އިންޑިއާގެ ދެކުނުގެ ޓެމިލް ނާޑޫ ސްޓޭޓްގެ ފޮރެސްޓް ރިޒާވެއްގައި ދިރިއުޅޭ 28 އެތެއް، ކޮވިޑް-19 އަށް ޓެސްޓު ކޮށްފިއެވެ.

އެތްތައް ކޮވިޑަށް ޓެސްޓްކުރީ، އެ ފޮރެސްޓުގެ ވެންޑަލޫރު ޒުލުގައި އުޅޭ، ދުނިޔެއިން ވަރަށް މަދުންނޫނީ ފެނިފައިނުވާ ބާވަތުގެ ސިންގާއެއް ކޮވިޑްބަލީގައި މަރުވުމާ ގުޅިގެންނެވެ.

މިއީ، ކޮވިޑްބަލީގައި އިންޑިއާއިން ޖަނަވާރެއް މަރުވިކަން މިހާތަނަށް ކަށަވަރުވެފައިވާ ފުރަތަމަ ފަހަރެވެ.

ޗެންނާއީގެ ވެންޑަލޫރު ޒުލުގައި އުޅޭ އަންހެން ސިންގާ މަރުވެފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. އޭތީގެ އުމުރަކީ 9 އަހަރު ކަމަށް އޮފިޝަލުންނާ ހަވާލާދީ ޗެންނާއީގެ ނޫސްތަކުން ބުނެފައި ވެއެވެ.

މަރުވި ސިންގާއަކީ، ޒުލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ 9 ސިންގާގެ ތެރެއިން ސިންގާއެއް ކަމަށާއި، އިތުރު 2 ސިންގާ ކޮވިޑްބަލީގެ ސަބަބުން މިހާރުވެސް ސީރިއަސް ހާލަތުގައި އެބައޮތް ކަމަށް ވެއެވެ.

ޓެމިލް ނާޑޫގެ މުޑުމަލައި ޓައިގަރ ރިޒާވްގައި މަސައްކަތްކުރާ ފޮރެސްޓް ރޭންޖަރއަކު ބުނީ، ސިންގާތައް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ރިޒާވްގައި އުޅޭ އެތްތައް ކޮވިޑަށް ޓެސްޓްކުރުމަށް އެމީހުންނަށް އެންގީ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު 28 އެތުގެ ސާމްޕަލް ނަގާފައިވަނީ ނޭފަތުންނާއި ފޫކޮޅުންނެވެ. ސާމްޕަލް ނެގި އެތްތަކުގެ ތެރޭގައި ކުޑަ ދެ އެތްވެސް ހިމެނެއެވެ.

ސާމްޕަލް ނެގުމަށްފަހު އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގައި ހުންނަ އިންޑިއަން ވެޓެރިނަރީ ރިސާޗް އިންސްޓިޓިއުޓަށް މިހާރުވަނީ ޓެސްޓްކުރަން ފޮނުވާފައެވެ. ނަތީޖާ ލިބެން ހަފްތާއެއް ނަގާނެ ކަމަށް ވެއެވެ.

އެތްތަކުން ސާމްޕަލް ނަގާ ވީޑިއޯ ފޮރެސްޓް ރިޒާވުންވަނީ މީޑިއާއާ ހިއްސާ ކޮށްފައެވެ.

ސާމްޕަލް ނެގި އެތްތަކަކީ ތަމްރީނު ކޮށްފައިވާ އެތްތަކެއް ކަމުން ސާމްޕަލް ނެގުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާކަން ވީޑިއޯއިން އެނގެއެވެ.

މީޑިއާއާ ވާހަކަ ދެއްކި ފޮރެސްޓް ރޭންޖަރ ބުނީ، އެތްތަކުގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ޓެސްޓު ހަދަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޗެންނާއީގެ ވެންޑަލޫރު ޒުލުގައި އުޅޭ 9 ސިންގާއެއް ކޮވިޑަށް ޕޮޒިޓިވްވެ އަދި އޭގެ ތެރެއިން އެކަތި ބަލީގައި މަރުވެފައި ވާއިރު، އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޖަރްޚަންދުގެ ޒުލެއްގައި ދިރިއުޅޭ 21 ސިންގާއެއްވެސް މިދިޔަ ހަފްތާގައި ކޮވިޑަށް ޓެސްޓު ކޮށްފައި ވެއެވެ.

އެ ސިންގާތައް ޓެސްޓްކުރީ، ޒުލުގައި އުޅޭ އުމުރުން 10 އަހަރުގެ ސިންގާއެއް ވަރަށް ބޮޑަށް ހުންއައިސްފައި މަރުވުމާ ގުޅިގެންނެވެ.

މަރުވި ސިންގާގެ ފުރަތަމަ ހެދި ޓެސްޓުން ކޮވިޑަށް ނެގަޓިވް ވެފައިވާ ކަމަށާއި، ނަމަވެސް އޮފިޝަލުން މިހާރު އިންތިޒާރު ކުރަމުންދަނީ އާރްޓީ-ޕީސީއާރް ޓެސްޓުގެ ނަތީޖާއަށް ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްބަލި، އިންސާނުގެ އިތުރުން ޖަނަވާރުންނަށްވެސް ޖެހެމުންދާކަން ދުނިޔޭގެ ބައެއް ގައުމުތަކުން ކުރިން ރިޕޯޓްކޮށްފައި ވެއެވެ.

އެގޮތުން، ސިންގާއާއި، ކުއްތާފަދަ ޖަނަވާރުތަކަށް ބަލިޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އެންމެ ގިނައިން ބެލިޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ ކުއްތާއަށެވެ.