ޒުވާންފުރައިގެ އަންހެނަކު، އުމުރުން ދުވަސްވީ ފިރިހެނަކު ކޮނޑުޖަހައިގެން ކަހަލަ ގޮތަކަށް ދަނިކޮށް ނަގާފައިވާ ވީޑިއޯއާއި، ފޮޓޯތައް އިންޑިއާގެ ސޯޝަލް މިޑީއާގައި ވައިރަލް ވެގެންދިޔައެވެ. އެ ވީޑިއޯ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މީހުން ޝެއަރ ކުރިއެވެ.

އެ ވީޑިއޯއަށް މީހުންގެ ސަމާލުކަން ހުއްޓުނީ، ޒުވާން އަންހެނަކު މުސްކުޅި ބޭބެއަކު ކޮނޑަށްލައިގެން ދާތީއެއް ނޫނެވެ. އެ އަންހެންމީހާ ކޮނޑުޖަހައިގެން ގެންދިޔައީ އޭނާގެ ބަފައިބެއަށް ވީމައެވެ. އެއީ އޭނާގެ ފިރިމީހާގެ ބައްޕައެވެ.

އުމުރުން 75 އަހަރުގެ ތުލޭޝްވަރް ދާސް ދިރިއުޅެނީ އޭނާގެ ފިރިހެން ދަރިފުޅާއި އަދި ދަރިފުޅުގެ އަނބިމީހާ ނެހާރިކާ އާއެކު އެއް ގެއެއްގައެވެ. އެ ގެ ހުންނަނީ އާސާމް ސްޓޭޓްގެ ނަގައޯން ނަމަކަށްކިޔާ ރަށްފުށުގެ ހިސާބެއްގައެވެ.

ތުލޭޝްވަރް ދާސް ބަލިވެގެން، ކޮވިޑަށް ޝައްކު ކުރެވޭތީ ސާމްޕަލް ނަގައި ޓެސްޓްކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ތުލޭޝްވަރް ދާސް ޕޮޒިޓިވްވިކަން އެނގުމާއެކު އޭނާގެ ބަލިހާލުވެސް ބޮޑުކަމުން ވަގުތުން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

އެހެން ނަމަވެސް، ހޮސްޕިޓަލަށް ގެންދަން ޖެހުނު ވަގުތު ތުލޭޝްވަރް ދާސްގެ ދަރިފުޅު ގެއަކު ނެތެވެ. އޭނާވީ އަވަށުންވެސް ބޭރު، ވަރަށް ދުރު ހިސާބަކަށް މަސައްކަތު ގޮސްފައެވެ.

ތުލޭޝްވަރް ދާސްއަށް އަމިއްލައަށް ހިނގާފައި ނޫޅެވޭތީ އޭނާ ހޮސްޕިޓަލަށް ގެންދާނެ ގޮތަކާމެދު ވިސްނުމަށްފަހު، ނެހާރިކާ ނުކުތީ މަގުމައްޗަށެވެ. އަވަށްވެސް ލޮކްޑައުން ކޮށްފައި އޮތުމާއެކު ބަފައިގެ ހޮސްޕިޓަލަށް ގެންދާނެ ދުއްވާ އެއްޗެއް ލިބޭތޯއެވެ.

ނެހާރިކާ މަގުމައްޗަށް ނުކުމެ ކުރި މަސައްކަތުން، އޭނާގެ ބަފައިބެ ހޮސްޕިޓަލާ ހަމައަށް ގެންގޮސްދޭން ޕްރައިވެޓް ވޭނަކުން އެއްބަސްވިއެވެ. އެހެންވެ، އޭނާ އަވަހަށް ދިޔައީ ގެއަށެވެ. ގެއަށްވަދެ ނެހާރިކާ، އޭނާގެ ބުކަށިމައްޗަށް ވާގޮތަށް ބަފައިބެ ކޮނޑުޖަހައިގެން ގެނެސް ވޭނަށް އެރުވިއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައެވެ.

އެހެން ނަމަވެސް، ނެހާރިކާއަށް ދެން ދިމާވީ ހިތާމަވެރި ކަމެކެވެ. ބަފައިބެ ކޮނޑަށްލައިގެން އުފުލުމުގެ ސަބަބުން އޭނާ ކޮންޓެކްޓަކަށްވެ އަދި ކޮވިޑަށް ޕޮޒިޓިވްވެސް ވީއެވެ. އެހެންކަމުން، އޭނާއަށް ދެން ޖެހުނީ ގޭގައި އައިސޮލޭޓް ވާށެވެ.

ނެހާރިކާ އޭނާގެ މުސްކުޅި ބަފައިބެ ކޮނޑުޖަހައިގެން ވޭނަށް އަރުވަން ގެންދިޔަ ޚަބަރުތައް ޖޫންމަހުގެ 4 ވަނަ ދުވަހު އޮންލައިން ނޫސްތަކުގައި ޖަހައި، އަދި މަންޒަރުގެ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިއުމާއެކު އެތައް ބައެއްގެ ތައުރީފް ނެހާރިކާއަށް އޮހިގެންދިޔައެވެ.

މުސްކުޅި ބަފައިބެއަށް ޚިދުމަތް ކުރުމުގައި ނެހާރިކާ ދެއްކި ނަމޫނާއަށް ސާބަސްދީ ހިތްވަރު ދީފައި ވެއެވެ. ބަލީގެ ރިސްކު އޮތުމާއެކުވެސް ބަފައިގެ ކޮނޑަށްލައިގެން އުފުލައި ދެއްކި ހިތްވަރަށް އެތައްބަޔަކު ތައުރީފް ކޮށްފައިވެއެވެ. އާސާމް މަޝްހޫރު އެތައްބަޔަކުވެސް އޭނާއަށް ތައުރީފްކުރިއެވެ.

ނަމަވެސް، އެ ތައުރީފްތަކުން ނެހާރިކާއަށް ހިތްހަމަޖެހުމެއް ލިބުނީ ދެތިން ދުވަހަށެވެ. ގުވާހަޓީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާދެމުން ގެންދިޔަ އޭނާގެ ބަފައިބެ ހޯމަދުވަހުރޭވަނީ މަރުވެފައެވެ.

މިހާދިސާއިން އެހެންކަމެއްވެސް ވަނީ ފެންމަތިވެފައެވެ.

ނެހާރިކާއަށް އެއްބަޔަކު ތައުރީފްކުރި އިރު އަނެއްބަޔަކު އުފެއްދި ސުވާލަކީ އާސާމްގެ ރަށްފުށުގެ ހިސާބުތަކުގެ ސިއްހީ ޚިދުމަތާއި، އެމްބިއުލެންސްގެ ޚިދުމަތާ ގުޅޭގޮތުންނެވެ.

ރަށްފުށުގެ ހިސާބުތަކަށް އެކަށީގެންވާ ގޮތެއްގައި އެމްބިއުލެންސްގެ ޚިދުމަތް ނުދެވޭ ކަންވެސް ނޫސްތަކުން ހާމަކުރަން ފެށީއެވެ. އެމްބިއުލެންސްގެ އަގު ހުންނަނީ ނިކަމެތީން އަތްފޯރާ ފަށަށްވުރެ މާމަތީގައިކަންވެސް ހާމަވެގެން ދިޔައީއެވެ. ސްޓޭޓް ސަރުކާރަށް ފިޔަވަޅުތަކެއް އަޅަންވެސް ޖެހުނީއެވެ.