ޗައިނާއިން އިޢްލާން ކޮށްފައިވާ ގޮތުގައި ޗައިނާ ވެގެންދާނީ ދުނިޔޭގެ ތިމާވެށި ހޫނުވުން ހިފެހެއްޓުމަށް އެކުލަވާފައިވާ ޕެރިސް މުއާހަދާއަށް އަމަލުކުރާ ކަރބަން ނިއުޓްރަލް ގެ އަމާޒަށް ވާސިލުވާ ފުރަތަމަ ސިނާއީ ގައުމަށެވެ. ޗައިނާއިން މި އަމާޒަށް ވާސިލު ވަނީ ކޯލާ ދެލި އަންދައިގެން ކަރަންޓް އުފެއްދުން ޗައިނާގައި ހުއްޓުވައި އެކަން މަނާ ކޮށްގެންނެވެ. ޗައިނާއަކީ އެންމެ ފުޅާދާއިރާއެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދާނޭ ގައުމެވެ.

މިއީ ޗައިނާގެ ވަރަށް ޚާއްސަ ކާމިޔާބީއެކެވެ. މިކާމިޔާބީ ޗައިނާއިން ހާސިލުކުރަނީ ދެމިންގަނޑެއް ގެން ގުޅެގެންނެވެ. ޗައިނާއިން އަމިއްލައަށް ކޯލާ ދެލިން ކަރަންޓް އުފެއްދުން މަނާ ކުރާއިރު ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ހިންގާ ގައުމުތަކާއި، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)ގެ މަޝްރޫއުތައް ހިންގާ ޕާކިސްތާންގައި ހަކަތަ އުފެއްދުމުގެ ބޮޑެތި މަޝްރޫއުތައް ޗައިނާއިން ދަނީ ހިންގަމުންނެވެ. މި ހުރިހައި ޕްރޮޖެކްޓަކީވެސް ކޯލާ ދެލި އަންދައިގެން ހަކަތަ އުފައްދާ ގޮތަށް އެމަޝްރޫއުތައް ހިންގާ ގައުމުތަކުގެ ރޯމާއްދާއާއި ޗައިނާގެ ފައިސާއާއި ތަޖުރިބާގައި ހިންގާ މަޝްރޫއުތަކެވެ. މިއިން ދިގު މުއްދަތުގެ ފައިދާ ޗައިނާއަށް ލިބިގެންދާނެއެވެ.

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ކާރބަންޑައި އޮކްސައިޑް މަދުކުރުމަށް ޕެރިސް މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން އެއްބަސްވެފައި ވަނީ ސިނާއީ ހަރަކާތް ދުނިޔޭގައި ފެށުނު އިރު ކަރބަން ބޭރު ކުރަމުން ދިޔަ ވަރަށް ވުރެން 1.5 ޑިގްރީއަށް ވުރެން އިތުރަށް ކާބަން ބޭރު ނުކޮށް ބެހެއްޓުމެވެ. މި މުއާހަދާއަށް އެއްބަސްވެފައިވާ ޗައިނާ ފަދަ ސިނާއީ ގައުމުތަކުން އަމިއްލަ ގައުމުގައި ކާބަން ބޭނުން ކުރާ މިންވަރު ކޮންޓްރޯލް ކޮށްފައި އެހެން ތަންތާގައި ތިމާވެށި ކިލަނބުކުރާފަދަ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމުން، ދުނިޔޭގެ ހޫނުވުން ކުޑަ ނުވެ ހަމަ ކުރިންވެސް އޮތް ގޮތަށް ކާބަން އިތުރުވުން ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

ސީޕެކް މަޝްރޫއުގެ ދަށުން ޗައިނާއިން ވަނީ ޕާކިސްތާންގައި 60 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ. ބަނދަރާއި މަގުތަކާއި ޑިއުޓީ ފްރީ ޒޯންތަކުގެ އިތުރުން މިއިން ބޮޑު ބަޔަކީ ކަރަންޓް އުފެއްދުމުގެ މަޝްރޫއުތަކެވެ. ޕާކިސްތާންގެ ކޯލާ ދެލި ބޭނުން ކޮށްގެން ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫއުތަކަކީ، ސީޕެކްގެ ހުރިހައި ޕްރޮޖެކްޓްތަކުގެ ނިސްބަތުން 60 އިންސައްތައެވެ.

މިމަޝްރޫއުތަކަށް ބަލާލުމުން ޗައިނާއިން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ނިންމުމަކުން އަދި ނުފުދޭކަން އެނގެއެވެ. އަދި އެހެން ގައުމުތަކުގެ ތިމާވެށިން ޗައިނާއިން ފައިދާނަގާކަންވެސް ދޭހަވެއެވެ.