ވޯލްޑް ކަޕް ކޮލިފައިންގައި ސައުތު އެމެރިކާ ބައްރުގައި ރޭ ޕެރަގުއޭ އަތުން 2-0 އިން މޮޅުވެ ތާވަލުގެ ކުރީގައި ބްރެޒިލް ލީޑް ފުޅާކުރިއިރު އާޖެންޓީނާ މޮޅުވިޔަނުދީ އެންމެފަހު ވަގުތު ކޮލަމްބިއާއިން 2-2 އިން އެއްވަރު ކޮށްފިއެވެ.
ޕެރަގުއޭ ދަނޑުގައި ބްރެޒިލުން މުހިއްމު ތިން ޕޮއިންޓް ހޯދީ ފުރަތަމަ ހާފުގައި ނޭމާ އާއި މެޗުގެ އިތުރު ވަގުތުގައި ލޫކަސް ޕަކުއެޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމޮޅާއެކު ސައުތު އެމެރިކާގެ ޒޯނުގެ އެއްވަނައިގައި ބްރެޒިލް އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 6 މެޗްވެސް ކާމިޔާބުކޮށް 18 ޕޮއިންޓާއެކުއެވެ. މި ހަމެޗުގައި ބްރެޒިލުން 16 ލަނޑު ކާމިޔާބު ކޮށްފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ 2 ލަނޑެވެ.
ކޮލިފައިންގައި އެންމެފަހުން ކުޅުނު މެޗުގައި ޗިލީއާ 1-1 އިން އެއްވަރުވެފައިވާ އާޖެންޓީނާއިން ރޭ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ޖެހީ މެޗް ފަށައިގެން 3 ވަނަ މިނެޓުގައެވެ. ބޮލުން މިލަނޑު ކާމިޔާބު ކޮށްދިނީ ނިމިދިޔަ ސީޒަނުގައި އިޓާލިއަން ސީރިއޭގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދި އެޓްލާންޓާގެ ކްރިސްޓިއަން ރޮމެރޯ،23، އެވެ. ދެވަނަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިންދްރޯ ޕެރެޑެސްއެވެ. ކޮލަމްބިއާއިން އެއްވަރު ކުރީ ދެވަނަ ހާފުގެ ކުރީކޮޅު ލުއިސް ފެނާންޑޯ މުރިއަލް ފްރޫޓޯ ކާމިޔާބު ކޮށްދިން ޕެނަލްޓީ އާއި މެޗުގެ އިތުރު ވަގުތުގައި މިގުއެލް ބޯޖާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ކޮލިފައިންގައި އާޖެންޓީނާއިން މިހާތަނަށް 6 މެޗް ކުޅެފައިވާއިރު މޮޅުވުނީ 3 މެޗުންނެވެ. އަނެއް 3 މެޗުންވީ އެއްވަރެވެ. ސައުތު އެމެރިކާ ޒޯނުގެ ދެވަނައިގައި އާޖެންޓީނާ އޮތީ 12 ޕޮއިންޓާއެކުއެވެ. ކޮލަމްބިއާ 8 ޕޮއިންޓާއެކު އޮތީ 5 ވަނައިގައެވެ. ތިންވަނައިގައި 9 ޕޮއިންޓާއެކު އޮތީ ރޭ ޕެރޫ އަތުން 2-1 އިން ބަލިވި އިކްއެޑޯރެވެ. އެއްޕޮއިންޓް ފަހަތުން 4 ވަނައިގައި އޮތް އުރުގުއޭއަށް ރޭ ތިންވަނައަށް ކުރިއަށް ޖެހިނުލެވުނީ ވެނަޒުއެލާ އަތުން މޮޅު ނުވެވުމުންނެވެ.
ސައުތު އެމެރިކާ ޒޯނުގެ ވޯލްޑް ކަޕް ކޮލިފައިން ކުރިއަށްދާނީ، ބައްރުގައި ހިމެނޭ 10 ގައުމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭ ލީގް ފޯމެޓަށެވެ. ވޯލްޑް ކަޕަށް ކޮލިފައިވާނީ ކޮލިފައިން ނިމެނޭއިރު އެންމެ ކުރީގައި އޮންނަ 4 ގައުމެވެ. ފަސްވަނަ ގައުމަށް ޕްލޭއޯފް ޖާގަ ލިބޭނެއެވެ.