ވޯލްޑް ކަޕް ކޮލިފައިން ސައުތު އެމެރިކާ ޒޯނުގައި ރޭ އާޖެންޓީނާގެ ދަނޑުގައި އާޖެންޓީނާ މޮޅުވިޔަނުދީ ޗިލީއިން 1-1 އިން ރޭ އެއްވަރު ކޮށްފިއެވެ.
މެޗް ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ އާޖެންޓީނާއަށް 24 ވަނަ މިނެޓުގައި ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ ލައުރާޓޯ މާޓިނޭޒަށް ޗިލީގެ ގުއިލާމޯ މަރިޕަން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އާޖެންޓީނާއިން ލީޑް ނެގީތާ 13 މިނެޓްފަހުން ޗިލީއަށް އެއްވަރު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އެލެކްސް ސަންޗޭޒްއެވެ.
ދެވަނަ ހާފުގައި އާޖެންޓީނާއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ޗިލީގެ ގޯލަށް އަމާޒު ކުރިއެވެ. އެކަމަކު ޗިލީގެ ތަޖުރިބާކާރު ކީޕަރު ކްލައުޑިއޯ ބްރޭވޯ ވަނީ ހުށިޔާރު ކަމާއެކު ހަމަލާތައް ދިފާއު ކޮށްފައެވެ. މީގެ ތެރޭގައި މެސީ ޖެހި ނުރައްކާތެރި ހިލޭ ޖެހުމެއްވެސް ހިމެނެއެވެ.
މިމެޗުން އެއްވަރުވިނަމަވެސް އާޖެންޓީނާ އޮތީ 10 ގައުމު ވާދަކުރާ ސައުތު އެމެރިކާ ޒޯނުގެ 2 ވަނައިގައެވެ. އެއީ 11 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކު ބްރެޒިލްއެވެ. ޗިލީ އޮތީ 5 ޕޮއިންޓާއެކު 7 ވަނައިގައެވެ.
މެޗަށްފަހު މެސީ ބުނީ އާޖެންޓީނާގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޝަހްސިއްޔަތު ޑިއޭގޯ މަރަޑޯނާ ނެތި ކުޅެން ޖެހުނު ފުރަތަމަ މެޗްކަމުން މިމެޗް ކާމިޔާބު ކުރަން ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ. "އާޖެންޓީނާ ގައުމީ ޓީމް ރަމްޒުކޮށްދެނީ މަރަޑޯނާ. މަރަޑޯނާއަށްޓަކައި މިމެޗް ކާމިޔާބު ކުރަން އަހަރެމެން ބޭނުންވި. އަދި ބޭނުންވީ އޭނާ ފަދައިން ގައުމީ ޖާޒީ ތަމްސީލް ކުރާ ބަޔަކަށްވުމަށް" މެސީ ބުންޏެވެ.
މިމެޗަކީ މަރަޑޯނާ މަރުވިފަހުން (މަރަޑޯނާ މަރުވީ މިދިޔަ އަހަރު) އާޖެންޓީނާ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މިމެޗް ފެށުމުގެ ކުރިން ދަނޑު ބޭރުގައި މަރަޑޯނާގެ ސްޓެޗޫއެއް ވަނީ ބަހައްޓާފައެވެ. އަނެއްކޮޅުން މިމެޗަކީ މިމެޗް ކުޅުނު "އެސްޓާޑިއޯ ޔުނިކޯ މެޑްރޭ ޑި ސިއިޑެޑްސް" ސްޓޭޑިއަމްގައި ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ. މިދަނޑު ބިނާ ކޮށްފައި ވަނީ އާޖެންޓީނާގެ އެންމެ ގަދީމީ ސިޓީ ކަމުގައިވާ "ސެންތިއާގޯ ޑެލް އެސްޓްރޯ" ގައެވެ.