މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާކަން ޖުމްހޫރީ ޕާޓީން ހާމަކޮށްފިއެވެ.

ހިސާން ހުށަހެޅި އެ ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ.

މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ބިލު ފާސްކުރަން އުޅެނީ ވަކި ބަޔަކަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށް ތުހުމަތުކޮށްފައެވެ. އެ ޕާޓީން ދެކޭ ގޮތުގައި ހިސާންގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެމަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތައާލާގެ މަޝްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީން ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ﷲ ތަޢާލާގެ ހަޒްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ގާނޫނު ތަކުގައި ބުނެދީފައި އޮތް ނަމަވެސް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅާކަން ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މުސްލިމުންނަކީ ބުނާބަހުން އިތުރު މާނަތައް ދޭހަވާގޮތައް ދީނުގެ ވާހަކަތައް ދައްކައި ދީނުގެ ކަންކަމަށް އޮޅުން އަރާފާނެ ގޮތަކަށް މަސައްކަތްކުރާނެ މީހެއް ނޫންކަން ފާހަގަކޮށް ޖޭޕީން ބުނެފައިވަނީ މުސްލިމުންނަކީ ފާޅުގައި އިސްލާމްދީނަށް ގޮންޖަހައި މަލާމާތްކޮށް ފުރައްސާރަކުރާ މީހަކު ނުވަތަ ޖަމާއަތެއް ދިފާއުކޮށް ހިމާޔަތްކުރާނެ ބައެއް ނޫން ކަމަށެވެ.

އެގޮތުން މުސްލިމަކު ކަމަށް ބުނާ މީހަކު ﷲ ތައާލާގެ ހަސްރަތަށާއި އެކަލާންގެ ރަސޫލާއޯ އަށް ފުރައްސާރަކޮށް ކުޑައިމީސް ގުރުއާނަށާއި އިސްލާމް ދީނުގެ ހުކުމްފުޅުތަކަށް ގޮންޖަހައި ކުޑައިމީސްކޮށް، ދީނުގައި ކުރުން ލާޒިމް ކަންކަން ކުރަން ނުޖެހޭނެކަމަށް ބުނާނަމަ އަދި ﷲ ތައާލާ ބާވާލެއްވެވި ހުކުމްފުޅު ތަކަށްވުރެ މޮޅުގޮތް އެމީހަކަށް އެނގޭކަމަށް ބުނާނަމަ އެމީހަކީ އިސްލާމް ދީނާ ދެކޮޅު، ލާދީނީ މީހެއްކަމަށް މުސްލިމުން ބުނާނެ ކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި އެފަދަ ކަންކަން ހިނގާފައި ހުރިކަން ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޝައިތާނާ އިއްޒަތާއި ޝަރަފުގެ ތާޖުދޭ ހިސާބަށް އެއްވެސްމީހެއްގެ ކަންކަން ހިނގައްޖެނަމަ އެމީހަކާއި މެދު ބުނަންއޮތް ހައްގުބަސް މުސްލިމުން ބުނާނެ ކަމަށާއި އެއީ ފާސްކުރާ ގާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫންކަމަށް ޖޭޕީން ބުނެފައިވެއެވެ.

“އަދި، ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާންގެ ރަސޫލާޑް އަށާއި އިސްލާމް ދީނަށް ލޯބިކުރާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވަފާނެތޯއެވެ؟ އަދި މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވައިފި ނަމަ އެބޭފުޅުން މާތް ﷲ ގަންދެއްވާ ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފުވީ ކަމަށް ނުވާނެތޯ؟” ޕޭޖީ ގެ ބަޔާނުގައި ވެއެވެ.

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ގަރާރެއް ނެރެފައެވެ. އަދި ގިނަ ދީނީ އިލްމުވެރިންވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.