މިދިޔަ އަހަރު ބާއްވަން ތާވަލު ކުރެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރަށް ފަސް ކުރަން ޖެހުނު ސަބަބަކީ ކޮވިޑް-19 ގެ ބަލި މަޑު ކަމެވެ.

ޔޫރޯގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ 11 ގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން ނިންމާފައި ވަނީ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންގެ ރާއްކާތެރިކަމަށްޓަކައި ކޮވިޑާ ދެކޮޅަށް ހާއްސަ ފިޔަވަޅު ތަކެއް އަޅައިގެން މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔުމަށެވެ.

1. ގްރޫޕް އޭ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އަޒަރްބައިޖާނުން ނިންމާފައި ވަނީ ދަނޑުގެ %50 ސީޓް ބޭނުން ކުރުމަށެވެ. ދަނޑަށް ވަނުމަށް ހުއްދަ ލިބޭނީ އަޒްރުބައިޖާންގެ ރައްޔިތުންނަށާއި ގްރޫޕް އޭ ގައި ހިމެނޭ ގައުމުތަކަށް ނިސްބަވްވާ، މިވަގުތު އަޒަރުބައިޖާންގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

މިގްރޫޕުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ މުޅި ޔޫރަޕުގައިވެސް ކޮވިޑުގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އިޓަލީގައެވެ. އިޓަލީން ޔޫރޯގައި ބޭނުން ކުރާނީ 70،000 ސަޕޯޓަރުންގެ ޖާގައިގެ ރޯމާގެ ސްޓާޑިއޯ އޮމްޕިކޯއެވެ. އިޓަލީގެ ސިއްހީ އިދާރާއިން ކަނޑައެޅީ ދަނޑުގެ %25 ސީޓް ބޭނުން ކުރުމަށެވެ. މާނައަކީ މެޗް ބެލުމަށް އެއްފަހަރާ ދަނޑަށް ވަދެވޭނީ ސަތާރަހާސް، ހަސަތޭކަ ފަންސާސް ނުވަ ސަޕޯޓަރުންނަށެވެ.

2. ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޑެންމާކުން ނިންމީ ދަނޑުތަކުގެ %25-33 ސީޓް ބޭނުން ކުރުމަށެވެ. މިގްރޫޕުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވާ ރަޝިޔާއިން ނިންމީ ދަނޑުގެ ދެބައި ކުޅަ އެއްބައި ސީޓް ބޭނުން ކުރުމަށެވެ.

3. ގްރޫޕް ސީ ގެ މެޗުތައް ކުޅުމަށް ހަމަޖެފައިވާ ނެދަލޭންޑްސްއިން ނިންމީ 16،000 ސަޕޯޓަރުންނަށްވުރެ އިތުރަށް ދަނޑަށް ނުވެއްދުމަށެވެ.

4. ގްރޫޕް ޑީ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިންގްލެންޑާއި ސްކޮޓްލޭންޑުން ނިންމީ ދަނޑުގެ %25 ސީޓް ބޭނުން ކުރުމަށެވެ. އެކަމަކު މެޗުތައް ކުރިއަށްދާ މިންވަރަކުން ސަޕޯޓަރުން ދަނޑަށް ވައްދާ މިންވަރު އިތުރު ކުރުމުގެ ވިސްނުން އިންގްލެންޑުން ގެންގުޅެއެވެ.

5. ގްރޫޕް ޑީ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޕެއިނުން ނިންމީ، މެޗުތައް ކުޅެން އެގައުމުން ހަމަޖެއްސި 60،000 ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭ ސެވިއްޔާ ދަނޑުގެ %30 ސީޓް ބޭނުން ކުރުމަށެވެ. އެހެން ކަމުން މިގްރޫޕުގެ މެޗުތައް ބެލުމަށް އެއްފަހަރާ ދަނޑަށް ވަދެވޭނީ 18،000 ސަޕޯޓަރުންނަށެވެ.

6. ގްރޫޕް އެފް ނުވަތަ މިފަހަރުގެ މަރުގެ ގްރޫޕް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޖަރުމަނާއި ހަންގޭރީއިން ވަނީ ސަޕޯޓަރުންނަށް ލުއި ޕެކޭޖްތަކެއް ހުޅުވާލާފައެވެ. ހަންގޭރީއިން ނިންމީ އެގައުމުން މުބާރާތުގެ މެޗުތައް ހޯސްޓްކުރާ "އެރީނާ ނެޝަނަލާ" ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީ ބޭނުން ކުރުމަށެވެ. މިދަނޑަށް އެއްފަހަރާ ފަންސާސް ފަސްހާސް ސަޕޯޓަރުންނަށް ވަދެވެއެވެ. އަދި މެޗް ބެލުމަށް 3 ދުވަހަށް ވުރެ ކުރު މުއްދަތަކަށް ހަންގޭރީއަށް ދަތުރު ކުރާނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އެކަމަކު ދަނޑަށް ވަނުމަށް އެހެނިހެން ގައުމުތަކޭ އެއްގޮތަކަށް ޕީސީއާރު ނެގަޓިވް ނަތީޖާއެއް ބޭނުން ވާނެއެވެ.

މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޖަރުމަނުން މުބާރާތުގައި ބޭނުން ކުރާނީ މަޝްހޫރު ބަޔާން މިޔުނިކް އަލިއަންޒާ އެރީނާއެވެ. ހަތްދިހަ ހާސް ސަޕޯޓަރުންގެ ޖާގައިގެ މިސްޓޭޑިއަމްއަމަށް ޖަރުމަނުން ވެއްދުމަށް ނިންމީ އެއްފަހަރާ އެންމެ 14،500 ސަޕޯޓަރުންނެވެ. ޖަރުމަނަކީ ކޯވިޑް-19 މިދިޔަ އަހަރު ޔޫރަޕުގައި އެންމެ ބޮޑަށް ގޯސް ވެގެންދިޔަ ހާލަތުގައިވެސް، ބަލި ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދައްކާފައިވާ ގައުމުކަން ފާހަގަ ކޮށްލެވެއެވެ.