ވޯލްޑް ކަޕާއި އޭޝިޔަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ރާއްޖެ ބައްދަލު ކުރަންޖެހޭ ޗައިނާއަކީ ރާއްޖެއާ އަޅާ ބަލާއިރު ބޮޑު ގައުމެއް ކަމަށާއި މިމެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ގަބޫލް ކުރަން ޖެހޭނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ބުނެފިއެވެ.
ޗައިނާ ލީގުގެ ގުއަންޒޫގެ ކޯޗެއްގެ ގޮތުގައި ދެއަހަރު މަސައްކަތް ކޮށްފައިވާ ކޫޕްމަން މިހެން ބުނެފައި ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކޫޕްމަން ބުނީ ޗައިނާގެ ފުޓްބޯޅައިގެ ފެންވަރު އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މިމެޗް ފަސޭހަ ނުވާނެކަން ޔަގީންވާ ކަމަށެވެ.
"ކުރިން އަހަރެން ބުނިހެން ހަގީގަތާ ކުރިމަތިލާން ޖެހޭ. ޗައިނާއަކީ ބޮޑު ގައުމެއް. ރާއްޖެއަކީ ކުޑަ ގައުމެއް. މިމެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް އަހަރެމެން ޖެހޭނީ ނަތީޖާ ގަބޫލް ކުރަން. މިމެޗް އަހަރެން ބޭނުން ކުރާނީ މުސްތަގްބަލަށް އަޅާ ފައުންޑޭޝަނެއް ގޮތުގައި. އަހަރެން މިހެން ދެކުނަސް ކޮންމެ މެޗެއްވެސް ކާމިޔާބު ކުރުން މުހިއްމު. ނޫނީ ބަލިވުމަށްވުރެ އެއްވަރުކޮށްލުންވެސް މުހިއްމު. މިދިޔަ ހަދުވަސް ތެރޭ އަހަރެން ބޭނުންވާ މިސްރާބަށްދާން ފަޔަވަޅުތަކެއް ކުރިއަށް އެޅިއްޖެ. ޗައިނާ ކަހަލަ ބޮޑު ގައުމަކާ ދެކޮޅަށް ނިކުންނައިރު އޮންނަން ބޭނުންވާ ހިސާބުގައެއް ނޫން ރާއްޖެ އަދި މިއޮތީ" ކޫޕްމަން ބުންޏެވެ.
ރާއްޖެއިން ވަނީ 2002 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ވާދަކޮށްފައެވެ. 2002 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގައި ގަދަ ފިނީގައި ކުޅެ ރާއްޖެ ބަލިވީ 10-1 އިންނެވެ. މާލޭގައި ކުޅުނު މެޗުން ރާއްޖެއިން ޗައިނާ ހައިރާން ކޮށްލިއެވެ. ޗައިނާއަށް އެމެޗުން މޮޅުވެވުނީ އުނދަގޫ ކަމާއެކު 1-0 އިންނެވެ. 2018 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ދެވަނަ މެޗުން ބަލިވީ 4-0 އިންނެވެ. 2022 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ މެޗުގައި ރާއްޖޭގައި ކުޅެ ރާއްޖެ ބަލިވެފައި ވަނީ 5-0 އިންނެވެ. މިރޭގެ ދުބާއީގައި ރާއްޖެ އާއި ޗައިނާ ބައްދަލު ކުރާ މެޗަކީ ޗައިނާގެ ހޯމް މެޗެވެ.
ކޮލިފައިންގައި ރާއްޖެ މިހާތަނަށް 6 މެޗް ކުޅެފައިވާއިރު މޮޅުވެވިފައިވަނީ ގްރޫޕް ފުލުގައި އޮތް ގުއާމްއާ ދެކޮޅަށް ކުޅުނު 2 މެޗުން އެކަންޏެވެ. އަނެއް ހަތަރު މެޗުންވީ ބައްޔެވެ. ހަމެޗުގައި ރާއްޖެ ކޮޅަށް 14 ލަނޑު ވަދެފައިވާއިރު ކާމިޔާބު ކުރެވިފައި ވަނީ އެންމެ 6 ލަނޑެވެ. ހަޕޮއިންޓާއި ގެއްލުން 8 ލަނޑާއެކު ރާއްޖެ އޮތީ ގްރޫޕުގެ 4 ވަނައިގައެވެ. ރާއްޖޭގެ އަމާޒު ހުރީ 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިޔަން ކަޕަށެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެގައުމަށް އޭޝިޔަން ކަޕުން ސީދާ ޖާގައެއް ލިބެއެވެ. މިގްރޫޕުގެ އެއްވަނަ ސީރިއާ އަދި ދެވަނަ ޗައިނާއިން ވަނީ ޔަގީން ކޮށްފައެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕާއި އޭޝިޔަން ކަޕް ޖޮންޓް ކޮލިފައިން ނިމޭއިރު ތިންވަނައަށްދާ ގައުމަތަކަށް އޭޝިޔަން ކަޕަށް ކޮލިފައިވުމަށް ތިންވަނަ ބުރުން އޮޓަމެޓިކް ޖާގައެއް ލިބޭނެއެވެ. ހަތަރުވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ 4 ގައުމަށް އޭޝިޔަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުން ސީދާ ޖާގައެއް ލިބޭނެއެވެ. މިވަގުތަށް ބަލާއިރު ރާއްޖެއަށް ވުރެ އިތުރަށް އެއްޕޮއިންޓް ހޯދައިގެން މިގްރޫޕުގެ 3 ވަނަ މަގާމުގައި އޮތީ ފިލިޕީންސެވެ.
ފިލިޕީންސަށް ގުއާމްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެއް ކުރިއަށް އޮތުމުން އެގައުމުން މިގްރޫޕުގެ ތިންވަނަ މަގާމް ކަށަވަރު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އޭޝިޔަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް ފުރުސަތު ލިބޭނެކަމަށް ބެލެވެނީ ކޮލިފިކޭޝަނުގެ ތިންވަނަ ރައުންޑަށް ކޮލިފައިވުމަށް ކުޅެން ޖެހޭ ޕްލޭއޯފްއިންނެވެ.
ކޮލިފައިންގައި އެންމެފަހުން ރާއްޖެ ކުޅުނު މެޗުގައި ސީރިއާ އަތުން ބަލިވީ 4-0 އިންނެވެ. ކޮވިޑުގެ ސަބަބުން އެމެޗުގައި ނުކުޅެވުނު ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭނެކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖެ އާއި ޗައިނާ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 22:00 ގައެވެ. މިމެޗް ޕީއެސްއެމްގެ "ޔެސްޓީވީ" އިން ވަގުތުން ދައްކާނެއެވެ.