ޔުއެފާ ޔޫރޯ އެކާވީސް އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ރޭ ޕޯޗުގަލް 1-0 އިން ބަލިކޮށް ޖަރުމަނުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ދެޓީމުގެ ފަރާތުންވެސް ރީތި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ޖަރުމަނުގެ އުއްމީދީ ފޯވާޑް ލޫކަސް މެޗާއެވެ. ހަތަރު ލަނޑު ޖަހައިގެން މުބާރާތުގެ ރަންބޫޓްވެސް ހޯދީ އޭނާއެވެ. ޖަރުމަނަށް ލީޑް ފުޅާ ކުރާނެ ވަރަށް ހުސްދެފުރުސަތު ދެވަނަ ހާފުގެ ފަހުކޮޅު ލިބުނެވެ. އެކަމަކު ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ވަނީ ދިފާއު ކޮށްފިއެވެ. ޕޯޗުގަލްއިން އުފައްދަން މަސައްކަތް ކުރި ހުރިހާ ހަމަލާއެއްކަހަލަ ގޮތަކަށް ޖަރުމަނުގެ ވަރުގަދަ ޑިފެންސުން ވަނީ ހުއްޓުވާފައެވެ. ޕޯޗުގަލްއަށް މުޅި މެޗުގައި ޖަރުމަނުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ޕޯޗުގަލްގެ މުޅި މުބާރާތުގައި ވަރުގަދަ އެޓޭކިންގ ކުޅުމެއް ދެއްކިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ލިބުނީ އެގައުމުގެ ހުނަރުވެރި ޕްލޭމޭކަރ ފަބިއޯ ވިއެރާއަށެވެ.

ޖަރުމަނު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ޕެނަލްޓީ ޝޫޓްއައުޓުގައި ޑެންމާކް 5-6 އިން ބަލިކޮށްފައެވެ. ޕޯޗުގަލް ފައިނަލުން ޖާގަ ހޯދީ އެންމެފަހުގެ ޗެމްޕިއަން ސްޕެއިނުގެ މައްޗަށް ސެމީފައިނަލުގައި 1-0 އިން ކުރި ހޯދައިގެންނެވެ.

މިއީ ޖަރުމަނުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި 3 ފަހަރެވެ. މީގެ ކުރިން ޖަރުމަނުން މިމުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2017 ވަނަ އަހަރާއި 2009 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ފައިނަލުގައިވެސް ޖަރުމަނު ކުޅުނެވެ. އެކަމަކު އެފަހަރު ސްޕެއިން އަތުން އެފަހަރު ބަލިވީއެވެ.

ޕޯޗުގަލްއަށް ބަލާއިރު މިއީ ޔުއެފާ އެކާވިސް އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެގައުމު ބަލިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން 1994، 2015 ވަނަ އަހަރުވެސް ފައިނަލުގައި ކުޅެ ޕޯޗުގަލް ވަނީ ބަލިވެފައެވެ.