އިނގިރޭސި ޕްރިމިއަރ ލީގުގެ ފާއިތުވެދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ރުބެން ޑިއަސް ހޯދައިފިއެވެ.

ޑިއަސްއާ މިއެވޯޑަށް ވާދަ ކުރީ އޭނާއާއެކު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ކެވިން ޑްބްރޭނާ ،ފިލް ފޯޑެން، އީކަރ ގުންޑޮގަން، މެންޗެސްޓަރ ޔުނައިޓެޑާއި ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އަދި ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންއެވެ.

ޑިއަސް، މެންޗެސްޓަރ ސިޓީއަށް ބޮޑު އަގުގައި ބަދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މެންޗެސްޓަރ ސިޓީން މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ޑިފެންސް ލައިނުގެ މައިތަނބުގެ ގޮތުގައި ހުރީ ޑިއަސް،24،އެވެ. ޕްރިމިއަރ ލީގުގައި ޑިއަސް މެންޗެސްޓަރ ސިޓީގެ ޖާޒީގައި މިދިޔަ ސީޒަނުގައި 32 މެޗް ކުޅުނެވެ. އޭގެތެރެއިން 23 މެޗުން މެންޗެސްޓަރ ސިޓީ މޮޅުވިއެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ މީގެ ތެރެއިން 15 މެޗް ސިޓީން ނިންމާލާފައި ވަނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީއެވެ.

މިއީ ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕޯޗުގަލްއަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މިއެވޯޑް ހޯދާފައިވާ ޕޯޗުގަލްގެ ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިފަހަރު "ޕްރޮފެޝަނަލް ރައިޓާސް އެސޯސިސޭޝަން" އިން ހޮވި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބުނީ ޑިއަސް އަށެވެ.