ރާއްޖެއަށް ޖަމާ ކުރަމުންދާ، އިންޑިޔާ ގެ ސިފައިންނާއި، އަޅަމުންދާ މަރުކަޒުތަކާ، ގެންނަމުންދާ މިލިޓަރީ އުޅަދުތަކާ، ބަހައްޓަމުންދާ ރާޑަރުތަކަކީ ރާއްޖެ މައްޗަށް ޖަމާވަމުންދާ ވިލާގަނޑެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވެފައިވަނީ އެ މަސައްކަތް ދެމެހެއްޓޭނެ ކަމުގެ އުއްމީދުގައި އިންޑިއާއިން ގެންދަނީ ފައިސާގެ ދަންތުރަތައް ޖަހައި ސިޔާސީ ފަރާތްތަކާ ޕާޓީ ތަކަށް ހަދިޔާތައް ދެމުން ކަމަށެވެ.

ޢުމަރު ވިދާޅުވެފައިވަނީ އެފަދަ ޚަބަރުތައް ގެނެސް ދެމުން ގެންދާ ނޫސްތަކަށް ސަރުކާރުން ގެންދަވަނީ ދަތިކޮށް ހުރަސްއަޅަމުން ކަމަށެވެ. "މިފަދަ ވާހަކަތަކުގައި މަތިޖަހާ އޮމާންކޮށްގެން ޚަބަރު ގެނެސްދޭ ނޫސްތަކަށް އިންޑިޔާގެ އެމްބަސީ އިން ގެންދަނީ އެކި ބާވަތްބާވަތުގެ ސްޕޮންސަރދީ ދިވެހިންގެ ކަންބޮޑުވުންތަކުގެ އަޑު ކަޑުވާލުމަށް މަސައްކަތް ކުރަމުންނެވެ." ޢުމަރު އާންމުކޮށްފައިވާ ލިޔުމެއްގައި ވެއެވެ.

މި ދަޑިވަޅުގައި ދިވެހިރާއްޖޭގެ މިނިވަން ކަމާ އަމިއްލަ ވަންތަ ކަމުގެ ހައްޤުގައި ލިޔުއްވަމުން ގެންދަވާ ލިޔުއްވުން ތެރިންނަށް ނުހަނު އިޚުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅުންގެ ލިޔުއްވުން ތަކާ ޚަބަރު ތައް ވީހާވެސް ގިނަ ބޭފުޅުން ސޯޝަލް މީޑިޔާގައި ޝެއަރ ކޮށްދެއްވާ، ލައިކް ދެއްވާ، ރީ-ޓްވީޓް ކޮށްދެއްވުމަކީ ޤައުމީ މަސައްކަތެއް ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ.

"މި ފަދަ ލިޔުއްވުންތަކާ، ޚަބަރު ތަކުގެ ލިންކް ޑީ،އެން،އޭ ގެ އަދި އަޅުގަނޑުގެ ފޭސްބުކް ޕޭޖް، ޓުވިޓަރ އަދި ވައިބަރ ކޮމިޔުނިޓީ ގްރޫޕް ތަކުގައި ލިބެން ހުންނާނެއެވެ." އޭނާ ވިދާޅުވެފައިވެއެވެ.

'އައްޔަކަސް އަނދިރިއަކަސް ތިމަންނަ މެނަށް ހެވޭ" ބުނާ ޚާއިނުންގެ އަޑުތަކާ ދެކޮޅަށް އެންމެހާ ބޭފުޅުން ޝުއޫރު ފާޅު ކުރައްވާ، ކޮމްނެޓް ކުރައްވާ، ސަރުކާރާ އިންޑިޔާ އާއި ގުޅިގެން ހިންގާ މީޑިޔާ ޕްރޮޕެގެންޑާ އާއި ދެކޮޅަށް މަސައްކަތް ކޮށްދެއްވާ، ސައްޙަ ޚަބަރު ތަކާއި ޤައުމީ މަޒްމޫނު ތަކަށް ބާރު ދެއްވާ ޤައުމިއްޔަތު ހޭލައްވާ ލެއްވުމުގެ މަސައްކަތުގައި ބައިވެރިވެ ލެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ މައްޗަށް ޖަމާވަމުން މިދާ ކަޅުވިލާގަޑުގެ ނުރައްކަލުން މި ޤައުމުގެ މިނިވަންކަމާ، އަމިއްލަ ވަންތަކަން ދިފާޢު ކުރުމުގެ ހެޔޮ ނަސީބާ ވިސްނުން މާތްﷲ ދިވެހިންނަށް މިންވަރު ކޮށްދެއްވާށިއެވެ." އޭނާ ވިދާޅުވެފައިވެއެވެ.