އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާގެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އެމެރިކާގައި ހުންނަވާ ދިވެހި ސަފީރު ތިލްމީޒާ ހުސެއިން އަދި ޗީފް އޮފް ސްޓާފްގެ މަގާމަށް އދ. ގައި ހުންނަ އިންޑިއާ މިޝަނުގެ ޑެޕިއުޓީ މަންދޫބު ނަގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެފައިވަނީ 143 ގައުމުގެ ވޯޓުންނެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސައުލް އަށް ލިބިފައިވަނީ 48 ވޯޓެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަށް ކެމްޕެއިންނަށް ދައުލަތުގެ ބަޖެޓުގައި 4،354،772 ރުފިޔާ ކަނޑައަޅާފައިވެއެވެ.