އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުނަކީ އަނެކާ ދެރަވެދާނެތީ އުޅޭ މީހުންނެވެ. މިގޮތުން ރައްޓެހިންނާއި އާއިލާގެ މީހުން ހިތް ހަމަޖައްސައިދިނުމަށްޓަކައި ގިނަފަހަރަށް ގުރުބާނީ ތަކެއް ވާން ޖެހެއެވެ. އެކަމުގެ ސަބަބުން ތިމާއަށް ކިތަންމެ ނިކަމެތި ގޮތެއް ވިޔަސް، އަނެކާ އުފާކޮށްދެވޭތޯ ބަލާ މީހުން މަދުން ނަމަވެސް އުޅެއެވެ. ގިނަ ފަހަރަށް މިފަދަ މީހުންގެ ކިބައިން އެހެންމީހުން ނާޖާއިޒު ފައިދާ ނަގައެވެ. އެއީ ތިމާ އަކީ އެހެންމީހުން ހިތް ހަމަޖައްސައިދީ، އެހެންމީހުންގެ ކަންތަކުގައި އެހީވެދޭނެ މީހެއްކަމަށް ޔަޤީން ވުމުން ކިތަންމެ ބޮޑު ކަމެއް ކުރުމަށް ވެސް ހަވާލުކުރެއެވެ. އެއީ ތިމާއަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން އެނގޭ އިރުވެސް މެއެވެ.

ނަމަވެސް އެހެންމީހުނަށް ނޫނެކޭ ބުނަން ނުކެރޭމީހާ އެކަމާ ހަވާލުވެއެވެ. ރަހުމަތް ތެރިޔާއަށް ޓަކައެވެ. އާއިލާގެ މީހާއަށް ޓަކައެވެ. ބައެއް ފަހަރަށް މި ކުރެވޭ ކަމެއްގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި ތިމާ ބަދުނާމު ވެއެވެ. އަދި އާއިލާ މީހުން ރުޅިއަންނަ މީހަކަށް ވާފަހަރުވެސް އާދެއެވެ. މިފަދަ ގިނަ ފަރާތް ތަކަށް ދިމާވާ އެންމެ ހިތްދަތި ގޮތަކީ ތިމާއަށް ކަމެއް ޖެހޭ އިރު، އެހީތެރިވެދޭނެ މީހަކު ނެތުމެވެ.

އެހެންމީހުނަށް ވަގުތު ނުލިބިގެން ތިމާއަށް އެއްޗެއް ގަންނަން ހަވާލުކުރުމުން އެއްޗެއް ގަނެދެއެވެ. ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭ އެއްޗެއް ނުގަނެވުމުން ރަހުމަތްތެރިޔާ ބުނީތީ އެ އެއްޗެއް ގަނެދެއެވެ. ނަމަވެސް ތިމާގެ ދަރިފުޅު ސްކޫލަށް ގެންދަން އެއްޗެއް ގަންނަން ޖެހޭ ދުވަހު ތިމާއަށް ނުދެވުމުން އެކަން ކޮށްދޭނެ މީހަކު ނުހުރެއެވެ.

މީގެ އިތުރަށް ވަޒީފާ އަދާ ކުރާ އޮފީހުގައި ރަޙުމަތް ތެރިންނަށް ކަންތައް ފަހިކޮށްދޭން ހަދައިގެން ތިމާގެ އަގު ވެއްޓޭގޮތް ވެއެވެ. އޮފީހުގެ ވެރިމީހާ ތިމާދެކެ ރުޅިއައިސް ހިތްމަނުޖެހޭގޮތްވެސް ދިމާވެއެވެ.

އެހެންކަމުން ތިމާއަށް ކުރެވޭ ވަރުގެ ކަންތައްތައް ކުރުމަށް ހަވާލުވާށެވެ. އެކަމުގެ ސަބަބުން ތިމާއަށް ގެއްލުން ލިބޭނެކަންތައްތަކާއި ހަވާލު ނުވާށެވެ. ކުރެވޭނެ، ކަންތަކާއި ނުކުރެވޭނެ ކަންތައް ދެނެގަންނާށެވެ. ކިތަންމެ ގާތް މީހަކަށް ނަމަވެސް، ނުކުރެވޭނެ ކަންތަކަށް ނޫނުކޭ ބުނުމުގެ ހިތްވަރު ހޯދާށެވެ. ތިމާގެ އަމިއްލަ ނަފުސު އަނދަވަޅުތަކުން ސަލާމްތަ ކުރުމަށްޓަކައެވެ.

"ފެންކައްކާ ބޮލީގެ ޢިތްޒަތް" ލިބޭ މީހަކަށް ތިމާ ނުވާށެވެ.