” ކޮބާ ދައްކަބަލަ ” އަކްރަމް ވަށައިގެން ހޯދައިލިއެވެ.

” އެހުރީ ދުރުގައި ބަލަހައްޓައިގެން ” ޝަމްއާން ހީލަމުން ބުނެލިއެވެ.

” އޯކޭ ކޮންމެހެން އަހަރެމެން ހައްދަން އުޅޭނެކަމެއް ނެތް. އަހަރެމެން މިދަނީ ” އަކްރަމްމެން ދާން ހިނގައިގަތެވެ. ޝަމްއާންވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ޒުމްރާ ދޫކޮއްލާފައެވެ. ޒުމްރާ ކަންތައްކުރި ގޮތުން ޝަމްއާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މާދުރަށް ނުދެވެނީސް ޒުމްރާ އައިސް ޝަމްއާންގެ އަތުގައި ހިފައިގެން ހިނގައިގަތީ އެތާ ހުރި ގަހަކާއި ދިމާލަށެވެ. ޝަމްއާން ނުދާން އުޅުނެވެ. ނަމަވެސް ޝަމްއާންގެ ބާރަކާއި ނުލައި ކަހަލަ ގޮތަކަށް ގޮސް އެގަސް ކައިރިއަށް ދެވިއްޖެއެވެ.

” މަ މިރޭ ލަދުން ބޯހަލާކު ” ޝަމްއާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

” ކިހިނެތްވީ. އެމީހުންނަށް މަށެއް ނުފެންނާނެ ” ޒުމްރާ ވަރަށް އިތުބާރާއި އެއްކޮށް ބުނެލިއެވެ.

” ތިއީ ޖިންނިއެއް ދޯ ” ޝަމްއާން އަށް ހެވުނެވެ.

” ވެދާނެ ދޯ. ތިވާހަކަ ދެން ނުދައްކާ ހިނގާ ގެއަށް ދާން. މަވެސް ފުރާ ގަޑި ޖެހެނީ ” ޒުމްރާ ޝަމްއާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދެމީހުން ގޮސް އިށީނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ޝަމްއާން އިނީ ޒުމްރާގެ އަތުގައި ހިފަހައްޓައިގެންނެވެ. ހީވަނީ ޒުމްރާ ދެން ފޮނުވަން ބޭނުން ނުވާހެންނެވެ.

” ދެން ކޮންއިރަކުން މަންމަމެންނާއި ބައްދަލު ކުރާނީ ” ޝަމްއާން ހުރީ ހިތް އަވަސްވެފައެވެ.

” ކެތް ކޮއްބަލަ. މި ފިރިހެނުން ހާދަ ކެތްތެރިކަން ކުޑައޭ ދޯ ” ޒުމްރާ ފުރަންދާން ހިނގައިގަތީ މާދަމާ ރޭ ޝަމްއާންގެ މަންމަމެންނާއި ބައްދަލު ކުރަން އެއްބަސްވެފައެވެ.

ޒުމްރާ ދިއުމާއި އެކު ޝަމްއާންވެސް ވަނީ ކޮޓަރިއަށެވެ. ހެދުން ބަދަލުކޮއްލައިގެން ނިދާލުމަށް އޮށޯތެވެ. ނިދިއައިސްފައި ހުރިވަރުން އޮށޯތުމާއިއެކުހެން ނިދިއްޖެއެވެ. ޝަމްއާންއަށް ހޭލެވުނީ ހެނދުނު ދަރިފުޅު ރޯ އަޑަށެވެ. ޝަމްއާން ތެދުވެގެންގޮސް ކުޑަކުޑަ ޔަމީން ނަގައި އުރައިލިއެވެ. އެއިރު މަންމަ ސައިހެދުމުގެ ކަންތަކާއިގެން އުޅެއެވެ.ޝަމްއާން ގޮސް މޭޒު ދޮށުގައި އިށީނެވެ.” މިހާރު ކީއްވެ އެހާ ލަސްކޮއްފައި ގެއަށް ތި އަންނަނީ. ޔަމީން އާއި އެކު ވަގުތެއްވެސް ހޭދަ ކުރެވޭކަމަކަށް ނުވޭ ” މަންމަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

” މަންމާ ރުޅި މަޑުކޮއްބަލަ. މިއުޅެނީ ޔަމީންއަށް މަންމައެއް ގެންނަން ” ޝަމްއާން އެހެން ބުނެލީ ވަރަށް އުފަލުންނެވެ.

” ކާކު ” ގަބޫލުކުރަން އުނދަގޫ ފާޑަކަށް ޝަމްއާންގެ މަންމަ އަހަލިއެވެ.

” އެއީ ބީރައްޓެހި ކުއްޖެއް. މިރޭ ދިހައެއް ޖަހާއިރަށް އަންނާނެ މަންމަ އާއި ބައްދަލު ކުރަން މިގެއަށް ” ޝަމްއާން ބުނެލިއެވެ. މަންމަ އެއްވެސް ޖަވާބެއް ނުދީ ހިނގައިގެންފިއެވެ.

އިރުއޮއްސި ހަތެއް ޖެހުމާއި އެކު ޝަމްއާން ފެންވަރައި ރީތިވެއްޖެއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ. ކޮންމެ ސިކުންތަކީ ސައުވީސް ގަޑިއިރުހެން ހީވެއެވެ. ޝަމްއާން ގޯތިތެރެއަށް ނިކުމެ ދެކޮޅަށް ހިނގަ ހިނގައި ހުއްޓެވެ. ކުއްލިއަކަށް ވައިރޯޅި ގަދަވެ ވާރޭ ވެހެންފަށައިފިއެވެ. ޝަމްއާން ދުވެފައިގޮސް ގޭތެރެއަށް ވަނެވެ.

” މިރޭ ޒުމްރާއަކަށް ނާދެވޭނެ ” ޝަމްއާން ހިތާހިތާ ކިޔައިލިއެވެ. އިރުކޮޅަކުން ކުޑަދޮރުން ޝަމްއާން ބޭރު ބަލައިލިއެވެ. ޝަމްއާން ލޮލުގައި އަޅައިގަތީ އަސްކަނި ދަށުގައި ޒުމްރާ ހުއްޓައެވެ. ޝަމްއާންއަށް އުފަލުން ދުއްވައިގަނެވުނެވެ. ޝަމްއާން ގޮސް ކުޑަކުއްޖެއްހެން ޒުމްރާގެ ގައިގައި އޮޅުލައިގަތެވެ. ވި އުފަލުންނެވެ. ޝަމްއާން ހީކުރީ ވިއްސާރަވީމަ ނާންނާނެކަމަށެވެ. ޒުމްރާގެ އަތުގައި ހިފައިގެން ޝަމްއާން ގޭތެރެއަށް ދުއްވައިގަތެވެ.

” މަންމާ.. މަންމާ ” ގޭތެރެއަށް ވަދެފައި ޝަމްއާން ގޮވައިލިއެވެ.

” ކިހިނެތްވީ ” ކޮޓަރިތެރޭގައި ޔަމީން ރީތި ކުރަން ހުރެފައި މަންމަ ބުނެލިއެވެ.

” ޒުމްރާ އަތުވެއްޖެ ” ޝަމްއާން ހުރީ އުފަލުން ފޮޅިފައެވެ. މަންމަވެސް ޔަމީން އުރައިގެން ބޭރަށް ނިކުތެވެ. ބައްޕަ ވެސް ފަހަތުން ނިކުތެވެ. އެއިރު ޝަމްއާން ޒުމްރާގެ އަތުގައި ހިފަހައްޓައިލައިގެން ހުއްޓެވެ. ބައްޕަ ބޭރަށް ނިކުމެލާފައި އެނބުރި ކޮޓަރިއަށް ވަނެވެ. ނަމަވެސް މަންމަ އައިސް ޒުމްރާގެ އަތުގައި ހިފައިގެން ގޮސް ގޮނޑިގައި ބޭންދިއެވެ. މަންމަގެ މޫނުން ހިތްހަމަ ނުޖެހުން ފެނުނަސް އެކަން ހާމަ ކުރާކަށް ބޭނުން ނުވާހެން ހީވެއެވެ. ޝަމްއާންއަށް އެމަންޒަރު ވަރަށް ރަނގަޅަށް ހާމަވަމުންދެއެވެ.

” ކޮންރަށެއްގެ ކުއްޖެއްތަ ތިއީ ” ޝަމްއާންގެ މަންމަ ސުވާލު ކޮއްލިއެވެ.

” އަޅުގަނޑު މިއީ މާލެ. މިތާ ކައިރީގައި އޮންނާނެ ބައްޕަގެ ފަޅުރަށެއް. އެރަށަށް ވަރަށް ގިނައިން އަންނަން ” ޒުމްރާ ފައްޗަކަށް އަމުނައިލިއެވެ.

” ބިރެއް ނުގަނޭތަ އެރަށުގައި އުޅެން ” އަނެއްކާވެސް ޝަމްއާންގެ މަންމަ ސުވާލު ކުރިމަތި ކުރުވިއެވެ.

” އެއީ އެއުޅޭ ދޮންމަނިކު ގެންގުޅޭ ރަށް ދޯ ” ޝަމްއާން ބައްޕަ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.

” ނޫނޭ އެރަށް ދޮންމަނިކާއި ހަވާލުކޮއްފައި އޮންނަނީ. ބައްޕަ ގިނައިން އުޅެނީ ސިންގަޕޫރުގައި ” ޒުމްރާ ޖަވާބުދިނެވެ. އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ވަރަށް އުފާވެރިކޮށެވެ. ޝަމްއާންވެސް އުއްމީދުކުރި ގޮތަށެވެ. ޒުމްރާވެސް ފުރައިގެން ދިޔައީ ފަތިސްވާން ގާތްވުމުންނެވެ. އިރު އަރަންވާއިރަށް އެރަށަށް އޭނާ ދާން ޖެހޭނެއެވެ. އެއީ ޒުމްރާގެ ބައްޕަގެ ވިޔަފާރިއެވެ. ޝަމްއާން ޒުމްރާ ފުރުވާލައިފައި އައިސް ކޮޓަރިއަށް ވަނީ ވަރަށް އުފަލުން ހުރެއެވެ. ވާނީވެސް އެހެންތާއެވެ. މީހަކާއި ނީދެ ގިނަދުވަސްތަކެއްވުމަށްފަހު މީހަކާއި އިނދެވޭތީއެވެ. ޚާއްސަކޮށް ޝަމްއާންގެ ދަރިފުޅަށް މަންމައަކު ހޯދައި ދެވޭތީއެވެ. ނިދާލުމުގެ ބޭނުމުގައި އެނދުގައި އޮށޯތެވެ. ނިދޭކަށް މާގިނައިރެއް ނުނެގިއެވެ. ޝަމްއާން ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ. ޝަމްއާން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ މަންމައެވެ. ޝަމްއާން އަށް ލިބުނީ ކުއްލި ސިހުމެކެވެ.

” މަންމަ ކީއްކުރަނީ ” ޝަމްއާންއަށް ސުވާލު ކުރެވުނެވެ.

” މިއައީ ޝަމްއާން ނިދިތޯ ބަލަން ” ޝަމްއާންގެ މަންމަ ބުނެލިއެވެ.

” މަންމާ އެއީ ވަރަށް ރަނގަޅު ކުއްޖެއް. އަދި ވަރަށް އޯގާތެރިވެސް ކުއްޖެއް ” ޝަމްއާން ފައްޗަކަށް އަމުނައިލިއެވެ.

” އާނ ހީވޭ އެހެން ކުދިންނާއި ވަރަށް ތަފާތުހެން ” އެހެން ބުނެފައި މަންމަ ނިކުމެގެން ހިނގައިގެންފިއެވެ. ޝަމްއާން ހިތް ނުތަނަވަސްވާން ފަށައިފިއެވެ. އަނެއްކާ މަންމަމެން ނުގަބޫލުވީބާއެވެ. ޝަމްއާން އަށް ހޭވެރިކަންވީ ގަޑި އެލާމްވާ އަޑަށެވެ. ތެދުވެ އަވަހަށް ގަޑި ބަލައިލިއިރު ހައެއް ޖަހަނީއެވެ. މިއަދު އޮފީހަށް ސަލާމް ބުނެފައި ގޭގައި މަޑުކޮއްލާނީއޭ ހިތާ އަނެއްކާވެސް ނިދަން އޮށޯވެލިއެވެ. ނަމަވެސް އެކަންވެސްވީ ބޭކާރެވެ. ޝަމްއާންގެ ދަރިފުޅު ޔަމީން އައިސް އެނދަށް އަރާއޮށޯތެވެ. ދަރިފުޅު އަތުވެއްޖެއްޔާ ދެން ޝަމްއާން ހަމަހިމޭނުން އޮތަކަނުދޭނެއެވެ.

” ހިނގާ ބޭރަށްދާން ” ޔަމީން އުރައިލަމުން ޝަމްއާން ބުނެލިއެވެ. ޝަމްއާންމެން ބޭރަށް ނިކުތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދަރިފުޅު ގޮވައިގެން ގޮސް ގޯތިތެރޭގައި ހުރި ޖޯލީފަތީގައި އިށީނެވެ. ޝަމްއާންގެ މޫނުމަތިން ނިދީގެ އަސަރު ފާޅުވަމުންދިޔައެވެ.

” އޭ ތިއޮތީ ނިދާފައެއްނު ” މަންމަ އެހެން ބުނެލިއަޑަށް ޝަމްއާން ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދައިލިއެވެ. ޔަމީން އުޅޭތޯއެވެ.

” ސާބަހޭ ދެންވެސް ދޭބަލަ ނިދަން. ތިވަރުން އުޅެގެން މިފަހަރު ކިހާވަރަކުން ދާނެބާ ” މަންމަ އެހެން ބުނެލިއިރު ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް މޫނުމަތިން ހާމަވަމުން ދިޔައެވެ. ޔަމީން މަންމަ އާއި ހަވާލު ކޮއްފައި ޝަމްއާން ދިޔައީ ނިދާލެވޭތޯ ކޮޓަރިއަށެވެ.

*******

ކުރީރޭގެ ގޮތަށް އިރުއޮއްސުމާއި އެކު ޝަމްއާން ފެންވަރައި ނަލަ ހެދިލައިގެން ގޮސް ޖޯލިފަތީގައި އޮށޯތެވެ. ޒުމްރާގެ އިންތިޒާރުގައެވެ. މިހާރު ކޮންމެހެން އެކި ދިމަދިމާލަށް ބައްދަލު ކުރާކަށް ދާކަށް ނުޖެހޭނެތާއެވެ. ގޭ މީހުންނަށް މިހާރު ހުރިހާ ކަމެއްވެސް އޮތީ އެނގިފައެވެ. ޝަމްއާން މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޝަމްއާންއަށް ފެނުނީ ޒުމްރާ އައިސް ފުރަގަހުގައި ހުއްޓިލިތަނެވެ. އައި ދިމާލެއްވެސް ނޭގެއެވެ.

” އަހަރެންގެ އިންތިޒާރުގައި ދޯ ” ޒުމްރާ ޝަމްއާން އާއި ގާތްވެލަމުން ބުނެލިއެވެ.

” އާނ ދެން އެހެން މީހަކަށް އިންތިޒާރެއް ނުކުރެވޭނެއެއްނު ” ޝަމްއާން ހީލިއެވެ.

” ހިނގާ ތުނޑިއަށް ދާން ވަރަށް ހަނދުވަރުވެސް ރީތި ” ޒުމްރާ ޝަމްއާން އަތުގައި ހިފަހައްޓައިގެން ތެދުވިއެވެ. ޝަމްއާންއަށް ވެސް އެކަމަކާއި ދެކޮޅު ހަދާނެހާ ހިތްވަރެއް ނުލިބުނެވެ. ދެމީހުން ގޮސް އިށީނީ ތުނޑީ ކޮޅުގައެވެ. ހަނދުވަރުގެ އަލިކަމުން މުޅި ހިސާބުގަނޑު އޮތީ ދިއްލާލައިފައެވެ.

” ދެން ބުނެބަލަ ކޮންއިރަކުތަ ކައިވެނި ކުރާނީ ” ޒުމްރާ ޝަމްއާންގެ ކޮނޑުގައި ބޯއަޅައިލަމުން އަހައިލިއެވެ.

” ވީހާވެސް އަވަހަކަށް ” ޝަމްއާން ދިނީ ވަރަށް ކުރު ޖަވާބެކެވެ.

” އެކަމަކު އަހަރެންނަކީ ވަރަށް ބުރަކޮށް އުޅޭ މީހެއް. އެހެން ވީމާ ދުވާލުގެ ގިނަވަގުތު އުޅެވޭނީ ވިޔަފާރީގެ ކަންތަކުގައި ” ޒުމްރާ ބުނެލިއެވެ.

” އާނ ތިކަން އެނގޭ. ޒުމްރާ ހީކުރީ މަށަކީ ކުޑަކުއްޖެއް ކަމަށް ދޯ ” ޝަމްއާން ހީލިއެވެ.

” ދުވާލު ނޫޅެވުނަސް ޝަމްއާން އަށް އެއްވެސް ކަމަކުން ދަތި ކަމެއް މެދުވެރިވިޔަކަ ނުދޭނަން ” ޒުމްރާ ޝަމްއާން އާއި ގާތްވެލިއެވެ.

” އޯކޭ އޯކޭ ތިކަމަކާއި އަހަރެން ޝަކުވާއެއް ނުކުރަމެއްނު ” ޝަމްއާން ބުނެލިއެވެ.

” ދެން މިރޭ ދަނީ ” ޒުމްރާ ހިނގައިގަތެވެ. ޝަމްއާން ދުވެފައި ގޮސް ޒުމްރާގެ އުނަގަނޑުގައި ބައްދާލިއެވެ. ހަމަ އެއާއިއެކު އަޑުމަތިބަނަވެ ވާރޭ ވެހެންފަށައިފިއެވެ. ދެމީހުންވެސް ދުއްވައިގަތީ އެދިމާލުގައި ހުރި ކާނި ގަހާދިމާލަށެވެ. ޒުމްރާ ގޮސް ކާނިގަހުގައި ދޮށުގައި އިށީނެވެ. ޒުމްރާ އުޅުނު ގޮތުން ހީވީ ވާރޭގެ އެއްވެސް އަސަރެއް ނުކުރާހެންނެވެ.

” ދެންވެސް ހިނގާ ދާން ” ޝަމްއާން ހުރީ ލަސްވެފައެވެ.

” އަހަރެން އިންނާނަން މިތާ ވާރެއާ ތެމެން. ޝަމްއާން ދޭ ” ޒުމްރާގެ ޚިޔާލު ހުރީ ބަދަލުވެފައެވެ. ދާކަށް ބޭނުމެއް މިހާރަކު ނުވިއެވެ.

” އޯކޭ އަހަރެންވެސް ނުދާނަން. ނިދާނީވެސް މިތާ ” ޝަމްއާން ވާރެއާއި ތެމިގެން ގަސްބުޑުގައި އޮށޯތެވެ. އެއާއި އެކު ޒުމްރާ ތެދުވެގެން ހިނގައިގަތެވެ. ޝަމްއާންވެސް ގޮވައިގެންނެވެ. ދެމީހުންނަށް ގެއަށް އާދެވުނުއިރު ހުރީ އެއްކޮށް ތެމިފައެވެ. ޝަމްއާން ވަނީ ގޭތެރެއަށެވެ. ނަމަވެސް ޒުމްރާ ބޭނުންވީ އަވަހަށް ދާށެވެ. ދޯނި ފުރާ ގަޑި ޖެހެނީ ކަމަށް ބުނެ ޒުމްރާ ހިނގައިގަތެވެ. ޝަމްއާން ގޮސް ޒުމްރާ ހިފެހެއްޓިއެވެ.

” ބަލަ މިފަދަ ވިއްސާރަ ރެއެއްގައި އެކަނި ދާކަށް ނުވާނެ ” ޝަމްއާން ބުނެލިއެވެ.

” ނޫނޭ މަށަކީ ޖިންނިއެކޭ. މަށަށް އެއްވެސް ގޮތެއް ނުވާނެ ” ޝަމްއާން ބިރުގެންނެވުމުގެ ގޮތުން ޒުމްރާ ބުނެލިއެވެ.

” ހެވޭ ޖިންނިއަކަށް ވިޔަސް ފުރޭތައަކަށް ވިޔަސް. މަންމަވެސް ހިތްހަމަ ނުޖެހޭނެ ޒުމްރާ އެކަނި ފޮނުވައިފިއްޔާ ” ޝަމްއާން ޝަކުވާ ކުރިއެވެ.

ދެމީހުން ވަކިވެލީ މާދަން ރޭވެސް ތުނޑިން ބައްދަލުވާން އެއްބަސްވެގެންނެވެ. ޒުމްރާ ދިޔުމުން ޝަމްއާން އެނބުރި އައިސް ކޮޓަރިއަށް ވަނެވެ. އެއިރުވެސް ބޯކޮށް ވާރޭ ވެހެމުން ދެއެވެ.ޝަމްއާން ކޮޓަރިއަށް ވަންއިރު ހުރީ ހީކަރުވައިގެންފައެވެ. އަވަސްކޮއްލައިގެން ހެދުންބަދަލުކޮށް ނިދަން އޮށޯތެވެ. އެއިރު ވެހެމުން ދިޔަ ވާރޭވެސް ހުއްޓައިފިއެވެ.

********

ކާވެނީގެ ކަންތަށް ހަމަޖެހިގެން ދިޔައިރު ޝަމްއާންގެ މައިންބަފައިންގެ އެންމެ ބޮޑު ފިކުރަކަށްވީ ޒުމްރާގެ އާއިލާގެ މީހުންނާއި ބައްދަލު ނުވުމެވެ. މިވާހަކަ އެމީހުން ކިތައްމެ ފަހަރަކުވެސް ޝަމްއާން ގާތުގައި ބުނެއެވެ. ނަމަވެސް އެކަމާއި ޝަމްއާން މާބޮޑަކަށް އަޅާލާހެނެއް ހިއެއް ނުވެއެވެ. އަބަދުވެސް ބުނަމުންދަނީ ޒުމްރާގެ އާއިލާގެ މީހުން ބިޒީކަމުން އަދި ނާދެވިގެން އުޅެނީ ކަމަށެވެ. ނަމަވެސް މިވާހަކަ ތަކަކީ ޝަމްއާންގެ މައިންބަފައިންވެސް ގަބޫލު ކުރާ ވާހަކަތަކެއް ނޫނެވެ. ކައިވެނީގެ ކަންތަކުގައިވެސް ޒުމްރާ އެހާބޮޑަށް ބައިވެރިވެގެން އުޅޭ މަންޒަރެއް ނުފެނެއެވެ. މިކަމުގައި ޝަމްއާންގެ ރައްޓެހިން އަބަދު އުޅޭއިރުވެސް އެމީހުންނާއި އެކީގައި އެކަންތަކުގައި ބައިވެރި ނުވާކަމުގެ ޝަކުވާ އަބަދުވެސް އެކުވެރިން ދަނީ ކުރަމުންނެވެ. ޝަމްއާން އެކަނި އެކަންތައް ކުރަން އުޅޭކަހަލައެވެ. ގޯތިތެރޭ ޒީނަތެރި ކުރުމުގެ ކަންތަކުގައި އެންމެން ދިޔައީ ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ. ޝަމްއާންވެސް އެކަނަތަކުގައި ބައިވެރި ވަމުންދިޔައެވެ.

” ކީއްވެ ޒުމްރާ މިކަމުގައި ނޫޅެނީ. މަށަށް ހީވަނީ ތިއުޅެނީ އަނެއްކާވެސް ލަނޑެއް ލިބެންހެން ” ސަލީމް ޝަމްއާން ގާތުގައި ސުވާލު ކުރިއެވެ.

” ބަލަ އެއީ ސަޕްރައިސްއެއް ދޭންވެގެން އެއުޅެނީ. ޒުމްރާއެއް ބޭނުމެއް ނުވޭ މާބޮޑު ހަފްލާއެއްވެސް ބާއްވާކަށް ” ޝަމްއާން ހީލިއެވެ.

” އާނ ރަނގަޅުތާ ދޯ ކަރަދު ކުޑަވާނެއެއްނު ” ސަލީމްވެސް ހީލިއެވެ.

ތެދެކެވެ. ޒުމްރާ އެހާ ބޮޑު ހަފްލާއެއް ބާއްވާކަށް ބޭނުންނުވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އަދި ޒުމްރާ ކައިވެނި ކުރަން ބޭނުންވަނީވެސް މަޢްރިބް ނަމާދާއި އިޝާނަމާދާއި ދޭތެރޭގައެވެ. މި ހުރިހާ ކަމަކަށް ޝަމްއާން ހުރީ އެއްބަސް ވެގެންނެވެ.

” ބަލަ ދެން ކައިވެނި ކުރަން ތިއުޅެނީވެސް ރަނގަޅު ގަޑިއެއްގަވެސް ނޫން. އަނެއްކާ ތިއީ ޖިންނިއެއް ނޫންތަ ” ސަލީމް ޝަމްއާންއަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ.

” ދެން އެގަޑީގައި އުޅޭނީ ޖިންނިންދޯ މުޅިންވެސް. ތިވެސް ޖިންނިއެއްތަ. ބަލަ އަހަރެމެން ބޭނުންވަނީ ތަފާތު ކޮއްލަން ” ޝަމްއާން އެކަން ހެދީ ޖޯކަކަށެވެ.

********

ކައިވެނީގެ ރަސްމިއްޔާތަށް އެންމެން ތިބީ ނަލަ ހެދިލައިގެން ހަފްލާ ފަށާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ފެނުނީ ޒުމްރާ ވަދެގެން އަންނަތަނެވެ. ޒުމްރާގެ ގާތުގައި ހަށިގަނޑުން ބޮޑު ފިރިހެނަކު ހުއްޓެވެ.

” މިއީ އަޅުގަނޑުގެ ބައްޕަ ” ޒުމްރާ އިސްވެ ޝަމްއާންގެ މަންމަ އާއި ވާހަކަ ދެއްކިއެވެ.

” އެހެން ދޯ. ކީއްވެ ކުރިން ބައްޕަ ނުގެނައީ. ކޮބާ މަންމަ ” ޝަމްއާންގެ މަންމަ ސުވާލު ކުރިއެވެ.

” ބައްޕަ ހަވީރު އެއައީ ރާއްޖޭއިން ބޭރުގައި އުޅެފަ. މަންމަ ވަނީ ނިޔާވެފައި ” ޒުމްރާ ޖަވާބު ދިނެވެ.

ޝަމްއާންގެ މަންމަ އެމީހުން ގޮވައިގެން ގޭތެރެއަށް ވަދެ ސިޓިންގރޫމްގައި ބޭންދިއެވެ. ޝަމްއާންވެސް އެމީހުންނާއި އެކު ގޮސް އިށީނެވެ.

” މިއީ ބައްޕަ ” ޒުމްރާ އޭނަގެ ބައްޕަ ޝަމްއާން އަށް ތައާރަފް ކޮއްލަދިނެވެ.

” އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާތި. ކަލޭމެންނާއި އެކީގައި އުޅެން ބައެއްފަހަރު އުނދަގޫ ވެދާނެ. ދުވާލު މަސައްކަތުގައި ޒުމްރާ އުޅޭނީ ” ޒުމްރާގެ ބައްޕަ ޝަމްއާން ގާތުގައި ބުނެލިއެވެ.

ކައިވެނިކުރުމުގެ ހަފްލާއަށް ގާޒީ އައުމާއި އެކު އެންމެ އެ ހަފްލާގައި ބައިވެރި ވުމަށް ގޯތިތެރޭގައި ހުރި މޭޒު ކައިރީގައި އިށީނެވެ. ޝަމްއާން އާއި ޒުމްރާ އިށީނީ ގާޒީގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށެވެ. ޖެހިގެން ހުރި ގޮނޑީގައި ޒުމްރާގެ ބައްޕަ އަދި ޝަމްއާންގެ ބައްޕަ އިށީނެވެ. ކައިވެނިކޮއްލާކަށް މާގިނައިރެއް ނުނެގިއެވެ. ގާޒީ ހުރި ހާސްވެފައެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ބިރުން އުޅޭހެންނެވެ.

” މިރޭ ކުޑަކޮށް ބަލިކޮށް މި އުޅެނީ ” ގާޒީ ދާން ހިނގައިގެންފިއެވެ. ހީވަނީ އެތަނުގައި ހުންނަން ބޭނުންނުވާތީ ދާން އުޅެނީ ހެންނެވެ.

” ކީއްވެ އެހާ އަވަހަށް އެމީހުން އެދިޔައީ ” ޝަމްއާންގެ ބައްޕަ ސުވާލު ކުރިއެވެ.

” ކީއްކުރަން އެމީހުން އެހާ ގިނައިރު މިތާ ބައިތިއްބަންވީ ” ޝަމްއާންގެ ބައްޕައަށް ޖަވާބުދިނީ ޒުމްރާއެވެ.

ނަމަވެސް އެކަމާއި ޝަމްއާންގެ މައިންބަފައިން ތިބީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކުރާނީ ކީއްހެއްޔެވެ. ޝަމްއާން ގާތުގައި ވާހަކައެއް ބުނިނަމަވެސް އެވާހަކަ އެއް ޝަމްއާން އަޑެއް ނާހައެވެ. ހަފްލާ ނިމިގެން ދިޔައީ ވަރަށް ފުރިހަމައަށެވެ. ޝަމްއާންގެ އާއިލާއިން ހީވެސް ނުކުރާ ގޮތަކަށެވެ. ހަމަ އެކަނި ތަފާތަކީ މިހަފްލާ އަކީ އާއިލާގެ މީހުންނާއި މަދު ރައްޓެހިން ބައިވެރިކޮއްގެން ބޭއްވި ހަފްލާއަކަށް ވުމެވެ. ހަފްލާ ނިންމާލާއފައި އެންމެން ގެއަށް ދިޔައީ ވަރަށް އުފަލުންނެވެ. އާއިލާގެ މީހުން އަލަށް ލިބުނު ފަހަރިއަށްޓަކައި ފަޚުރުވެރިވާކަހަލައެވެ. އެންމެން ދިއުމުން ޝަމްއާންމެން ވަނީ ނިދާލަން ކޮޓަރިއަށެވެ. ޝަމްއާންއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މުޅި ކޮޓަރި އޮތީ ޒީނަތްތެރި ކޮއްލާފައެވެ. މުޅި ކޮޓަރިތެރޭން މީރުވަސްދުވައެވެ. ޝަމްއާން ގޮސް އެނދުގައި އޮށޯވެލިއެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ.

” އާދޭ ޖައްސާލަން ” ޝަމްއާން ޒުމްރާގެ އަތުގައި ހިފެހެއްޓިއެވެ.

” އަހަރެންނަކީ ޝަމްއާން ގޮތަށް ވަރުބަލިވާ މީހެއް ނޫނޭ ” ޒުމްރާ ޖަވާބު ދިނެވެ.

” ބައްޕަ ގާތުގައި މިގޭގައި މަޑު ކުރަން ބުނިނަމަ ” ޝަމްއާން ޒުމްރާ ގާތުގައި ބުނެލިއެވެ.

” ނޫނޭ ބައްޕަ މިރޭ ފުރާނެ. ދެން އާދެވޭނެ ދުވަހެއްވެސް ނޭގެ ” ޒުމްރާ ބުނެލިއެވެ.

ހެނދުނު ހޭލެވުނު އިރު ގާތެރެ ހީވަނީ ފަޅު ގެއެއް ހެންނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒުމްރާވެސް ވަޒީފާއަށް ދިޔައީއެވެ. ޝަމްއާން ގޮސް ބަދިގެއަށް ވަނެއެވެ. ބަނޑުހައިވެފައި ހުރިވަރުން ކާއެއްޗެއް ހަދާފައި ހުރިތޯއެވެ. އެއްވެސް އެއްޗެއް ނެތެވެ. ޝަމްއާން ގޯތި ތެރެއަށް ނިކުމެ ޖޯލިފަތީގައި އޮށޯތެވެ. އެވަގުތު މަންމަ އަންނަތަން ފެނުނެވެ. މަންމަ އައިސް ޖޯލިފަތީގައި އިށީނެވެ.

” ކޮބާ ޒުމްރާ ” މަންމަ ސުވާލު ކުރިއެވެ.

” ވަޒީފާއަށް ގޮސްވީ ” ޝަމްއާން ޖަވާބު ދިނެވެ.

” މިއަދު މިރަށުގެ ބަޔަކު ކިޔާ އަޑުއެހިން އެއީ އާދަޔާ ޚިލާފް ކުއްޖެކޯ. ވެދާނެޔޯ ޖިންނިއަކަށްވެސް ” ޝަމްއާންގެ މަންމަ ބުނެލީ ބިރުން ހުރެއެވެ

(ނުނިމޭ)