އެމެރިކާ ސިފައިން 11 ސެޕްޓެމްބަރަށް އަފްޣާނިސްތާނުން ފައިބައިގެން ދިއުމާއެކު ކާބުލް އެއަރޕޯޓްގެ ކޮންޓްރޯލް ނަގަން ބޭނުންވާކަމުގެ ޝައުގުވެރިކަން ތުރުކީވިލާތުން ފާޅުކޮށްފިއެވެ. ތުރުކީވިލާތުގެ ދިފާއީ ވަޒީރު ވިދާޅުވީ ނޭޓޯގެ ގައުމުތަކުން ތާއީދުކޮށް ޚަރަދު ދޭނަމަ ކާބުލް ގެ ޙާމިދު ކަރްޒާއީ އިންޓަރނޭޝަލް އެއަރޕޯޓްގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތުރުކީވިލާތުން ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާ އަދި ނޭޓޯއިން ދަނީ އަފްޣާނިސްތާނުން ފައިބައިގެންދާ ފަހުންވެސް ތާލިބާންގެ އަތްދަށުން އަފްޣާނިސްތާން ސަލާމަތް ކުރެވޭނެ ގޮތަކާމެދު ވިސްނަމުންނެވެ.

އެމެރިކާއިން ކުރިން ބޭނުންވީ ޕާކިސްތާންގެ ވައިގެ ސަރަހައްދު ބޭނުން ކުރާށެވެ. ނަމަވެސް އެމެރިކާއަށް ޕާކިސްތާނުން ރުހުން ނުދެނީސް ކުރިއަށް ވާހަކަތަކެއް ދެއްކުމުން ޕާކިސްތާނުން ބުނެފައި ވަނީ ޕާކިސްތާންގެ އަސަކަރީ މަރުކަޒެއްވެސް އަދި ޕާކިސްތާން ސަރަހައްދުވެސް އެމެރިކާގެ މަތިންދާބޯޓްތަކަށާއި އެމެރިކާގެ ޑްރޯންތަކުގެ ބޭނުމަށް ނުދެވޭނެ ކަމަށެވެ.

ތުރުކީއަކީ ޕާކިސްތާންގެ ގާތް ރަހްމަތްތެރިއެކެވެ. ޕާކިސްތާނަކީ ތާލިބާންގެ ރަހުމަތްތެރިއެކެވެ. އަފްޣާނިސްތާން ސަރުކާރަކީ އިންޑިއާއާ ގާތް ބައެކެވެ. އެހެންވެ، ތާލިބާންއާ ގާތް ބަޔަކަށް ކާބުލް އިންޓަރނޭޝަލް އެއަރޕޯޓް ދިނުމަށް އަފްޣާނިސްތާނުން އެއްބަސްވުމަކީ ނާދިރު ކަމެކެވެ.