މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމަށް މިމަހު 21 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް މީހަކު ހޮވާނީ ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެގޮތުން އެލްޖީއޭއިން ވަނީ މިމަހުގެ 20ގެ ކުރިން، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްގެ ނައިބުން އިންތިހާބު ކުރުމަށް އަންގަވާފައިއެވެ. ކައުންސިލް މެމްބަރުންނާއި، ކައުންސިލްގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ހޮވާފައިވަނީ ރައްޔިތުންގެ މެދުގައި ބޭއްވުނު ވޯޓަކުންނެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް ވަނީ ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާހަގަކުރައްވައިފައެވެ. އެއީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ. މި ހަތަރު މެމްބަރުންނަކީ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ ހަތަރު މެމްބަރުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އޭޕްރީލް މަހު ބޭއްވުނު ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ރައްޔިތުން ހޮވާފައިވަނީ ޑރ. މުހައްމަދު މުއިއްޒު އެވެ.