އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަންކުރި އައިމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަގާމުގައި ހުންނެވި ޝައުނާ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ މަހު 25 ވަނަ ދުވަހު އޮތީ ފާސް ވެސް ކޮށްފަ އެވެ.

ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 57 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި ޝައުނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދީ އެއް މެމްބަރަކު އިނެވެ.

ޝައުނާ އެންވަޔަމަންޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިރު ކުރިން ހިންގަމުން އައި ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ޝައުނާއާ މިހާރު ވަނީ ހަވާލު ކޮށްފަ އެވެ. އެ ބަދަލާއެކު އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން، މިނިިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީއަށް ވަނީ ބަދަލުކޮށްފަ އެވެ.