އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ މެސޫޓް އޮޒިލް ގެންދިޔުމަށް ސައުދީ އަރަބިއްޔާގެ މުއްސަނދި ކްލަބު އަލް ނަސްރުން ފަސް މިލިޔަން ޕައުންޑުގެ ބިޑެއް އާސެނަލްއަށް ހުށަހަޅައިފި ކަމަށް އާޖެންޓީނާގެ މަޝްހޫރު "ޓީވައިސީ" ކުޅިވަރު ޗެނަލުން ބުނެފިއެވެ.
މިއަހަރުގެ މާރިޗް މަހުގެ ފަހުން އާސެނަލްއިން ކުޅުމުގެ ފުރުސަތު ދީފައި ނުވާތީ އާއި އަދި މިހާރު ހިނގަމުންދާ ސީޒަނުގެ ޔުރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލްއަށް ކޯޗް މައިކަލް އާޓެޓާ ފުރުސަތު ދީފައި ނުވާތީ އެކްލަބުގައި އޭނާގެ މުސްތަގުބަލާމެދު ވަނީ ސުވާލު އުފެދިފައެވެ.
"ޓީވައިސީ" ޗެނަލުން ބުނެފައި ވަނީ އަލް ނަސްރުން އާސެނަލްއަށް ހުށަހަޅާފައި ވަނީ ޓްރާންސްފާ ފީއެއްގެ ގޮތުގައި 5 މިލިޔަން ޕައުންޑް އެކްލަބަށް ދޭށެވެ. އަދި މިއެއްބަސްވުމުގެ ދަށުން އާސެނަލްއިން މިހާރުވެސް އޮޒިލްއަށް ދެމުން އަންނަ މުސާރައާ އެއްވަރުގެ މުސާރައެއް އަލް ނަސްރުން އޮޒިލްއަށް ދޭނެއެވެ. އާސެނަލްއިން މިހާރު އޮޒިލްއަށް ދެމުން އަންނަނީ ހަފްތާއަކަށް 350،000 ޕައުންޑުގެ މުސާރައެކެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން އާސެނަލްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާސަލްއިން ވަނީ އޮޒިލްގެ ކޮންޓްރެކްޓް އުވާލުމާއި ގުޅޭ ގޮތުން މިދިޔަ ހަފްތާގައި އޭނާއާއެކު މަޝްވަރާ ކޮށްފައެވެ. އާސެނަލްއާއެކު އޮޒިލް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫންމަހުއެވެ.
ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުގައި މޮޅު ކުޅުމެއް ދެއްކި އޮޒިލް އާއި އާސެނަލްއާ ދެމެދު މައްސަލަތައް ޖެހެން ފެށީ އޭނާގެ މައިންބަފައިންގެ ގައުމު ކަމުގައިވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއެކު އުރުދުޣާންގެ ރިޔާސީ ކެމްޕޭނުގައި 2018 ގައި ނެގި ފޮޓޯއެއްގެ ސަބަބުންނެވެ. އާސެނަލްއަކީ ޔަހޫދީ ވިޔަފާރިވެރިންތަކެއް ވަރަށް ބޮޑަށް ފަންޑުކުރާ ޓީމަކަށްވެފައި އުރުދުޣާންއަކީ ޔަހޫދީ ޒަޔަނިސްޓް ދައުލަތް އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކަށްވާތީ، އެފަދަ ބޭފުޅަކާއެކު އާސެނަލްގެ މުހިއްމު ކުޅުންތެރިޔަކު ހުރުމުން އެކްލަބުގެ ވެރިންނަށް އެކަން ބަލައިގަންނަން އުނދަގޫވީއެވެ. އޮޒިލް ބުނެފައި ވަނީ އުރުދުޣާންއަކީ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށާއި ކުޅިވަރާއި ސިޔާސީ ކަންކަން އެއްނުކުރުމަށެވެ.
އޮޒިލް ވަނީ ދާދިފަހުން އާސެނައިން ހަރަދު ކުޑަކުރުމުގެ ގޮތުން އެކްލަބުގެ މަޝްހޫރު ޑައިނަސޯ މެސްކޮޓުގެ ވަޒީފާ އުވައިލަން ނިންމުމުން އާސެނަލްގައި އޭނާ ހުރިހައި ދުވަހަކު މެސްކޮޓްވެސް އެކްލަބުގައި ހުންނާނެ ކަމަށް ބުނެ މެސްކޮޓަށް މުސާރަ ދިނުމުގެ ޒިއްމާއާ ހަވާލުވެފައެވެ. މިކަމާއި ގުޅިގެން އާސެނަލްގެ ސަޕޯޓަރުންގެ މެދުގައި އޮޒިލްގެ މަގުބޫލްކަން ވަނީ މައްޗަށް ގޮސްފައެވެ.