ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް ދެވޭނެ އިންޒާމު ހަމަޖެއްސުމަށް މަސައްތް ކުރަމުން އަންނަކަން ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ފަރުވާދިނުން ލަސްވުމުގެ ސަބަބުން އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދު މަރުވުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީއެވެ. ހެލްތު މިނިސްޓްރީން އެ މައްސަލައިގެ ކޭސް ރިވިއު ހެދުމަށްފަހު މިނިސްޓްރީން ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.

އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކުން ޑޮކްޓަރަށް ދެއްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާލިބޭނެ އިންތިޒާމު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަމަޖައްސާ، އެތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްގައިވެއެވެ.

އަދި އެތަންތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތައް "ވޯކް އިން" ކޮށްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

މިޝްކާއަށް ދިމާވިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށްޓަކާ ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުމަށާއި، އިމަޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަން ޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލާންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ، ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ގޮތަށް ވަނީ ބަދަލް ގެނެއްސައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެތަނަކުން އެމީހަކު ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެކަން އެނގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އިމަޖެންސީ ހިދުމަތް ވަކި ހިދުމަތެއް ގޮތުގައި ގާއިމުކޮށް، އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑު ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ހިދުމަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.