ރަށުގައި ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ އިސްމާއިލަކީ އަރޫމާގެ މަންމަގެ ވަރަށް ގާތް އެކުވެރިއެކެވެ. ބައްޕަ ނިޔާވިފަހުން ވަރަށް އެހީތެރިކަން ފޯރުކޮއްދެއެވެ. އަތޮޅު ކީއްކުރަން މުޅި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނާއި އޭނައާއި ގުޅުން އޮންނާނެވެ. ސަކަމިޒާޖު މީހުންނާއި ވަރަށް ގުޅުން އޮންނަ މީހެކެވެ. ވަރަށް ގިނައިން އަރޫމާމެންގެ ގެއަށް އައިސް އުޅޭ ރަނގަޅު މީހެކެވެ. އަރޫމާއަށް ކިޔެވުމަށްވެސް ވަރަަށް ގިނަ އެހީތެރިކަން ވަނީ ފޯރުކޮއްދީފައެެވެ. ފަސް ދަރިން ލިބުނުއިރު އެންމެ ދަރިއެއް ފިޔަވައި ހުރިހާ ކުދިންވަނީ ނިޔާވެފައެވެ. ދުނިޔޭގައި ހުރި ދަރިފުޅަކީވެސް ރާއްޖޭން މަޝްހޫރު މެޑިކަލް ޑޮކްޓަރެކެވެ.މަންމަ ބުނާގޮތުގައި އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. ކުޑައިރުއްސުރެ އެމީހުން ރާވަމުން ދިޔައީ އިސްމާއިލްގެ ދަރިފުޅު އައްލާމް އާއި ކައިވެނި ކުރުވާށެވެ. ނަމަވެސް އައްލާމް ކިޔަވައި ނިމެންދެން އެވާހަކަ ނުދައްކާ މަޑުކޮއްލީ އަރޫމާވެސް އެކަހަލަ ކަމަކާއިގެން ނޫޅޭތީއެވެ. ތެދެކެވެ. އަރޫމާ ހީކުރަނީ އަދިވެސް އޭނައަކީ ކުޑަކުއްޖެއް ކަމަށެވެ. މަންމަ އެވާހަކަ ދެއްކި ވަގުތުން ފެށިގެން އަރޫމާ އައީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
*********
ހަވީރުގެ ހިތްގައިމު ވަގުތެވެ. އަރޫމާއި މަންމަ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި ތިއްބާ އިސްމާއިލް ދޮރާށިން ވަދެގެން އަންނަނިކޮށް އަރޫމާއަށް ފެނުނެވެ. ފަހަތުން އައްލާމުވެސް ވަދެގެން އައެވެ. ބަލައިލާާން ރީތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ރާއްޖޭގެ މޮޅު މެޑިކަލް ޑޮކްޓަރެކެވެ.
"މިއައީ އައްލާމު ގޮވައިގެން. ވަރަށް ދުވަސް ވެއްޖެތާ ނާންނަތާ" އިސްމާއިލް އައްލާމު ތަޢާރަފް ކުރަން އުޅުނު ކަހަލައެވެ.
"ކޮބާ މިހާރު ބަދަލުވާން އުޅުނު ހޮސްޕިޓަލަށް ބަދަލު ވެއްޖައިންތަ" އަރޫމާގެ މަންމަ އައްލާމާއި ވާހަކަ ދައްކަން ފެށިއެވެ.
އަރޫމާ ހިގައިގަތީ ގޭތެރެއަށް ވަންނާށެވެ. މެހެމާނުންނަށް ސައި ތައްޔާރު ކޮއްލާށެވެ. އެއިރު ފަހަތުން އެތިންމީހުން ގެއާއި ދިމާއަށް ހިގަމުުން ދެއެވެ. އަރޫމާ އަވަސް އަވަހަށް ބަދިގެއަށް ވަދެ ބިސްކޯދާއި ސައި ތައްޔާރުކޮށް ބޭރަށް ނިކުތްއިރު މަންމަމެން ތިބީ ވަރަށް އޮލަ ވާހަކައެއްގައެވެ. އައްލާމުމެން ސައިބޯން ފެށީމާ އަރޫމާ ގޮސް މަންމަ ގާތުގައި ގޮނޑީގައި އިށީނެވެ.
"އަރޫމާ އަދިވެސް މީހަކާއި އިންނަ ޚިޔާލެއް ނުކުރޭތަ" އިސްމާއިލް ވާހަކަ ދައްކަން ފެށިއެވެ.
"އިންނާނެ ރަނގަޅު މީހަކު ނުވެފައި އެހުންނަނީ ނޫނީ ކަނޑު ގުރުވަ ނޫނީ ނުކާން ދޯ ދަރިފުޅާ" އިސްމާއިލަށް ޖަވާބު ދިނީ އަރޫމާގެ މަންމައެވެ. އަރޫމާ އިނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ.
"އައްލާމަކީވެސް ހަމަ ތިކަހަލަ ކުއްޖެއް. ބޭނުމެއް ނުވާނެ އެހެން އަންހެން ކުއްޖަކާއި ދިމާލަށް ބަލައިލާކަށްވެސް" އިސްމާއިލް މަޢުޟޫ ބަދަލު ކުރަމުން ދިޔައެވެ.
"އައްލާމު ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ޓްރެއިނިން އަށް ފުރަން އުޅެނީ. ކިހިނެތް ވާނެތަ މި ދެކުދިން ކައިވެނި ކުރިއްޔާ" އެންމެ ފަހުން އިސްމާއިލް ބޭނުންވާ ޕޮއިންޓް ހާމަ ކުރިއެވެ.
މާ ގިނައިރަކު އެމީހުން މަޑު ކުރާކަށް ގަސްތެއް ނުކުރެއެވެ. ދެމީހުން ނިކުމެގެން ގޮސް ގެއްލެންދެން އަރޫމާއި އޭނަގެ މަންމަ ބަލަހައްޓައިގެން ތިއްބެވެ. އަރޫމާ އާއި މަންމަ ހިގައިގަތީ ބަދިގެއާއި ދިމާލަށެވެ. މަންމަ ބޭނުންވަނީ އައްލާމް ފުރުމުގެ ކުރިން ކައިވެނީގެ ކަންތައް ހަމަޖައްސާށެވެ. އެއިރުން އަރޫމާއަށްވެސް ފަސޭހަ ވާނެތާއެވެ. އަރޫމާ ހުންނަނީ ނެގިމަޑުވެފައެވެ. އަދި މީހަކާއި އިންނާކަށް ބޭނުން ނުވާ ވާހަކަ ކިތައް ފަހަރު މަންމަ ގާތުގައި ބުނެވިއްޖެހެއްޔެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މަންމަ އެކަމަށް ދެނީ ބީރު ކަންފަތެކެވެ.
*****
އައްލާމު ފުރީ ހަވީރު ހަތަރެއް ޖެހިއިރު ފުރި ލޯންޗުންނެވެ. އޭނަ ފުރުވަން އަރޫމާއި އަރޫމާގެ މަންމަ އަތިރިމަތީގައި ތިއްބެވެ. އައްލާމު ގޮވައިގެން ދިޔައީ އޭނަގެ ބައްޕަ އިސްމާއިލެވެ. އިސްމާއިލަކަށް ދުވަހަކުވެސް އައްލާމު ބޮޑު މީހަކަށް ނުވެއެވެ. އަބަދުވެސް ގެންގުޅެނީ ކުޑަކުއްޖެއް ހެންނެވެ. ބާރު ދުވެލީގައި ލޮލުކޮޅަށް ގޮސް ލޯންޗް ގެއްލެންދެން ދެމީހުން އަތިރިމަތީގައި ތިއްބެވެ. އަރޫމާ ހިގައިގަތީ މަންމަވެސް ގެއަށް ދާން ހިގައިގަތުމުންނެވެ. ގެއަށް އާދެވުނުއިރު ހުރީ އިރުއޮއްސެން ގާތްވެފައެވެ. އަރޫމާއަށް ގޯތިތެރެއަށް ވަދެވުނީ ކިރިޔާއެވެ. މަންމަގެ ހަރުކަށިބަސްތައް އިވެންފެށިއެވެ. މުއްސަނދި މީހަކު އަތުން ދޫވެގެން ދާކަށް މަންމަ ބޭނުމެއް ނޫނެވެ.
"އަދިވެސް ގަބޫލެއް ނޫން ދޯ" އަރޫމާގެ މަންމަ ސުވާލު ކުރިއެވެ.
"ލައްބަ. ތިބުނާ މުއްސަދިކަން ގެއްލި ހިގައިދާނެ" އަރޫމާ ޖަވާބު ދިނެވެ.
"ކަލޭ ޖެހޭނީ ގަބޫލުވާން. އެހެން ނޫނިއްޔާ ކުޅިދައްކާލާނަން" މަންމަ އައިސް އަރޫމާގެ ކަރުގައި ހިފިއެވެ.
"މަރައިލިޔަސް ނުކުރާނަން" އަރޫމާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.
އަރޫމާ ދުއްވައިގަތީ ގޭތެރެއަށް ވަދެ ހިމާޔަތެއް ހޯދުމަށެވެ. ފަހަތުން މަންމަވެސް ދުވެފައި އައެވެ. އަރޫމާ ގޭތެރެއަށް ވަންނަން އުޅެނިކޮށް އަރިއަޅާލައިގެން ވެއްޓުނި ދޮރު ކަނީގައި ޖެހިފައެވެ. އަރޫމާ އަތް ތެދުވާނެ ފުރުސަތެއް މަންމަ ނުދިނެވެ. އަތުގައި އޮތް ކަތުރުން އަރޫމާގެ އިސްތަށިގަނޑުން ބައެއް ބުރިކޮއްލިއެވެ. އަރޫމާއަށް ހީވީ ފައިދަށުން ބިންގަޑު ދެމިގަތް ހެނެވެ. ހިތްވަރު ކޮއްލާފައި މަންމަ ކިބައިން ސަލާމަތްވީ ވީހާވެސް ބޮޑަކަށް މަންމައަށް އަނިޔާ ނުވާނެ ގޮތަކަށް ވިސްނައިގެންނެވެ. މަންމައަށް ވުރެ ހުޝިޔާރުކަން އަރޫމާގެ ބޮޑެވެ.ދުވެފައި ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މަންމަ އައިސް ދޮރުގައި ދެތިން ފަހަރަކު ޖެހި އަޑު އިވުނެވެ. ފަހުން ޚަބަރެއް ނުވެއެވެ. ގައިން ނަގަމުން ދިޔަ ދިލައިން އަރޫމާއަށް ކެތްވާ ވަރެއް ނޫނެވެ. ދެއަތުގެ އެކި ހިސާބުން ހުރީ ހަން ގޮސްފައެވެ. އަރޫމާ ވިސްނަމުން ދިޔައީ މިކަމުން ސަލާމަތް ވާނެ ގޮތެކެވެ. މިރޭ ބޭރަށް ނިކުމެއްޖެއްޔާ އިތުރު ޒަޚަމް ލިބުން ނޫން ކަމެއް ނުވާނެއެވެ. އައްލާމާއި ކައިވެނިކުރަން އެއްބަސް ވެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ. ނަމަވެސް އަދިވެސް ހިތްވަރު ކޮއްލާނީއެވެ. ފަހަރެއްގައި މަންމަގެ ޚިޔާލު ބަދަލު ވުމަކީ އެކަށިގެންވާ ކަމެކެވެ.
******
ރިހްލާ އަކީ އަރޫމާއަށްް ވުރެ ދޮށި ނަމަވެސް ކުޑައިރުއްސުރެން ފެށިގެން އަރޫމާގެ ގާތް ރައްޓެއްސެކެވެ. އަރޫމާގެ ގިނަ ކަންތައް ރިހްލާއަށް ހިއްސާ ކުރަމުންދެއެވެ. އަދި އަރޫމާ ކުޑައިރު މަންމަ އަރޫމާ ގެންގުޅުނު ގޮތް ވެސް ރިހްލާއަށް ފެންނާނެވެ. މިހާރު ރިހްލާ އަކީ ހަތަރު ދަރިންގެ މަންމައެކެވެ. ދުވާލު ހަތަރުދަމު ދަރިންގެ ކަންތައް ކޮއްލާފައި އިތުރު ވަގުތެއް ނުލިބެއެވެ. އަރޫމާގެ އެދުމަށް ރިހްލާ ދެކޮޅެއް ނުހަދައެވެ. ވެވުނު ކޮންމެ އެހީތެރިކަމެއް ދޭން ރިހްލާ ހުރީ ތައްޔާރަށެވެ. އަރޫމާ ބޭނުންވީ މަންމަ އާއި ރިހްލާ ވާހަކަ ދައްކައިގެން މިކަމުގައި ރަނގަޅު ގޮތެއް ފެނޭތޯ ބެލުމެވެ. އެކަމަށް ވެސް ރިހްލާ ވަގުތުން އެއްބަސްވިއެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ކަމެއްކަންވެސް ރިހްލާއަށް ނޭގެނީކީ ނޫނެވެ.
މެންދުރު އަރޫމާ އާއި މަންމަ ތިބީ މެންދުރުގެ ކެއުމަށް ތައްޔާރު ކުރާށެވެ. އަވަދި ނެތި މަންމަވެސް ގޭތެެރޭގައި އުޅުނެވެ.
ބޭރުން ސަލާމް ގޮވައިލިއަޑަށް އަރޫމާގެ މަންމަ ނިކުތުއެވެ.
"ކާކު" އަރޫމާގެ މަންމަ ސުވާލު ކުރިއިރު ރިހްލާ ހުރީ ގޭތެރެގައެވެ. ބަލާބެލުމަށް ވަރަށް ހަމަ ޖެހިފައިހެން ހީވެއެވެ.
"ޒުލޭދައްތާ. މިއައީ ވަރަށް ބޮޑު ކަމަކު ކިޔަން ކަމަށް" އަރޫމަގެ މަންމަ ޒުލޭޚާ އާއި މުޚާތަބުކޮށް ރިހްލާ ބުނެލިއެވެ.
"ކޮންކަމެއް ބޭނުންވަނީ" ރިހްލާގެ ގާތަށް ޖެހިލަމުން ޒުލޭޚާ ބުނެލިއެވެ.
"ރިހާކުރު ކޮޅެއް ބޭނުންވެގެން މިއައީ" ރިހްލާ ގަސްދުގައި ދޮގު ހެދިއެވެ.
ޒުލޭޚާ ބަދިގެ ތެރެއިން ރިހާކުރު ފުޅި ހިފައިގެން އައިއިރު އަރޫމާ އެތަނުން ދިޔައެވެ. އަރޫމާއަށް މި ވާޏް އުޅޭ ގޮތް އެގޭތީއެވެ.
"ކޮބާ އަރޫމާ އަދިވެސް މީހަކާއި އިންނާކަށް ނޫޅޭތަ" ރިހްލާގެ ވާހަކަ ބަދަލު ކުރަމުން ދިޔައެވެ.
"އަހަރެން ތިވާހަކަ ދައްކަ ދައްކާ ވަރުބަލިވެއްޖެ މިހާރު" އަރޫމާގެ މަންމަ ޒުލޭޚާ ބުނެލިއެވެ.
"އެކަމަކު މިހާރު އެމަންޖެ އެ އުޅެނީ އައްލާމް އާއި ކައިވެނި ކުރަން. އެކަހަލަ ވާހަކައެއް މަންޖެ ގާތުގައި ވެސް ނުބުނޭ ދޯ" ޒުލޭޚާ އެހެން ބުނެލުމުން ރިހްލާ ބޯ ޖަހައިލީ ނޭގޭކަމަށް ހަދާފައެވެ.
"އެކަމަކު އެއްވެސް މީހަކާއި ގަދަކަމުން ކައިވެނި ނުކުރުވާތި.އެއީ މުސްތަޤްބަލަށް އެޅޭ ހުރަހެއް" ރިހްލާ އަރޫމާގެ މަންމަ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
"އޯ ރިހްލާ ތިއައީ މަށަށް ކްލާހެއް ނަގައިދޭންދޯ. ތި ރިހާކުރުފުޅި ހިފައިގެން އަވަހަށް ދެވޭތޯ ބަލާބަލަ" ޒުލޭޚާ ރުންކުރު ފާޑަކަށް ބުނެލިއެވެ.
އަރޫމާ ހިގައިގަތީ ގެއަށް ދާށެވެ. އެހެން ފަހަރަކުން އަންނާނެކަމަށް ބުނެފައެވެ. އެވަގުތު އަރޫމާއަށް ވެސް ބޭރަށް ނިކުވެނު ވަގުތެވެ. މަންމަގެ މޫނުމަތިން ރުޅިވެރިކަން އިންތިހާއަށް ހާމަވަމުުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ރުޅިގަނޑު ބާލަފާނެހެންނެވެ. އަރޫމާ އައިސް މަންމަގެ ގާތުގައި އިށީނެވެ. މަޑުމަޑުން މަންމަގެ ކޮނޑުގައި ބޯއަޅައިލިއެވެ. މަންމަ ވެސް އަރޫމާގެ ބޮލުގައި ފިރުމައިލީ ވަރަށް އޯގާތެރި ކަމާއި އެކުގައެވެ.
"ކޮބާ ދަރިފުޅާ މިހާރު އެއްބަސްވީތަ" އަނެއްކާވެސް މަންމަ އެސުވާލު ތަކުރާރު ކުރިއެވެ.
"އެބަ ވިސްނަން" އަރޫމާ ދިނީ ކުރު ޖަވާބެކެވެ.
"އެ ރިހްލާވެސް ހިގައްޖެ މަށަށް ކްލާހެއް ނަގައި ދީފައި" ޒުލޭޚާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.
އެކަމާއި އަރޫމާ އަޅައެއް ނުލިއެވެ. އަޅާލައިގެން ވާނެ އެއްވެސް ކަމެއް ނޯންނާނެތީއެވެ. އެއްވެސް ކަމެއް ދަންނަ ކަމަކަށް ވެސް އަރޫމާ ނުހެދިއެވެ. މިއަދު މަންމަގެ ހަރުކަށި ބަސްތަކުން ސަލާމަތްވާން އަރޫމާ ބޭނުމެވެ. އެހެން ނޫންނަމަ އަނިޔާވުން ނޫން ކަމެއް ނުވާނެކަން އަރޫމާއަަށް އެގެއެވެ.
*******
އިރުއޮއްސި އަދިރިވަމުން ދިޔައިރު އަރޫމާ އެކަނި ޖޯލިފަތީގައި އޮށޯވެލައިގެން އޮތީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. މިހާރު ދިމާވެގެން އުޅޭ ކަންތަކުން ސަލާމަތްވާނީ ކޮން ދުވަހަކުން ބާވައެވެ. ނޫނީ މަންމަގެ އެދުމަށް ދީލައިލާނީ ބާއެވެ. ނޫނެކެވެ. އަރޫމާއަކީ އަދި އެހާ ފަސޭހައިން ބަލި ގަބޫލު ކުރާ މިޒާޖެއްގެ ކުއްޖެއް ނޫނެވެ. ދިމާވި ކޮންމެ ކަމެއް ހުރަސްކޮށް އެކަމެއް ކާމިޔާބު ކުރުމަކީ އަރޫމާގެ ސިފައެކެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަކަމެއް އަރޫމާއަކަށް އިހުސާސްވެސް ނުވާ ކަހަލައެވެ. އިޝާ ނަމާދަށް ބަންގި ގޮވި އަޑަށް އަރޫމާ ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދާލީ ބިރުވެރި އެއްޗެއް ފެނިގެން އުޅޭކަހަލަ ގޮތަކަށެވެ. މަޑު ހިގުމެއްގައި ގޮސް ގޭތެރެއަށް ވަންނަން ދިމާކޮއްލި ވަގުތު އެކަމަށް ހުރަސް އެޅީ އަރޫމާގެ މަންމަ ޒުލޭޚާއެވެ. އަތުގައި އޮތް ކަތުރު އަރޫމާއާއި ދިމާއަށް ދިއްކޮއްލިއެވެ. ބިރުން އަރޫމާ އެތެރެއަށް ވަންނަން ދުއްވައިގަތެވެ. ނަމަވެސް މަންމަ އެއްލި އަތުން އަރޫމާގެ ހެދުމުގައި ހިފެހެއްޓުނެވެ. އަރޫމާ އަރިއަޅާލައިގެން ވެއްޓުނީ މަންމަ އާއި ފޫޓެއްހާ ދުރަށެވެ.
"މިގެއަށް ވަންނާނެ ކަމެއް ނެތް. ގޮސް އޮވޭ ޖޯލީގައި. އައްލާމް އަންނަންދެން އެތާ އޮންނާތި" އަރޫމާގެ ފައިގައި ހިފައި ދަމަމުން ގެންގޮސް ގޯތިތެރޭގައި ބޭއްވިއްއެވެ. އަރޫމާ އާދޭސް ކުރަމުން ދިޔައީ އެ އަނިޔާއިން ސަލާމަތް ކޮއްދޭޭށެވެ. އެކަމަކު އެއަޑު މިވަގުތު އަހާނެ މީހަކު އެތާގައި ނެތެވެ.
"އަދިވެސް ވަރަށް ލޯބި އިސްތަށި ކޮޅެއް އެބައޮތް ދޯ" އަރޫމާގެ އިސްތަށިގަނޑު ދެވަނަ ފަހަރަށް މަންމަ ބުރި ކޮއްލިއެވެ.
އެއިރުވެސް އަރޫމާގެ ރުއިމުގެ އަޑު ނުކެޑެއެވެ.
"ދެން ކޮން ފިރިހެނަކަށް ތި ތިއްތިކަން ދައްކާނީ" އަރޫމާގެ މަންމަ ލާނެތް ފާޑަކަށް ހެމުން ދިޔައެވެ.
"ކާކަށް ސަލާމަތަށް ތި ގޮވަނީ. ކަލޭގެ ބަފަޔަށްތަ. އޭނަ ނާންނާނެ ކަލޭ ސަލާމަތް ކުރަން" އަނެއްކާވެސް އަރޫމާގެ މަންމަ ހޭންފެށިއެެވެ.
"އޭތް ބައްޕައާއި ނުބެހޭތި" އަރޫމާއަށް އާދަޔާ ޚިލާފް ބާރެއް ލިބުނު ކަހަލައެވެ. ތެދުވެގެން އައިިސް މަންމަގެ ކަރުގައި ހިފެހެއްޓިއެވެ.
"ތިއީ އަހަރެންގެ މަންމަ ނޫންނަމަ މިރޭ މަރާލާނަން" އަރޫމާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
= ނުނިމޭ =