ސްކޫލު ދައުރުގައި އަހަންނަކީ ރަޙުމަތް ތެރިން ގިނަ ކުއްޖެކެވެ. އެކުވެރިން ގިނަ ކުއްޖެކެވެ. އެ އެންމެން ބުނާ ގޮތުންނަމަ، ގްރޫޕުގެ " ހީރޯއިން" އެވެ. އަންހެން ކުދިންނެކޭ އެއްގޮތަށް އަހަރެންނާއި ގާތް ރަހުމަތްތެރިކަން އުފައްދަން އުޅޭ ފިރިހެން ކުދިންވެސް މަދެއް ނޫނެވެ. އަހަރެންގެ އުމުރުން ސާދަ އަހަރު ނުފުރެނީސް ރައްޓެހިވާން އެދޭ ކުދިންގެ އަދަދު އަތުގެ އިނގިލަތަކުން ގުނާ ނުލެވޭހާ ގިނަ ވިއެވެ. ނަމަވެސް އަހަރެން ވެސް ބެލީ އެންމެ "ސްމާޓް" ބަލާލަން ރީތި، އަޅައިގަންނަ، ސިފަތަކެއް ހުރި ޒުވާނެއް ލިބޭތޯއެވެ. ނަސީބު ވަރަށް ރަނގަޅެވެ. އަހަރެންނާއި އެއް ސްކޫލެއްގައި ކިޔަވަމުން ދިޔަ ހުރިހާ އަންހެން ކުދިންވެސް އެމީހަކަށް ހިތްކިޔަމުން ދިޔަ ޒުވާން ފިރިހެން ކުއްޖަކު އަހަންނާ ގަޔާވެއްޖެއެވެ. އަހަރެންވެސް އޭނާއަށް އާބަސް ބުނީ ވަރަށް އުފަލުންނެވެ. ދެމީހުންގެ ލޯބީގެ ވާހަކަތައް މުޅި ސްކޫލަށްވެސް ވަރަށް މަޝްހޫރެވެ. އޭނާ އަހަރެންދެކެ ވަރަށް ލޯބި ވިއެވެ. ދާ ކޮންމެ ތާކަށް އެކީގައި ދެއެވެ. ސްކޫލު ނިމުމުން ގެއަށް ގެންގޮސްދެއެވެ. ސްކޫލުގެ އިތުރު ޙަރަކާތައް ނިމުމުން އަހަރެންނާއި ރައްޓެހިންނަށް އައިސްކްރީމް ދީވެސް ހަދައެވެ. އޭނާ އަހަންނަށްވުރެ ކުރިން ސްކޫލު ވެސް ނިމިއްޖެއެވެ.

އަހަރެންނަށް ވުރެ ހަތަރު އަހަރު ދޮށީ އެޒުވާނާ ދެކެ ވެވުނު ލޯތްބެއްގެ ސަބަބުން ސްކޫލު ދައުރު ނުވެސް ނިންމާ އަހަރެން އޭނަ އާއި ކައިވެނި ކުރީމެވެ. މައިންބަފައިންގެ ނުރުހުމުގައެވެ.

ދެމީހުންނަކީވެސް ރާއްޖެތެރޭގެ މީހުން ކަމުން މާލޭގެ ތަންތަން ކުއްޔަށް ހިފައިގެން ދިރި އުޅެން ފެށީމެވެ. ވަރަށް ލޯބިންނެވެ. އަހަރެމެން ދެމީހުން ވެސް ވަޒީފާ އަދާކުރަމެވެ. އަހަރެމެންގެ ކައިވެންޏަށް އަހަރު ނުވަނީސް ފުރަތަމަ ދަރިފުޅަށް އަހަރެން ބަލިވެ އިނެވެ. އަހަރެމެން ދެމީހުންވެސް ވަރަށް އުފާވިއެވެ. އަލަތު ދަރިފުޅު ލިބުމުން އަހަންނަށް ޖެހުނީ ވަޒީފާއިން ވަކިވާށެވެ. ދަރިފުޅު ބަލާނެ މީހަކު ނެތުމުންނެވެ. އެހެންނަމަވެސް ފިރިމީހާ އަށް ލިބޭ މުސާރައިން ފުދިގެން އުޅެވެއެވެ. ފުރަތަމަ ދަރިފުޅަށް ދެ އަހަރު ވީއިރަށް ދެވަނަ ކުއްޖަކު ލިބިއްޖެއެވެ. ދެ ދަރިން ނަކީވެސް އަންހެން ކުދިންނަށް ވުމުން ފިރިމީހާ އިތުރު ކުއްޖަކު ހޯދަން ބޭނުން ވިއެވެ. އެހެން ކަމުން ތިންވަނަ ކުއްޖަކު ވެސް ހޯދީމެވެ. ނަސީބަކުން ތިންވަނަ އަށް އަހަރެމެނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ދަރިންކޮޅު ގޮވައިގެން ގޭގެތެރޭގެ ކަންތައް ތައް ކުރަމުން ފިރިމީހާގެ ހުރިހާކަމެއްވެސް ކޮށްދެމުން ގެންދިޔައީ އުފަލުންނެވެ.

ނަމަވެސް އަހަރެންގެ ދޮށީ ދަރިފުޅަށް ފަނަރަ އަހަރު ފުރުނު އިރަށް ފިރިމީހާގެ އުޅުން ބަދަލުވާން ފަށައިފިއެވެ. ގެއަށް އަންނަ ގަޑިތައް މަދުވާން ފަށައިފިއެވެ. ދަރިންނަށް އަޅާލުންވެސް ކުޑަވާން ފެށިއެވެ. އަހަރެން އެކަމާ ސުވާލުކުރުމުން އޮފީހުގައި މާ ބުރައީކަމަށް ބުނެ ޖަވާބު ދެއެވެ. ނަމަވެސް އޭނާގެ ޢަމަލުތަކާއި އުޅޭ ގޮތުން އަހަންނަށް ކޮންމެވެސް ނުބައެއް އުޅޭކަމަށް ޝައްކުވެއެޖެއެވެ. ކުރިން ސްކޫލަށް ކުދިން ގެންގޮސްދޭން އަންނަން، އޭނާ އަށް ވަގުތު ލިބެއެވެ. ނަމަވެސް ފަހަކަށް އައިސް ކުދިން ސްކޫލަށް ގެންދަންވެސް އަދި ގެނެސް ގެއަށް ލައިދޭންވެސް އޭނާ އަކަށް ވަގުތެއް ނުވެއެވެ.

މިގޮތަށް ދުވަސްތައް ގުނަމުން ދަނިކޮށް އެއްދުވަހަކު ފިރިހެން ދަރިފުޅު ސްކޫލު ނިމުމުން އޭނާ ގޮވައިގެން ގެއަށް އަންނަނިކޮށް ފިރިމީހާ ސައިކަލުގައި ޒުވާން އަންހެން ކުއްޖަކު ގޮވައިގެން ދާތަން ފެނިއްޖެއެވެ. ދަރިފުޅަށްވެސް އެތަން ފެނުނެވެ.

ފިރިމީހާ ގެއަށް އައުމުން އަހަރެންނަށް ވުރެ ކުރިން ދަރިފުޅު އޭނާގެ ބައްޕަ އާއި ސުވާލުކުރިއެވެ. " ކޮއްކޮ ގެއަށް އައިރު ބައްޕަ ސައިކަލުގައި އެހެން ކުއްޖަކު ގޮވައިގެން ދަނިކޮށް ދުށިން" ދަރިފުޅު ބުންޏެވެ. މިހެން ބުނުމުން އެއީ ރައްޓެސެކޭ ފިރިމީހާ ބުންޏެވެ. ނަމަވެސް އެރޭ އެކަމާ ރުޅިއައިސްގެންވެސް އޭނާ އަހަންނާ ދިމާއަށް އެއްޗިހި ކިޔެވެ. ދަރިފުޅަށް އެ މަންޒަރު ދެއްކީ އަހަންނޭ ކިޔާފައެވެ.

އެދުވަހަށް ފަހު އަހަރެމެން ދެމީހުންގެ މެދުގައި ދެބަސްވުންތައް ގިނަވެއްޖެއެވެ. ކުދި ކުދި ކަންތަކާވެސް ޒުވާބު ކުރަން ޖެހެއެވެ. ދަރިންނަށްޓަކައި އަހަރެން ހަނު ހުންނަ ފަހަރު ގިނަވެއްޖެއެވެ.

އޭރު، އަހަރެންގުނަމުން ގެންދިޔައީ ތިރީހުގެ ފަހު އަހަރު ތަކެވެ. އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އަހަންނަކީ ކުރީގައިހެން ލޫޅާފަތިކޮށް ތުނިތުނިކޮށް ހުރި އެ ރީތި ޒުވާނާ އެއް ނޫނެވެ. ހަށިގަނޑު ފަލައެވެ. ބަނޑުގައި ޖަހާފައިވާ މަސްތައްވެސް ގިނައެވެ. މޫނުމަތީގެ ތާޒާކަން ވަނީ ގެއްލިފައެވެ. ނަމަވެސް އަހަރެންގެ ފިރިމީހާއަކަށް އެއްވެސް ޚިދުމަތެއް އުންޏެއް ނުކުރަމެވެ. އަހަރެންނަށް ފިރިންގެ ހައްޤުތައް އެނގެއެވެ. އެހެނަސް އަހަރެންނަށް ލިބެންވާ ހަޤުތައް ފުރިހަމަ ނުވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް ކެތްކުރީ ދަރިންނަށްޓަކައެވެ.

އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އައިކަމުގައި ވިޔަސް ފިރިމީހާ އަކަށް މާ ބޮޑު ބަދަލެއް ނާދެވެ. އެހެނަސް ބޮލުގައި އިސްތަށި މަދެވެ. އަދި ނުރަވެސް ކޮންމެސް ވަރަކަށް ހުއްޓެވެ. ނަމަވެސް ހަށިގަނޑާ ރޫފައިން އަދިވެސް އޭނާ ހީވަނީ ޒުވާނެއް ހެނެވެ. އުމުރުން ދުވަސް ވުމުން ގިނަފަހަރަށް އެކަން ބޮޑަށް ފާޅުވަނީ އަންހެނުންގެ ކިބައިންނެވެ. އެއީ ޠަބީއީއީ ކަމެކެވެ.

ވޭތުވެ ދިޔަ ސޯޅަ އަހަރު ފިރިމީހާދެކެ، ވީ ލޯބީގެ ޒައްރެއްގެ މިންވަރުވެސް އަހަރެން އުނި ނުކުރަމެވެ. ބޭވަފާ ތެރިއެއް ނުވަމެވެ. ދަރިންނާއި ފިރިމީހާގެ ކަންތައްތައް ކޮށްދިނީ އުފަލުންނެވެ.

އެ ވޭތުވެ ދިޔަ ދުވަސްތަކުގައި އަހަރެންގެ ހުރިހާވަގުތެއް ހުސްކުރީ އެމީހުނަށެވެ.

އެހެނަސް އެ ދިރި އުޅުމާ އަހަރެން ވަކިވާން ޖެހުނެވެ. ފިރިމީހާ އަހަރެންދެކެ ލޯބި ނުވާ ވާހަކަ ބުންޏެވެ. އަހަރެން ސަބަބު ހޯދުމަށް ސުވާލު ކުރީމެވެ. އޭނާގެ ޖަވާބަކަށްވީ އެހެން ކުއްޖަކު ދެކެ ލޯބި ވުމެވެ. އެ ކުއްޖައާއި އިނދެވެން އޮތީ އަހަރެން ވަރިކޮށްފައި ކަމުގައި އޭނާ ބުންޏެވެ. ސަބަބަކީ އޭނާ އިންނަން އުޅޭ ޒުވާން އަންހެންކުއްޖާ ދެއަންބަށް އިނދެގެން އުޅެން ބޫނުން ނުވާތީއެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. ގިސްލާ އާދޭސް ކުރީމެވެ. ނަމަވެސް އެ އާދޭހުގެ އަޑުއަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ އަހަންނަށް ދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ ރުއިމާ އި އާދޭހުން އޭނާ އަށް ކުރި އަސަރެއް ނެތެވެ. އަހަރެން ވަރިކުރުމަށްފަހު އޭނާ ގެއިން ނުކިތީ ދަރިންނަށް ޚަރަދު ދޭނެ ކަމަށް ބުނެފައެވެ.

އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ހަށިގަނޑުގެ ސިފަ ބަދަލުވުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ ޒުވާންކަމާއި ރީތިކަން ގެއްލުން އެއީ އަހަރެން ވަރިކުރި ސަބަބު ކަމުގައި އަހަރެން ދެކެމެވެ. އެއީ އަހަންނަށްވުރެ އެތައް ތަނެއް ޒުވާން އަންހެންކުއްޖަކާ ކައިވެނި ކުރުމަށްޓަކައި އަހަރެންގެ ފިރިމީހާ އަހަރެން ވަރިކުރީތީއެވެ. އޭނާ އަށްވުރެ ސައުވީސް އަހަރު ހަގު އަންހެއްކުއްޖަކަށް ޓަކައި އަހަރެންގެ ފިރިމީހާ އަހަރެން ދޫކޮށްލީމައެވެ.

މައިންބަފައިންގެ ނުރުހުމުގައި ކުރި ކައިވެނި ރޫޅި އެ މައިންބަފައިން މުސްކުޅިވި ދުވަހު އިތުރު ހިތާމަތަކެއް ތަހައްމަލު ކުރަންޖެއްސިއްޖެއެވެ. ނަމަވެސް ދާނެ އެހެންތަނެއް ނެތެވެ.

ދެން އިތުރު މީހަކާއި ކައިވެނިކޮށްގެން އުޅޭހާ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. އަދި އެއްވެސް ފިރިހެނެކަށް އިތުބާރުކުރުމަކީވެސް ދެން އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

މި ވާހަކަތައް މި ކިޔައިދިނީ އެހެން އަންހެން ކުދިންނަނަށް ޢިބުރަތަކަށެވެ. އަދި އަހަރެންފަދަ އަންހެނުން މި މުޖުތަމޢުގައި ވަރަށް ގިނަކަން އެނގި ހުރެވެސް މެއެވެ.

(ހަޤީޤީ ހާދިސާއެއް)