މިފަހުގެ އަހަރުތަކުގައި ޖައްވުގެ ތެރެއިން "ގޮތްނޭނގޭ އުޅަނދުތަކެއް" ނުވަތަ "އަން-އައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް-ޔޫއެފްއޯ" ފެނިގެން 120 ރިޕޯޓެއް އެމެރިކާގެ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައި ވެއެވެ. މިފަދަ ގިނަ ރިޕޯޓްތައް ހުށަހަޅާފައިވަނީ އެމެރިކާގެ ވައިގެ ސިފައިންނެވެ. އެހެން ގައުމުތަކުގެ ސިފައިންގެ ފަރާތުން ހުށަހެޅުނު ބައެއް ރިޕޯޓްތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ވެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގައި އޮންނަ ޚާއްސަ ޓާސްކްފޯހަކުންވަނީ، މި ރިޕޯޓްތައް ވަރަށް ބޮޑަށް ދިރާސާކޮށްފައެވެ.

މިރިޕޯޓްތައް ދިރާސާ ކުރުމަށްފަހު ޖާސޫސީ އޮފިޝަލުން ވިދާޅުވެފައިވަނީ، މިއީ އޭލިއަން ސްޕޭސްކްރާޓްތަކެއް ކަމުގެ އެއްވެސް ހެއްކެއް އެމީހުންނަށް ނުފެނުނު ކަމުގައެވެ. މީގެ ސަބަބުން، ޖައްވުގެ ތެރެއިން ފެންނަ "ގޮތްނޭނގޭ އުޅަނދުތަކުގެ" ހަގީގަތް ނުހޯދި އަނެއްކާވެސް ނޭނގުމެއްގެ ތެރެއަށް ދިޔައީއެވެ.

ޕެންޓަގަންގެ ޓާސްކްފޯހުން ތައްޔާރުކުރި ޖާސޫސީ ރިޕޯޓާބެހޭ މައުލޫމާތު އެމެރިކާގެ ނިއުޔޯކް ޓައިމްސްއިންވަނީ ހާމަކޮށްފައެވެ.

އެ ނޫހުން ބުނެފައިވަނީ، ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ޑޮކިއުމެންޓް ކުރެވިފައިވާ ހާދިސާތަކަކީ، އެމެރިކާ ސިފައިންގެ ފަރާތުން ހިނގާފައިވާ ކަންކަމެއް ނޫނެވެ. އަދި އެއީ، އެމެރިކާ ސަރުކާރުގެ އެޑްވާންސް ޓެކްނޯލޮޖީއެއްގެ ސަބަބުންވެސް ހިނގާފައިވާ ކަމެއް ނޫނެވެ.

ޔޫއެފްއޯއާ ގުޅޭގޮތުން، ޓާސްކްފޯހުން ހެދި ދިރާސާތަކުގެ ރިޕޯޓް މިމަހުގެ ތެރޭގައި އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ވެއެވެ.

ބައެއް ޖާސޫސީ އޮފިޝަލުން ގަބޫލުކުރައްވަނީ، މިއީ ވާދަވެރި އެހެން ބާރުތަކުން ޓެކްނޯލޮޖީ އެކްސްޕެރިމެންޓް ކުރުމުގެ ތެރޭގައި ފެންނަ ކަންކަމަށްވެސް ވެދާނެ ކަމަށެވެ.

އަނެއްކޮޅުން، ޔޫއެފްއޯ ފެނުނު ކަމަށް ކޮށްފައިވާ ރިޕޯތްތައް ދިރާސާކުރި ޓާސްކްފޯހުން ތައްޔާރުކުރި ރިޕޯޓްތާބެހޭ މައުލޫމާތު ހިއްސާކުރެވުނު، ނަން ހާމަކޮށްފައި ނުވާ އޮފިޝަލަކުވަނީ، މިއީ، ޗައިނާ ނުވަތަ ރަޝިޔާއިން ހައިޕަރސޮނިކް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެކްސްޕެރިމެންޓްތައް ހަދާތީ ފެންނަ ކަންތައްތަކެއް ކަމުގެ ކަންބޮޑުވުން އެމެރިކާގެ ޖާސޫސީ އަދި އަސްކަރީ އޮފިޝަލުންގެ މެދުގައި އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހައިޕަރސޮނިކް ޓެކްނޯލޮޖީއަކީ އަޑަށްވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ޓެކްނޯޖީއެކެވެ.

"އަން-އައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް-ޔޫއެފްއޯ" ގެ ވާހަކައަކީ އެމެރިކާގައި ވަރަށް ގިނަ މީހުން ފޯރިހުންނަ ވާހަކައެކެވެ. އެފަދަ ގޮތްނޭނގޭ އެއްޗެހި ފެނިގެން އާންމުންވެސް ވަރަށް ގިނައިން ރިޕޯޓްކުރެއެވެ. އަދި އެފަދަ އެއްޗެހި ފެނިގެން އޭގެ ފޮޓޯއާއި ވީޑިއޯވެސް މީހުން ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައި ހުރެއެވެ.

އަދި، "އަން-އައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް-ޔޫއެފްއޯ" އާ ގުޅޭ އެކިއެކި އާންމު ގްރޫޕްތައްވެސް ހަދައި، އޭގެ ހަގީގަތް ހޯދަންވެސް މީހުން މަސައްކަތް ކުރެއެވެ.

ޕެންޓަގަންއިން ތައްޔާރުކުރި ރިޕޯޓަށްވެސް ގިނަ ބަޔަކު ގެންދަނީ އިންތިޒާރު ކުރަމުންނެވެ.

ޖައްވުގެ ތެރެއިންނާއި، ވައިގެ ތެރެއިން މީހުންނަށް ފެންނަ ކަމަށްބުނާ ގޮތްނގޭ އެއްޗެއްސާބެހޭ ހަގީގަތެއް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ދުވަހަކުވެސް ހާމައެއް ނުކުރެއެވެ. އާންމުން ގަބޫލުކުރަނީ، ސަރުކާރުން އޭގެ ހަގީގަތް ސިއްރުކުރަނީ ކަމަށެވެ.

ނަމަވެސް، ޖާސޫސީ ބައެއް އޮފިޝަލުން ވިދާޅުވަނީ، އެފަދަ އެއްޗެހީގެ ހަގީގަތް ނުހޯދެނީ ކަމަށާއި، އަދި "އަން-އައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް-ޔޫއެފްއޯ" އޭގެ ޒާތުގައި ނުފެންނާނެ ކަމަށްވެސް ބުނެވެންނެތީ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގައި "އަން-އައިޑެންޓިފައިޑް އޭރިއަލް ފެނޯމިނާ – ޔޫއޭޕީ" ގެނަމުގައި ޓާސްކްފޯހެއް އުފައްދަން ޖެހުނީވެސް، ބާރު ސްޕީޑްގައިދާ ގޮތްނޭނގޭ އެތައް އެއްޗެއް ފެނިގެން އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓުން ރިޕޯޓްކުރާލެއް ގިނަވެގެން އޭގެ ހަގީގަތް ހޯދުމަށެވެ. ފަހަރުގައި މިއީ، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބެލެވޭނީ އެކަންވެސް ބެލުމަށެވެ.