން ޖޫރިމަނާ ކުރެއެވެ. އޭގެފަހުން އެމީހަކު ގެންދަނީ ވެކްސިންޖަހާ ޓެންޓަށެވެ. ޓެންޓަށް ގެންގޮސް ވަގުތުން ވެކްސިންވެސް ޖަހައެވެ.

މިގޮތަށް އަމަލުކުރުމުން، ވިޒޫޕޫރަމްގެ އިތުރުން، ކެރަލާ ސްޓޭޓްގައި އާދަޔާޚިލާފަށް މިހާރު ފެތުރެމުންދާ ކޮވިޑްބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށް އޮފިޝަލުން އުންމީދު ކުރެއެވެ.

ކެރަލާ ސްޓޭޓަކީ އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އެއް ސްޓޭޓެވެ.

ބަލި ކޮންޓްރޯލް ކުރަން އިންޑިއާގެ ގިނަ ސްޓޭޓްތައް މިހާރުވެސް ލޮކްޑައުންކޮށް، ކާފިއު ހިންގައި ހަރުކަށި ފިޔަވަޅުތައް އަޅާފައި ވާއިރު، ބަލިން ދިފާއުވުމަށް ވެކްސިންވެސް ޖަހަމުން އެބަގެންދެއެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަކަށް އެކަށީގެންވާ މިންވަރަށް ވެކްސިން ނުލިބޭއިރު، ބައެއް ސްޓޭޓްތަކަށް ގިނަ އަދަދަކަށް ވެކްސިން ލިބިފައި ވެއެވެ.

އެހެން ނަމަވެސް، 1.35 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި މިހާތަނަށް ވެކްސިން ޖަހާފައިވަނީ ނިސްބަތުން ވަރަށް މަދުމީހަކަށެވެ.

ވެކްސިން ލިބޭންހުރި ނަމަވެސް، ގިނަމީހުން ވެކްސިން ޖަހާކަށް ބޭނުމެއް ނުވެއެވެ. ބަލިން ދިފާއުވުމަށް ވެކްސިންގެ މުހިންމުކަން އެނގޭ ވަރަށްވުރެ ހޭލުންތެރިކަންވެސް ކުޑައީއެވެ.

ކެރަލާ ސްޓޭޓުން ކާފިއުއާ ޚިލާފަށް މަގުމަތީގައި އުޅޭ މީހުން ހިފަހައްޓައި، އަދަބެއްގެ ގޮތުން ޖޫރިމަނާ ކުރުމުގެ އިތުރުން ވެކްސިން ޖަހަންފެށީވެސް ވެކްސިން ނުޖަހާ މީހުން ގިނަވުމުންނެވެ.

މީގެއިތުރުން، ބައެއް މީހުން ވެކްސިން ނުޖަހައި ތިބެނީ އެމީޙުން ބޭނުންވާ ވެކްސިން އިންޑިއާއިން ލިބޭން ނެތުމުންނެވެ.

އެހެންވެ، އިންޑިއާ ސަރުކާރުން މިހާރުވަނީ ފައިޒަރ، މޮޑަނާ، ސްޕަޓްނިކް ވެކްސިންފަދަ ވެކްސިން ގަތުމަށް އޯޑަރު ޖަހާފައެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި، ބާރަތު ބަޔޯޓެކްގެ ވެކްސިން އިންޑިއާގައި ޖަހަމުންދިޔަ ނަމަވެސް، އިންޑިއާގެ ބައެއްމީހުން އެ ވެކްސިންތަކަށް އިތުބާރެއް ނުކުރެއެވެ.