ޔޫރަޕުގެ މަތީ ފަންތީގެ ލީގުތަކުގައި އަންހެން ރެފްރީން މަދުން ނަމަވެސް އިންސާފު ކުރި މަންޒަރު ފާއިތުވެދިޔަ ދެސީޒަނުގައި ވަނީ ފެނިގެން ގޮސްފައެވެ. މިއާއެކު މާދަމާ ރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަންހެން ރެފްރީއަކު ރެފްރީކަންކޮށްލާ މަންޒަރު ފެނިދާނެތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.

މިވަގުތު ޔޫރަޕުގައި އަދި ދުނިޔޭގައިވެސް ހުރި އެންމެ ތަޖުރިބާކާރު އަންހެން ރެފްރީއަކީ ފްރާންސަށް އުފަން ސްޓެފާނީ ފްރަޕާޓެވެ. ޗެލްސީ އާއި ލިވަޕޫލް 2019 ވަނަ ބައްދަލު ކުރި ފޯރިގަދަ ޔުއެފާ ސްޕަރ ކަޕް ފައިނަލް މެޗުގެ ރެފްރީ ކަމާއި ނިމިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ދެވަަނަ ލެގުގައި ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗުގެ ރެފްރީކަން ކުރީވެސް ފްރަޕާޓެވެ.

ޗެލްސީ އާއި ލިވަޕޫލް 2019 ވަނަ އަހަރު ބައްދަލު ކުރި ޔުއެފާ ސްޕަރ ކަޕް ފައިނަލް މެޗުގައި ޗެލްސީގެ ކެޕްޓަން ހަމަޖެއްސުމަށް ފްރަޕާޓް މަސައްކަތް ކުރަނީ.

ފްރަޕާޓަކީ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގް މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީއަކީވެސް އޭނާއެވެ.

ފްރައްޕާޓް ރެފްރީކަން ކޮށްފައިވާ ފާހަގަ ކޮށްލެވޭ މެޗުތައް:

1. އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް މެޗް (ނެދަލޭންޑްސް – އެމެރިކާ) ، 2019

2. ޔުއެފާ ސްޕަރ ކަޕް ފައިނަލް މެޗް ( ޗެލްސީ – ލިވަޕޫލް) ، 2019

3. ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ދެވަލަ ލެގް (ޗެލްސީ – އެތުލެޓިކޯ މެޑްރިޑް)، 2021

4. ވޯލްޑް ކަޕް ކޮލިފައިން (ނެދަލޭންޑްސް – ލެޓްވިއާ) ، 2021

މިހިސާބުން އުފެދޭ ސުވާލަކީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބަރާތުގެ މެޗަކަށް ފްރަޕާޓް އިންސާފު ކުރަނިކޮށް ފެނިދާނެތޯއެވެ؟

ޔުއެފާގެ ރެފްރީސް ޑިޕާޓްމަންޓުން ޔޫރޯގެ މެޗުތަކުގައި ރެފްރީކަން ކުރުމަށް ނެގީ 18 ރެފްރީންނެވެ. އޭގެތެރޭގައި ފަރަޕާޓުގެ ނަން ހިމަނާފައް ނުވެއެވެ. އޭގެ ބަދަލުގައި ފަރައްޕާޓުގެ ނަން ހިމަނާފައި ވަނީ ރެޒާވް އެސިސްޓެންޓް ރެފްރީންގެ ތެރޭގަޔާއި ހަތަރުވަނަ އޮފިޝަލުންގެ ތެރޭގައެވެ.

ވީމާ، މެޗަކަށް އިންސާފު ކުރާ ރެފްރީއެއް ގޮތުގައި ފްރަޕާޓް ނުފެންނާނެއެވެ. އެކަމަކު އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ރޮނގު ބަލަހައްޓަން ފްރަޕާޓަށް ފުރުސަތު ދިނުން ވަރަށް ކައިރި ކަމަށް ތަޖުރިބާކާރުން ދެކެއެވެ. ޔޫރޯއަށް ނެގި ރެފްރީޒް ޓީމުގައި ފަރަޕާޓް ނުހިމެނު ނަމަވެސް، އޭނާގެ ނަން ޔޫރޯގެ މެޗް އޮފިޝަލުންގެ ޓީމުގައި ހިމެނުމަކީ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމުގައި ނޫނީ ނުވާނެއެވެ.