ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯންގެ ކަންކަށިމަތީގައި ޖެހި މީހާ 4 މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ވެލެންސްގެ ކޯޓެއްގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު ކޯޓުގެ ފަނޑިޔާރު އޭނާގެ މައްޗަށް އިއްވީ 18 މަސްދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ފްރާންސްގެ ގާނޫނުގެ ދަށުން ފަނޑިޔާރަށް ލިބިދޭ އިޚްތިރާރުގެ ދަށުން 18 މަސްދުވަހުގެ ތެރެއިން 14 މަސްދުވަސްވަނީ ސަސްޕެންޑް ކޮށްފައެވެ.

އުމުރުން 28 އަހަރުގެ ޑާމިއެން ޓާރެލް، ފްރާންސްގެ ރައީސް މެކްރޯންގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެހީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެފަހުން އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައެވެ.ަ

އޭނާއަކީ ތާރީޚީ ކަންތައްތަކަށާއި، ބޯޑް ގޭމަށް ވަރަށް ފޯރި ހުންނަ މީހެއް ކަމަށް ވެއެވެ.

ޑާމިއެން ޓާރެލް އުޅެނީ ވަޒީފާއެއްގައެއް ނޫނެވެ. އޭނާ ދިރިއުޅެނީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ލޯބިވެރިޔާއާ އެކުގައެވެ. އާމްދަނީ އަކަށް ލިބެނީ ވަޒީފާ ނެތް މީހުންނަށް ލިބޭ އެލޮވަންސެވެ.

ބުރާސްފަތި ދުވަހު ވެލެންސްގެ ކޯޓަށް ހާޟިރުކުރުމުން ޑާމިއެން ބުނެފައިވަނީ، އޭނާއާއާއި އޭނާގެ ރަހްމަތްތެރިން ކުރިން ވިސްނީ ކުކުޅު ބިހުން ނުވަތަ ކްރީމް ޕައިއަކުން ރައީސަށް ހަމަލާދިނުމަށް ކަމަށެވެ.

ފެންސު ކައިރީގައި އޭނާ ހުއްޓައި މެކްރޯން ކުއްލިއަކަށް އޭނާއާ ދިމާއަށް އައިސް ސަލާންކުރަން އަތްދިއްކޮށްލުމުން އެކަމާ ހިތްހަމަނުޖެހި ބޭއިޚްތިޔާރުގައި ޖެހުނީ ކަމަށްވެސް ބުނެފައި ވެއެވެ. ރައީސްގެ ގައިކޮޅުގައި އެގޮތަށް ޖަހަން ކުރިން ރާވައިގެންހުރީ ނޫން ކަމަށްވެސް ޑާމިއެން ބުންޏެވެ.

ނަމަވެސް، ކޯޓުގައި ޑާމިއެން ޓާރެލްވަނީ ފްރާންސްގެ ރައީސަށް ނުރުހުމުގެ ބަސްތައް ރައްދުކޮށްފައެވެ. އޭނާގެ ސިޔާސަތުތަކަށް ފާޑުކިޔާފައެވެ. މެކްރޯންއަކީ ގައުމު ހަލާކުކުރަމުންދާ މީހެއްގެ ގޮތުގައިވެސް ސިފަކޮށްފައި ވެއެވެ.

ޑާމިއެންގެ ވާހަކަތަކަށް ރައްދުދެމުން ފަނޑިޔާރު ވިދާޅުވީ، އެގޮތަށް ރައީސްގެ ކަންކަށިމަތީގައި ޖެހުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ، ގަސްތުގައި މަސްލަހަތު ނަގާލަން ކުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިހާދިސާއާ ގުޅޭގޮތުން ފްރާންސްގެ ޓީވީއަކުން ސުވާލު ކުރުމުން ރައީސް އިމެނުއެލް މެކްރޯން ވިދާޅުވީ، ކަންކަށިމަތީގައި ޖެހިނަމަވެސް، މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ދަށުން އާންމުންނާ އަދިވެސް ބައްދަލު ކުރައްވާނޭ ކަމަށެވެ.

އެކަމަކު، މެކްރޯންގެ ހަށިފާރަވެރިންވަނީ ރައީސްގެ ސަލާމަތާމެދު ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

މެކްރޯން ބުނީ، އޭނާއަށް ދެވުނު ހަމަލާއަކީ ފްރާންސްގެ ސޯޝަލް މީޑިއާއިން މިހާރު ފެންނަމުންދާ "ވިހާ މާހައުލުގެ" ނަތީޖާ ކަމަށެވެ.

ފްރާންސްގެ ސަރަހައްދީ އިންތިޚާބު ބާއްވަން މަދު ހަފްތާތަކަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބު ބާއްވަން މިހާރުވަނީ 10 މަސްދުވަހަށް ގާތްވެފައެވެ.