އެއީ، މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ސެރެމްބަން ސަރަހައްދުގައި ހުންނަ މިސްކިތެކެވެ. މިސްކިތުގެ ނަމަކީ މަސްޖިދު ޖާމިކްއެވެ. މެލޭޝިޔާ މީހުން އެ މިސްކިތަށް ކިޔައިއުޅެނީ ހުކުރު މިސްކިތެވެ.
އެ މިސްކިތް ބިނާކުރިތާ މިހާރު 112 ވަނަ އަހަރު ވެއްޖެއެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ 23 މާޗް 1909 ގައި މެލޭޝިޔާގެ ސެލަންގޫރުގެ ރަސްގެފާނު ސުލްތާން ސީރް އަލާއިއްދީން ސުލައިމާން ޝާހްއެވެ.
މިސްކިތް ފަރުމާކޮށްފައިވަނީ އާތަރ ބެނިސަން ހައްބެކް ނަމަކަށްކިޔާ މީހެކެވެ.
އެހެންވެ، ސެލަންގޫރްގެ މިހާރުގެ ރަސްގެފާނު ސުލްތާން ޝަރަފުއްދީން އިދްރީސް ޝާހްވަނީ، 2017 ވަނަ އަހަރުން ފެށިގެން މިސްކިތުގެ ރަސްމީ ނަމަކަށް "ސުލްތާން އަބްދުއްސަމަދު ޖާމިކް މޮސްކް" ހަމަޖައްސަވާފައެވެ. ސުލްތާން އަބްދުއްސަމަދު ޖާމިކްއަކީ ސެލެންގޫރުގެ ހަތަރުވަނަ ރަސްގެފާނެވެ.
މަސްޖިދް ޖާމިކްއަކީ މެލޭޝިޔާގެ ވެރިރަށުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ. އަދި ކުއާލަ ލަމްޕޫރުގައި އެންމެ ފުރަތަމަ ބިނާކުރެވުނު ބޮޑު މިސްކިތްވެސް މެއެވެ.
ފަހުން ބައެއް ކުދިކުދި ބަދަލުތައް ގެނެވުނު ނަމަވެސް، 112 އަހަރު ވެގެންދިޔަ އިރުވެސް މިސްކިތް އަދިވެސް ހުރީ ވަރަށް ގަދަފަދަކޮށް ކަމަށް ވެއެވެ.
މަސްޖިދު ޖާމިކްގެ އިމާމް މުހަންމަދު ހަމްޒަތު ވިދާޅުވީ، މިސްކިތް ބިނާކޮށްފައިވަނީ މެދުއިރުމަތިން ސެރެމްބަން ސަރަހައްދަށް ޒިޔާރަތްކުރި ޝައިޚް އަބްދުލް ގާދިރުގެ ދަރިފަސްކޮޅުން އައި ބަޔަކު ހަދިޔާކުރި ބިމެއްގައި ކަމަށެވެ. ސެރެމްބަން ސަރަހައްދަށް އިސްލާމްދީން ފެތުރުއްވީ ޝައިޚް އަބްދުލް ގާދިރެވެ.
އިމާމް މުހަންމަދު ހަމްޒަތު ވިދާޅުވީ، މަސްޖިދު ޖާމިކްގެ އާކިޓެކްޗަރއަށް ބަލާއިރު ޗައިނާގެ ނުފޫޒާއި އޭގައި އެކުލެވޭ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޖާމިކް މިސްކިތް ފިޔަވައި، އެ ވައްޓަފާޅިއާ ގާތްކުރާ ދެން ހުރީ އެންމެ މިސްކިތެއް ކަމަށާއި، އެއީ މެލަކާގައި ހުންނަ މަސްޖިދު ޓެންގްކެރަ ކަމަށް، އިމާމް ހަމްޒަތު ވިދާޅުވިއެވެ.
މަސްޖިދު ޖާމިކްގައި ހުންނަނީވެސް، އެހެން މިސްކިތްތަކާ ތަފާތު ގުއްބެކެވެ. އަދި މިސްކިތުގެ އިމާރާތްވެސް އެ ސަރަހައްދުގައި ހުންނަ އެހެން އިމާރާތްތަކަށް ވަރަށް ތަފާތު ކަމަށް ވެއެވެ.
މަސްޖިދު ޖާމިކްގައި ހުންނަ އާދަޔާޚިލާފް ތަފާތުކަމުގެ ސަބަބުން އެ މިސްކިތަކީ މެލޭޝިޔާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގްބޫލް ތަނަކަށް ވަނީ ވެފައެވެ. އެގޮތުން، ޚާއްސަކޮށް ޗައިނާ ފަތުރުވެރިންނާއި، މެދުއިރުމަތިން އަންނަ ފަތުރުވެރިން އެ މިސްކިތް ބަލާލަން ޒިޔާރަތްކުރެއެވެ.